މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފޯރިގަދަކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑް ކަޕް ބެލުމަށް ބޮޑުސްކްރީންތައް ބަހައްޓައިފިއެވެ.
އެޗްޑީސީން ބުނީ، އެ ސްކްރީންތައް ބަހައްޓާފައިވާ ހުރިހާ ސަރަހައްދަކުން ވެސް މިއަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ދައްކާނެ ކަމަށެވެ.
އެގޮތުން، ބޮޑު ސްކްރީނުން އާންމުންނަށް މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ހުޅުމާލޭގެ ތިން ސަރަހައްދުގެ ތެރޭގައި ހިމެނެނީ، ސެންޓްރަލް ޕާކާއި ހުޅުމާލެ ފުރަތަމަ ފިޔަވަހި ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރީގެ އިތުރަށް ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރިއެވެ.
މީގެއިތުރުން، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށްވެސް އަމާންކަމާއެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އަމާޒެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިރޭ ވޯލްޑް ކަޕްގެ މެޗުތައް ފަށާއިރު، އެ ކަމުގެ ފޯރި ވަނީ ގިނަ ބައެއްގެ މެދުގައި ގަދަވެފައެވެ.