މީހުން ވާހަކަދައްކަމުންދާ ވަގުތު އެއްވެސް މެދުކެނޑުމެއްނެތި ވަގުތުން ބަސް ތަރުޖަމާކޮށްދޭ ޚާއްސަ ޖެމިނައި އޭއައި މޮޑެލްއެއް ގޫގުލް އިން ނެރެފިއެވެ.
ޖެމިނައި 3.5 ލައިވް ޓްރާންސްލޭޓް ގެ ނަމުގައި ތައާރަފުކުރި މި އައު އާޓިފިޝަލް އިންޓެލިޖެންސް މޮޑެލް ފަރުމާކޮށްފައިވަނީ ތަފާތު ބަސްބަހުން ވާހަކަދައްކާ މީހުންގެ މެދުގައި ވަރަށް ފަސޭހައިންނާއި ގުދުރަތީ ގޮތަކަށް މުއާމަލާތް ކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ.
ގޫގުލް އިން ބްލޮގް ޕޯސްޓެއްގައި ހާމަކުރި ގޮތުގައި މި އައު ސިސްޓަމަށް 70 އަށްވުރެ ގިނަ ބަސް އަމިއްލައަށް ދެނެގަނެ، އެއް ބަހުން އަނެއް ބަހަށް ވަގުތުން ބަދަލުކޮށްލުމުގެ ގާބިލުކަން ލިބިގެންވެއެވެ.
މި އައު ޓެކްނޮލޮޖީގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ވާހަކަދައްކާ މީހާގެ އަޑުގެ ރާގާއި، ވާހަކަދެއްކުމުގެ ބާރުމިނާއި، އަދި ޖަޒުބާތުތައް ހުރިގޮތް ދެނެގަނެ، ތަރުޖަމާކުރާ އަޑުގައިވެސް އެ ސިފަތައް ހިފަހައްޓައިދިނުމެވެ. އަދި މިއީ ކުރީގެ ސިސްޓަމްތަކާ ޚިލާފަށް، އެކަކު ވާހަކަދައްކާ ނިމެންދެން މަޑުކުރަން ނުޖެހި، ވާހަކަދައްކަމުންދާ ވަގުތު މަދު ސިކުންތުކޮޅެއްގެ ތެރޭގައި މެދުކެނޑުމެއްނެތި ތަރުޖަމާ އަޑުއިވޭނެ ސިސްޓަމެކެވެ.
މީގެ ސަބަބުން ގިނަ ބަސްބަހުން ކުރިއަށްދާ ބައްދަލުވުންތަކާއި، ލައިވް ބްރޯޑްކާސްޓްތަކާއި، އަދި ކަސްޓަމާ ސަޕޯޓް ފަދަ ޚިދުމަތްތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.
މި އައު މޮޑެލް މިހާރު ވަނީ ގޫގުލްގެ މަޝްހޫރު ޚިދުމަތްތައް ކަމަށްވާ ގޫގުލް ޓްރާންސްލޭޓް އާއި ގޫގުލް މީޓްގެ އިތުރުން ޑިވެލޮޕަރުންނަށް ޚާއްސަ ޖެމިނައި ލައިވް އޭޕީއައިގައި ހިމަނަން ފަށާފައެވެ.
ޚާއްސަކޮށް ގޫގުލް މީޓްގައި މީގެ ކުރިން ތަރުޖަމާ ކުރެވެނީ އެންމެ 5 ބަހަކަށް ކަމަށްވިޔަސް، މި ބަދަލާއެކު އެ އަދަދު ވަނީ 70 އަށްވުރެ މައްޗަށް ޖައްސާފައެވެ. އަދި އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކުގައި ހެޑްފޯން ގުޅައިގެންނާއި، ފޯނުގެ އިއާޕީސް މެދުވެރިކޮށް ސީދާ މި ތަރުޖަމާ އަޑުއަހާލެވޭނެ 'ލިސަނިންގް މޯޑް' ވެސް ވަނީ ތައާރަފުކޮށްފައެވެ.
އޭއައި އިން އުފައްދާ އަޑުތަކާ މެދު އޮންނަ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޖެމިނައި 3.5 ލައިވް ޓްރާންސްލޭޓް އިން އުފައްދާ ހުރިހާ އޯޑިއޯއެއްގައި ގޫގުލްގެ ސީންތްއައިޑީ ވޯޓާމާކް ޓެކްނޮލޮޖީ ހިމަނާފައިވާނެއެވެ.
މިއީ އެ އަޑަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އަޑެއްކަން ދެނެގަތުމަށް އެހީތެރިވެދޭނެ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
މި ސިސްޓަމަކީ އަޑުގަދަ އަދި އާންމުކޮށް އުނދަގޫ މާހައުލުތަކުގައިވެސް ސައްހަކޮށް މަސައްކަތްކުރާނެ ސިސްޓަމެއް ކަމަށް ގޫގުލް އިން ބުނެއެވެ.