އިސްލާމް އާބާދު 25 (13 ޖޫން 2026) : ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލުމަށް އެމެރިކާއާއި އީރާނުން ނުސީދާ ގޮތެއްގައި ކުރި މަޝްވަރާތައް ކޮޅެއްގައި ޖެހި އެދެފަރާތުން އެއްބަސްވުމަކަށް އައިސްފިކަން ޕާކިސްތާން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
މިކަން އިއުލާން ކުރެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއެވެ. ޕާކިސްތާނަކީ އީރާންއާއި އެމެރިކާއާ ދެމެދު ނުސީދާ ގޮތެއްގައި ކުރިޔަށްގެންދާ މިވާހަކަތަކުގެ މެދުވެރިޔާއެވެ. ޕާކިސްތާނުގެ އިތުރުން މިފަހަކަށް އައިސް ގަތަރުންވެސްވަނީ މެދުވެރިއެއްގެ ބައި އަދާކުރަން ފަށާފައެވެ.
ޝެހެބާޒް ޝަރީފް މިއަދު ހަވީރު ވިދާޅުވީ 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއްގެ ޑްރާފްޓަށް އެމެރިކާއާއި އީރާން މިހާރު ރުހުން ދީފައިވާ ކަމުގައެވެ.
ޝެހެބާޒް ޝަރީފު މިކަން އިއުލާން ކުރެއްވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާން އާއެކު އެއްބަސްވުމަކަށް އެމެރިކާ އައިސްފިކަން އިއުލާން ކުރައްވާފައެވެ.
ޓްރަމްޕް އެގޮތަށް އިއުލާން ކުރެއްވިނަމަވެސް އޭރު އީރާން ބުނެފައިވަނީ ޓްރަމްޕް އެވިދާޅުވާ އެއްބަސްވުމުގެ ޑްރާފްޓަށް އެގައުމު ރަސްމީކޮށް އަދި ރުހުން ދީފައިނުވާނެ ކަމުގައެވެ. ނަމަވެސް އޭގެ 12 ވަރަކަށް ގަޑީއިރު ފަހުން މިކަން ޕާކިސްތާން އިއުލާން ކުރުމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުން މިއީ ޕާކިސްތާނަށް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ހާސިލް ކުރެވުނު ކަމެކެވެ. މިކަމުގައި ގަތަރުވެސް ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމުގައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުގެ މިބަޔާން ބުނާގޮތުން އެމެރިކާއާއި އީރާނުގެ އިސްވެރިން މި އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރައްވާނެއެވެ. ރިޕޯޓްތައް ބުނާގޮތުން މި އެއްބަސްވުމުގައި އީރާންގެ ފަރާތުން ސޮއިކުރައްވާނީ އީރާނުގެ ޕާލަމެންޓްގެ ރައީސް ޑރ. މުހައްމަދު ބާގިރު ގަލީބާވް އެވެ. އެމެރިކާގެ ފަރާތުން ސޮއިކުރައްވާނީ އެގައުމުގެ ނައިބު ރައީސް ޑޭޖީ ވާންސް އެވެ.
މި އެއްބަސްވުމުގައި ހިމެނޭ އީރާނުގެ ނިއުކްލިޔާ މައްސަލަ ވަނީ މިއެއްބަސްވުމުގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައި އެމެރިކާއާއި އީރާން އާ ދެމެދު އިތުރަށް ވާހަކަދައްކައިގެން ހައްލުކުރުމަށް ފަސްކޮށްފައެވެ. އަދި އީރާން އާ ދެކޮޅަށް އެމެރިކާއަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުންވެސްވަނީ 60 ދުވަހުގެ ތެރޭގައި ހައްލުކުރުމަށް ފަސްކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން މިވަގުތަށް ހައްލުވެގެންދާނީ ފަސްވަރަކަށް މައްސަލައެވެ. ފުރަތަމަ ކަމަކީ އެމެރިކާއާއި އީރާން އާ ދެމެދު ހިނގަމުންދާ ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލުމެވެ. ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމުގައި ޔަހޫދީ އިސްރާއީލުން ލުބްނާންއަށް ދޭ ހަމަލާތައް ހުއްޓާލުންވެސް ހިމެނެއެވެ.
މީގެއިތުރުން ދެން ހިމެނޭ ކަންކަމަކީ އެމެރިކާ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ވަގުތުން އުވާލުމާއި އެމެރިކާގެ އަސްކަރީ ބާރުތައް އީރާން އާ ދުރަށް ގެންދިޔުމެވެ. އަދި އީރާންގެ ތެލާއި ގޭސް އެކްސްޕޯޓް ކުރުމާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމެވެ. އަދި އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ 100 ވަރަކަށް ބިލިޔަން ޑޮލަރުގެ ތެރެއިން ހަތަރުބައި ކުޅަ އެއްބައި އީރާނަށް ލިބޭނެގޮތް ހެދުމެވެ.
