މިރޭ ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ހެއިޓީގެ ގައުމީ ފުޓްބޯޅަ ޓީމުން ބޭނުންކުރާ ރަސްމީ ޖާޒީގައި ސިޔާސީ މެސެޖުތަކެއް ހުރި ކަމަށް ބުނެ، އެ ޖާޒީ ބަދަލުކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އަންގައިފިއެވެ.
ފީފާއިން ހެޓީގެ ޓީމަށް ޖާޒީ ބަދަލުކުރަން އަނަގާފައި މިވަނީ ވޯލްޑް ކަޕް ފެށެން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
ހެއިޓީގެ ޖާޒީ ފަރުމާކުރި ސައެޓާ ކުންފުނިން ބުނި ގޮތުގައި، ޖާޒީގައި ހިމަނާފައިވަނީ 1803 ވަނަ އަހަރު ފަރަންސޭސިވިލާތާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމަ ކަމަށްވާ 'ބެޓްލް އޮފް ވާޓިއާސް' ރަމްޒުކޮށްދޭ ކުރެހުންތަކެކެވެ. ނަމަވެސް ފީފާގެ ގަވާއިދުތައް ބުނާގޮތުން ކުޅިވަރުގެ ސާމާނުގައި ސިޔާސީ ނުވަތަ އަސްކަރީ ރަމްޒުތައް ބޭނުންކުރުމަކީ މަނާކަމެކެވެ.
މި މައްސަލައާއި ގުޅިގެން ސައެޓާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މި ފަރުމާއަކީ ސިޔާސީ މެސެޖެއް ދިނުމުގެ މަގްސަދުގައި ކުރި ކަމެއް ނޫން" ކަމަށާއި، އޭގެ ބަދަލުގައި އެއީ ހެއިޓީގެ ތާރީޚާއި ގައުމީ ފަޚުރު ދައްކުވައިދިނުމަށް ކުރި ކަމެއް ކަމަށެވެ.
އެހެންނަމަވެސް، ފީފާގެ ނިންމުމަށް އިހުތިރާމްކޮށް، ހެއިޓީން ޖާޒީއަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ވަނީ ގެނެސްފައެވެ.
ފީފާގެ ރަސްމީ މީޑިއާ ސެޝަންތަކުން ފެންނަ ގޮތުގައި، ހެއިޓީގެ ކުޅުންތެރިން މިހާރު ތިބީ މައްސަލަޖެހުނު ކުރެހުންތައް އުނިކޮށްފައިވާ އާ ޖާޒީގައެވެ. އާ ޖާޒީގައިވެސް ހެއިޓީގެ ސަގާފީ ކުލަތައް ކަމަށްވާ ނޫ، ހުދު އަދި ރަތް ކުލަ ހިމެނެއެވެ.
މި ނިންމުމާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވީ ނަމަވެސް، ހެއިޓީގެ ޓީމުން މިހާރު އަމާޒު ހިފާފައިވަނީ ފީފާގެ އެންގުންތަކަށް ބޯލަނބައި މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކުމަށެވެ. މިއީ 1974 ވަނަ އަހަރަށްފަހު ހެއިޓީން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
52 އަހަރުގެ މެދުކެނޑުމަކަށްފަހު ވޯލްޑް ކަޕަށް އެނބުރި އައި ހެއިޓީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ. މުޅި ގައުމުގެ ސަމާލުކަން މިހާރު ހުރީ މި ތާރީޚީ މުބާރާތުގައި ޓީމުން ހޯދާނެ ނަތީޖާއަކަށެވެ.