ހެނދުނުގެ ވަގުތުތަކުގައި ވަރުބަލިކަން އިހުސާސްވާނަމަ، މެންދުރުފަހު ކުޑަކޮށް ނިދާލުމަކީ ހަށިގަނޑަށް އާރޯކަން ގެނެސްދޭނެ ކަމެކެވެ.
ސްޓޭންފޯޑް ސްކޫލް އޮފް މެޑިސިންއާ ގުޅުންހުރި ސިއްހީ މާހިރަކު ދާދި ފަހުން ވަނީ ނިދުމުގައި ސަމާލުކަން ދޭންޖެހޭ ތިން އުސޫލެއް ހިއްސާކުރައްވާފައެވެ. އެއީ، ނިދާ ވަގުތު 20 މިނެޓާއި 30 މިނެޓާ ދެމެދުގައި ހިފެހެއްޓުން، މެންދުރުފަހު ދޭއްގެ ކުރިން ނިދުން، އަދި ރޭގަނޑުގެ ނިދި ހަރާބުވާނަމަ ދުވާލު ނިދުމާ މުޅިން ދުރުހެލިވުމެވެ.
މިކަމާ ގުޅޭގޮތުން އިންޓަނަލް މެޑިސިންގް މާހިރެއް ކަމަށްވާ ޑރ. ޗިރާގް ޓަންޑަން ވިދާޅުވަނީ މި އިރުޝާދުތަކަކީ ސިއްހީގޮތުން ވަރަށް ބޮޑަށް ބުރަދަން ހުރި ވާހަކަތަކެއް ކަމަށެވެ.
ޑރ. ޓަންޑަން ބަޔާންކުރައްވާ ގޮތުގައި ކުރު ނިދީގެ ސަބަބުން ސިކުނޑި ތާޒާވެ، މަސައްކަތަށް ދޭ ސަމާލުކަން އިތުރުކޮށްދެއެވެ. ނަމަވެސް، މާގިނައިރު ނިދުމުން ހަށިގަނޑު "ގަދަ ނިދީގެ" މަރުހަލާއަށް ދެއެވެ.

ނިދުމުގައި ސަމާލުކަން ދޭންޖެހޭ ތިން އުސޫލެއްވާއިރު މެންދުރުފަހު ދޭއްގެ ކުރިން ނިދުމަކީ އޭގެތެރެއިން މުހިއްމު އެއް އުސޫލު--ފޮޓޯ/ޕިންޓްރެސްޓް
މީގެ ސަބަބުން ހޭލާއިރު ބޯބަރުވެ، މީހާ ފޫހިވެ، މަސައްކަތަށް އެނބުރި އަންނަން އުނދަގޫވެއެވެ. އެހެންކަމުން ދުވާލުގެ ހަކަތަ އިތުރުކުރުމަށް އެންމެ ރަނގަޅީ ކުރު "ޕަވަ ނެޕް"އެއް ކަމަށް ޑރ. ޓަންޑަން އިރުޝާދު ދެއްވައެވެ.
ނިދާ ވަގުތަކީ ވަރަށް މުހިންމު އެއްޗެކެވެ. މެންދުރުފަހު މާ ލަހުން ނިދުމަކީ ރޭގަނޑު ނިދަން އުނދަގޫވެދާނެ ކަމެކެވެ. އެހެންކަމުން، ހަށިގަނޑުގެ ގުދުރަތީ ނިދީގެ ނިޒާމާ އެއްގޮތަށް، މެންދުރުފަހު ކުރީކޮޅު ނިދާލުމުން ރޭގަނޑުގެ އާންމު ނިދީގެ އުސޫލަށް ބުރޫއެއް ނާރާނެއެވެ.
ދުވާލު ނިދުމަކީ ކޮންމެ ކޮންމެ މީހަކަށް އެންމެ ފައިދާހުރި ކަމަކަށް ނުވެދާނެއެވެ. ރޭގަނޑު ނިދި ނުލިބުމުގެ މައްސަލަ ނުވަތަ 'އިންސޯމްނިއާ' ހުންނަ މީހުން ދުވާލު ނިދުމުން އެ މައްސަލަ އިތުރަށް ގޯސްވެދާނެއެވެ.
ޑރ. ޓަންޑަން އިރުޝާދު ދެއްވާ ގޮތުގައި، ދުވާލުގެ ކުރު ނިންޖަށްވުރެ ރޭގަނޑުގެ ހަމަނިދި މާ މުހިންމެވެ. ދުވާލު ނިދާ ނިދި ވާންޖެހޭނީ ސިއްހަތަށް އެހީތެރިވެދޭ އެއްޗަކަށެވެ. އެއީ އާންމު ނިދީގެ އާދަތަކަށް ހުރަސްއަޅާ ކަމަކަށް ވެގެން ނުވާނެއެވެ.
ޚުލާސާކޮށް ދަންނަވާނަމަ، ސްޓޭންފޯޑުގެ މި އުސޫލުތަކަކީ ރަނގަޅު އުސޫލުތަކެކެވެ. ކުރު ނިދި ކޮޅަކުން އާރޯކަން ލިބުނު ކަމުގައިވިޔަސް، އެކަން ކުރަންވާނީ ތިމާގެ ސިއްހަތާއި ރޭގަނޑުގެ ނިދި ހަމަޔަކަށް އެޅޭނެ ގޮތެއްގެ މަތިންނެވެ.