ގޫގުލް ޓްރާންސްލޭޓާ އާ ދާދި އެއްކަހަލަ ގޮތަކަށް މަސައްކަތްކުރާ އާ 'ޓްރާންސްލޭޝަން' ފީޗާއެއް އޯޕަންއޭއައިއިން ތައާރަފުކޮށްފިއެވެ.
އޯޕަންއޭއައިއިން ބަސްބަހުން ތަރުޖަމާކުރުމަށް ޚާއްސަ އައު އިންޓަފޭސްއެއް ޗެޓްޖީޕީޓީ ވެބްސައިޓުގައި ހިމަނައިފައިވާއިރު، މިއީ މަޝްހޫރު ގޫގުލް ޓްރާންސްލޭޓްގެ ޚިދުމަތާ ސީދާ ގޮތުން ވާދަކުރުމުގެ މަގްސަދުގައި އެ ކުންފުނިން ނެރުނު ފީޗަރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެކްސްގައި ހަރަކާތްތެރިވާ އިންޖިނިއަރެއް ކަމަށްވާ ތީބޯ ބްލާހޯ އެންމެ ފުރަތަމަ ފާހަގަކުރި މި ޚިދުމަތް އޯޕަންއޭއައިއިން ތައާރަފުކޮށްފައިވަނީ އެއްވެސް އިޝްތިހާރެއް ކުރުމެއް ނެތި ވަރަށް ހިމޭންކަމާއެކުގައެވެ. މިކަމާ ގުޅޭގޮތުން އެ ކުންފުނިން އަދި ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ތަރުޖަމާކޮށް ނިމުމުން އެ ލިޔުމެއްގެ ރާގާއި ސްޓައިލް ބަދަލުކުރުމަށް އޭއައިގެ އެހީތެރިކަން ލިބޭ ---
"ޓްރާންސްލޭޓް ވިތް ޗެޓްޖީޕީޓީ" ގެ ނަން ދީފައިވާ މި ހިދުމަތް ފަރުމާކޮށްފައިވަނީ ގޫގުލް ޓްރާންސްލޭޓާ ވަރަށް އެއްގޮތް ލޭއައުޓަކަށެވެ. މީގައި ލިޔުންތައް ޓައިޕްކޮށްގެން ނުވަތަ އެހެން ތަނަކުން ކޮޕީކޮށްގެން ޕޭސްޓްކޮށްގެން ވެސް ތަރުޖަމާ ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
މި ފީޗަރުން ލިޔުންތައް ތަރުޖަމާކުރުމުގައި އޭއައިގެ ދައުރު ކުޑަކަމަށް ފާހަގަވީ ނަމަވެސް، ތަރުޖަމާކޮށް ނިމުމުން އެ ލިޔުމެއްގެ ރާގާއި ސްޓައިލް ބަދަލުކުރުމަށް އޭއައިގެ އެހީތެރިކަން ލިބެއެވެ. މިއީ މިހާރު ހުރި އެހެން ޓްރާންސްލޭޓަރުތަކާ ޚިލާފަށް މި ޚިދުމަތުން ލިބޭ ތަފާތު ފުރުސަތެކެވެ.
ބަސްތަކުގެ އަދަދަށް ބަލާއިރު، މިވަގުތު މި ޚިދުމަތުން ތަރުޖަމާ ކުރެވެނީ ގާތްގަނޑަކަށް 50 ބަހަކަށެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބޮޑެތި ބަސްތައް ހިމެނުނު ނަމަވެސް، 240 އަށް ވުރެ ގިނަ ބަސް ތަރުޖަމާކޮށްދޭ ގޫގުލްއާ އަޅާބަލާއިރު މިއީ ވަރަށް މަދު އަދަދެކެވެ.
ގޫގުލްގެ ޚިދުމަތުން ފޮޓޯއާއި ލިޔެކިޔުންތައް ތަރުޖަމާކޮށްދީ، އަދި ވަގުތުން ވާހަކަދައްކައިގެން ތަރުޖަމާ ކުރުމުގެ ފަސޭހަ ލިބުނު ނަމަވެސް، އޯޕަންއޭއައިގެ މި ޚިދުމަތުގައި އެފަދަ ގިނަ ކަންތައްތަކެއް އަދި ނުހިމެނެއެވެ. ވޮއިސް ޓްރާންސްލޭޝަންގެ ޚިދުމަތް ވެސް މި ވަގުތު ލިބެނީ ހަމައެކަނި މޮބައިލް ބްރައުޒަރުތަކުގައެވެ.
މި ފީޗާއަކީ އަދި ތަރައްގީވަމުން އަންނަ ފީޗާއެއް ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތަނުގައި މީގެ ތެރެއަށް އިތުރު ބަސްތަކާއި ޒަމާނީ ވަސީލަތްތައް އިތުރުވާނެ ކަމަށް ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުން ލަފާކުރެއެވެ.