ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވުޒާރާތަކަށް އައްޔަންކުރައްވާފައިވާ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު، ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން "ގެއްލިފައި" ހުންނަތާ ދެ މަހެއްހާ ދުވަސް ވެއްޖެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓު ތައާރަފްކުރިފަހުން ހުރިހާ ސަރުކާރުތަކެއްގައި ވެސް ރައީސް އޮފީހުގެ ވެބްސައިޓު މެދުވެރިކޮށް، ސިޔާސީ އެކި މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ ވަނަވަރާއި ފޮޓޯ ފެންނަން ހުރެއެވެ.
މި ސަރުކާރުގެ ކުރީކޮޅު ވެސް އެ މައުލޫމާތުތައް ސައިޓުގައި ފެންނަން ހުރި ނަމަވެސް، އަވަސް އަވަހަށް މަގާމުތައް ބަދަލުވެ، އެކި ބޭފުޅުން އެކި ވުޒާރާތަކަށް ބަދަލުކޮށް، އާ ބޭފުޅުން އައްޔަންކޮށް، ވުޒާރާތަކުގެ މެންޑޭޓަށް ބަދަލު އަންނަން ފެށުމާއެކު އެ މައުލޫމާތުތައް އަދާހަމަކުރުން ވަނީ ހުއްޓިފައެވެ.

ރައީސް އޮފީހުގެ ސައިޓުން ނައިބުންނާއި ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމުތައް ކުރިން ފެނޭ، މިހާރު ނުފެނޭ --
ޚާއްސަކޮށް، ފަހުން އައްޔަންކުރި ގިނަ ބޭފުޅުންގެ މައުލޫމާތު ވެބްސައިޓަށް ނާރުވައި ދޫކޮށްލާފައިވާއިރު، މިހާރު އެ މައުލޫމާތުތައް ހިމެނޭ ޕޭޖުތައް ވެސް ވަނީ ރައީސް އޮފީހުގެ ސައިޓުން މުޅިން އުނިކޮށްފައެވެ.
މީގެ ސަބަބުން، އެކި މިނިސްޓްރީތަކުގެ އިސް މަގާމުތަކުގައި ތިއްބެވީ ކޮން ބޭފުޅުންނެއްކަން ފަސޭހައިން ހޯދޭނެ އިތުރު ގޮތެއް ވެސް ނެތެވެ.
މިކަމާ ގުޅޭގޮތުން މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ރައީސް އޮފީހުގެ މިނިސްޓަ ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެ މައުލޫމާތުތައް ނެގީ ވުޒާރާތަކަށް ގެނައި ބަދަލާއެކު ސައިޓު އަދާހަމަކުރުމަށް ކަމަށެވެ.
"މިނިސްޓްރީތަކުގެ އަދަދު 15 އަށް މަދުވީމާ އަންނަ އަޕްޑޭޓްތަކާއެކު ޕޭޖް އަދާހަމަކޮށްފައި ޕަބްލިޝް ކުރާނަން،" ޚަލީލް އެ ދުވަހު ވިދާޅުވިއެވެ.
ނަމަވެސް، އެ ޖަވާބު ދެއްވި ފަހުން މިހާރު ދެ މަސް ދުވަސް ވެގެން ދިޔައިރު ވެސް، އެ މައުލޫމާތުތައް އަލުން ސައިޓަށް އަރުވާފައެއް ނުވެއެވެ.
މިހާރުގެ އަދާހަމަ ބެލުމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)އާ "ސަން"އިން ސުވާލުކުރުމުން އަދި ޖަވާބެއް ނުދެއްވައެވެ.
މި މައުލޫމާތުތައް ފޮހެލާފައި ވަނިކޮށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދާދިފަހުން ވަނީ އަސާސީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުން ރައީސް އޮފީސް 100 ޕަސެންޓު ފުރިހަމަކޮށްފައިވާ ކަމަށް ބުނެ އެ އޮފީހަށް ތައުރީފުކޮށްފައެވެ.
އެހެންނަމަވެސް، މީގެ ކުރިން ހާމަކުރަމުން އައި މިފަދަ މުހިންމު މައުލޫމާތުތައް ފެންނަން ނެތުމުން، މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށް ސަރުކާރުން ތަބާވާ މިންވަރާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ސަރުކާރަށް ތިން އަހަރުވާން ގާތްވަމުން އަންނައިރު، މިހާތަނަށް ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ ޖުމްލަ އަދަދު ވެސް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
އަދި މަގާމުތަކަށް އައްޔަންކުރާ މީހުންގެ ނަންތަކާއި މައުލޫމާތު ހާމަކުރުން ލަސްކުރުމާއި، ދެކޮޅު ހެދުން ވެސް ވަަރަށް އާންމެވެ.