ބޮލީވުޑްގެ ފިލްމު ޑައިރެކްޓަރު ޝަރަން ޝަރްމާއާއި ބަތަލާ އަކަންޝާ ރަންޖަން ކަޕޫރު އަންނަ މަހު ކައިވެނިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޝަރަންއާއި އަކަންޝާގެ ކައިވެނިކުރަން ހަމަޖެހިފައިވަނީ މުމްބާއީގައި ބާއްވާ ކުޑަ ހަފުލާއެއްގައެވެ. ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ އެންމެ ގާތް ރަހުމަތްތެރިޔާ އަކަންޝާއަކީ ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ގިލްޓީ" އަދި "މޮނިކާ އޯ މައި ޑާލިން" ފަދަ ފިލްމުތަކުން ފެނުނު ފިލްމީ ތަރިއެކެވެ.
ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް"ގެ ޑައިރެކްޓަރު ޝަރަންއާއި އަކަންޝާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވީ ނަމަވެސް ދެ މީހުންގެ ލޯބީގެ ގުޅުން މިހާތަނަށް ވެސް އޮތީ ސިއްރުކޮށްފައެވެ.

ފިލްމު ޑައިރެކްޓަރު ޝަރަން ޝަރްމާ އަދި އަކަންޝާ ރަންޖަން ކަޕޫރު--ފޮޓޯ/އިންޑިއާޓުޑޭ
ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުންސްތާން ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ޝަރަންއާއި އަކަންޝާގެ ކައިވެނި އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހު ކުރަން ނިންމާފައިވާއިރު ދެ ތަރިންގެ ފަރާތުން ބާއްވާ ކައިވެނީގެ ރިސެޕްޝަން އޮންނާނީ ޖެހިގެން އޮންނަ ދުވަހެވެ. މި ހަފުލާ ބާއްވަން ހަމަޖެހިފައިވަނީ މުމްބާއީގެ ޖޭ ޑަބްލިއު މެރިއޮޓް ހޮޓަލުގައި ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.
އަކަންޝާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހު 31ގައި ރިލީޒްކުރާ "ތެރަ ޔާރު ހޫ މޭ"އިންނެވެ. ޝަރަންގެ ކުރިއަށް އޮތް ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންއަށް ޑައިރެކްޓްކޮށްދޭ ފިލްމު "ކުކޫ ކީ ކުންދަލީ"އެވެ.