މިކަންކަމުގެ ބަދަލުގައި އީރާން ކުރަންޖެހޭ ކަމަކީ އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅި އެއްކޮށް ހުޅުވާލުމެވެ. ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަށް އީރާން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް މަޑުމަޑުން އުވާލަމުން ގޮސް 30 ދުވަހުގެ ތެރޭގައި އުވާލުމެވެ.
މީގެއިތުރުން ހަނގުރާމައިގާ އީރާން އަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށާއި އީރާނުގެ ހަލާކުވީ ތަންތަން އަލުން ބިނާކޮށް އާރާސްތު ކުރުމަށްޓަކައި 300 ބިލިޔަން ޑޮލަރުގެ މަޝްރޫއެއް އެމެރިކާ އިފްތިތާހް ކޮށްދިނުންވެސް މި އެއްބަސްވުމުގެ ޑްރާފްޓްގައި ހިމެނެއެވެ. ނަމަވެސް މިކަންވަނީ ނިއުކްލިޔާ މައްސަލަގޮތަށް 60 ދުވަހުގެ ތެރޭގައި ކުރާގޮތަށް ފަސްކޮށްފައެވެ.
މި ޑްރާފްޓް އާމެދު އެމެރިކާގެ ހަރުކަށި ފަރާތްތަކާ އަދި އިސްރާއީލު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ އެމެރިކާގެ ޒަޔަނިސްޓް ލޮބީ އާއި ޔަހޫދީ އިސްރާއީލު އެދޭގޮތަށް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ރޫޅާލުން މީގައި ނުހިމެނޭތީއެވެ. މިޕްރޮގްރާމު ރޫޅާލުމުގެ ބަދަލުގައި އީރާންދޭންޖެހެނީ ނިއުކްލިޔާ ހަތިޔާރު ނުހަދާނެކަމުގެ ގެރެންޓީއެވެ. އެކަން ޗެކްކުރެވޭ ގޮތަށެވެ.
އީރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނިފައިވުމަކީވެސް އިސްރާއީލުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އީރާންވަނީ އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމު ރޫޅާލުމަކީ އޮތް ޗޮއިސް އެއްނޫންކަމަށާ އަލުން ހަނގުރާމަ ފެށިނަމަވެސް އެކަމުގައި ދޫނުދޭނެކަމަށް ބުނެފައެވެ.
ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ ދިނުމުގެ އިތުރުން ދެން މިމައްސަލާގައި އެންމެ ބޮޑަށް ދޫދޭނީ އަސްކަރީ ކަންކަމަށް ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމަށާއި އަސްކަރީ ބޭނުންތަކަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމްގެ ބާރު ކަނޑުވާލުމަށެވެ.
މަދަނީ ބޭނުންތަކަށް ބޭނުންކުރެވޭވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްނުލާނެކަމަށާ އަދި އަސްކަރީ ބޭނުންތަކަށް 60 އިންސައްތަ ފައްކާކޮށްފައިވާ ޔޫރޭނިޔަމް ގެ ބާރުކަނޑުވާލަން ޖެހޭނީ އދ. ގެ ބެލުމުގެ ދަށުން އީރާން ތެރޭގައި އީރާން އަމިއްލައަށެވެ. އެމެރިކާއާ ނުލައެވެ.
މިކަންކުރާނީ އީރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލާގޮތަށެވެ. މިއީ މިމައްސަލާގައި އަބަދުވެސް އީރާން ގެންގުޅޭ ސްޓޭންޑެވެ. ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ޔަގީންކަމަކީ ކުރިންވެސް އީރާން ދީފައިވާ ޔަގީންކަމެކެވެ. މިފަހަރުވެސް ދޭނީ ހަމަ މިޔަގީންކަމެވެ.
އީރާން އާ ދެކޮޅަށް ހަނގުރާމަ ކޮށްގެން އެމެރިކާއަށް ސިޔާސީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން އެއްވެސް ކަމެއް ހާސިލެއް ނުކުރެވުނެވެ. އީރާނުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ގެންނަން މަޖުބޫރު ކުރުމުގައި އެމެރިކާއާއި އިސްރާއީލުގެ އުދުވާން ވަނީ މުޅިން ނާކާމިޔާބު ވެފައެވެ.