ސިވިލް ސާވިސްގެ މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ހޯދައި، ދިރާސާކުރަން ޖެހޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު މުޖުތާޒު މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މުޖުތާޒު ވަނީ، ސިވިލް ސާވިސްގައި 35،000އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައިފައެވެ.
އެ ޚިދުުމަތުގައި މުވައްޒަފުން ގިނަ ނަމަވެސް، އޭނާ ވިދާޅުވީ، ރާއްޖެ އުފެދިފައިވާ ގޮތުން ޚިދުމަތްތައް ދިނުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސިވިލް ސާވިސްއިން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.
ސިވިލް ސާވިސްގެ ޚިދުމަތްތައް ތަރައްގީ ކުރުމަށް ޓަކައި، އެ ނިޒާމު ހަރުދަނާ ކުރަން ޖެހޭކަން ފާހަގަކުރައްވައި މުޖުތާޒު ވިދާޅުވީ މި ކޮންފަރެންސަށް ކަމާ ގުޅުންހުރި ދިރާސާތައް ހުށަހަޅާނެ ކަމަށެވެ. އެ އިލްމީ ދިރާސާތަކުގެ ތެރޭގައި ހިންގުން ހަރުދަނާ ކުރުމާއި، އިދާރާތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި މަސައްކަތުގެ ރައްކާތެރި މާހައުލެއް ގާއިމުކުރުން ފަދަ ކަރުދާސްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ސީއެސްސީ
އެ ދިރާސާތަކުން ލިބޭ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، ރާއްޖޭގެ މާހައުލަށާއި ހާލަތަށް އެންމެ އެކަށޭނަ ގޮތްތައް ދެނެގަންނަން ޖެހޭނެ ކަމަށް މުޖުތާޒު ވިދާޅުވިއެވެ.
"މިއަދު ސިވިލް ސާވިސްގެ ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް ލިބެމުންދާ ޝަކުވާއަކީ އޮފީސްތަކުން ދެވޭ ޚިދުމަތްތައް ލަސްވުމާއި ފޯނަށް ޖަވާބު ނުދިނުމާއި މުވައްޒަފުންގެ ފަރުވާ ކުޑަވުމުގެ މައްސަލަ. މި ހުރިހާ މައްސަލައަކީ ވެސް ހައްލު ހޯދަން ޖެހިފައިވާ ކަންތައްތައް،" އޭނާ ވިދާޅުވިއެވެ.
މުޖުތާޒު ފާހަގަކުރެއްވި ގޮތުގައި، ސިވިލް ސާވިސްގެ ޚިދުމަތް ރަނގަޅު ކުރުމަށް، މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމު ފާއިތުވި އަހަރުތަކުގައި ހަރުދަނާކޮށް، ކޮންމެ އަހަރަކު ވެސް އެ މަސައްކަތް ކުރިއަށްގެންދެއެވެ.
ނަމަވެސް ހިތާމައަކީ ސިވިލް ސާވިސްގެ ޚިދުމަތާ މެދު ރައްޔިތުންގެ އުއްމީދާ އެއްވަރަށް އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވޭކަން، ކަން މިހެން އޮތުމާއެކު މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ހޯދަން އެބަޖެހޭ، އެކަމާ މެދު ދިރާސާކުރަން ޖެހޭ.
ސީއެސްސީގެ ރައީސް މުހައްމަދު މުޖުތާޒު
އޭނާ ވިދާޅުވީ ސިވިލް ސާވިސް ކޮންފަރެންސްގައި އެ މައްސަލަތަކަށް ހައްލެއް ހޯދުމަށް، ބިނާކުރަނިވި ޚިޔާލުތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މުޖުތާޒު އިތުރަށް ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކެކޭ އެއްފަދައިން ކޮންމެ ދިވެއްސަކަށް ވެސް އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން ހިފައި، ޚިދުމަތްތައް ލިބުމުގެ މަގުފަހިވެފައިވާ ކަމަށެވެ. އަދި ޚިދުމަތެއް ތަރައްގީ ކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފައިފި ނަމަ އެ ޚިދުމަތެއް އެތައް ގުނައަކަށް ތަރައްގީވެ، ޚަރަދު ވެސް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ސިވިލް ސާވިސްގެ ޚިދުމަތުގައި ވެސް ޓެކްނޮލޮޖީ ވީހާވެސް ބޮޑަށް ބޭނުންކޮށް، ކަރުދާސް މަދުކޮށް، އާންމު ރައްޔިތުންނާ ވީހާ ވެސް ގާތުން ޚިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރަން މުޖުތާޒު ގޮވައިލެއްވިއެވެ.
ސިވިލް ސާވިސްގެ މަސައްކަތާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް، ކޮންމެ ދެ އަހަރަކުން އެއް އަހަރު ސިވިލް ސާވިސް ކޮންފަރެންސް ބާއްވައެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު އެހާ ގިނައިރު، ޚިދުމަތްތައް ލަސްވުމުގެ ކަންބޮޑުވުން އޮންނަތާ އެތައް އަހަރެއް ވަނީ ވެފައެވެ.
މީގެ އިތުރުން، ފާއިތުވި އަހަރުތަކަށް ބަލާނަމަ، ސިވިލް ސާވިސް މުވައްޒަފުންނަށް ކުރާ ޚަރަދުތައް އަންނަނީ އަހަރަކަށްވުރެ ބޮޑުވަމުންނެވެ. މުސާރަތައް އެއްހަމަކުރެވި، ވަކި އުސޫލަކުން ބޮޑުކުރެވިފައިވާއިރު، މިހާރު ބޮޑުނުވާ ހުރިހާ މުވައްޒަފުންގެ މުސާރަތައް ވެސް މިދިޔަ އަހަރު ވަނީ ބޮޑުކޮށްފައެވެ. އަދި މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން މި އަހަރު އެކަނިވެސް 1.7 ބިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.