ބަރުދަން ލުއިކުރުމަށް ދުވާލެއްގެ މައްޗަށް ވަކި ވަރަކަށް ހިނގާލާ، ކޮންމެވެސް އަދަދަކަށް ފިޔަވަޅު އެޅުމަކީ ވަރަށް ގިނަ ބަޔަކު އާދަވެގެން ކޮށްއުޅޭ ކަމެކެވެ.
އެގޮތުން 15،000 ފިޔަވަޅު އެޅުމުން ހަށިގަނޑުގެ ބަރުދަނަށް އޭގެ ސަބަބުން ބަދަލުތަކެއް އައުމާ މެދު ސިއްހީ މާހިރުން ދެކެވަޑައިގަންނަވާ ގޮތަށް ބަލާލަމާ ހިނގާށެވެ.
އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ އޮތޯޕެޑިކް އެންޑް ޖޮއިންޓް ރިޕްލޭސްމަންޓް ކޮންސަލްޓަންޓް، ޑރ. ސަރަންގް ދޭޝްޕާންޑޭ ވިދާޅުވެފައިވާ ގޮތުގައި، ހިނގާ ހިނގުމުގައި ދުވާލަކު 15,000 ފިޔަވަޅު އެޅުމަކީ ބަރުދަން ލުއިކުރުމަށް ކަނޑައެޅިގެން އެހީތެރިވެދޭނެ ކަމެކެވެ.
"ހާއްސަކޮށް މާބޮޑު ހަރަކާތެއް ނެތް ދިރިއުޅުމެއް އުޅޭ މީހުންނަށް މީގެ ފައިދާ ބޮޑު. ހިނގުމަކީ ހުޅުތަކަށް ބާރު ކުޑަ، ފަސޭހަ ކަސްރަތެއް. މީގެ ސަބަބުން ކެލޮރީ އަންދައިދީ، ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ" ޑރ. ސަރަންގް ދޭޝްޕާންޑޭއާ ވިދާޅުވެފައިވެއެވެ.

ވަކި ވަރަކަށް ފިޔަވަޅު އެޅުމަށް އިސްކަންދޭއިރު ސިއްހަތަށް ފައިދާހުރި މާއްދާތައް އެކުލެވޭ ކެއުން އިހުތިޔާރު ކުރުމަކީ ވެސް މުހިއްމު ކަމެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އެހެންނަމަވެސް، ބަރުދަން ލުއިވުމަކީ ހިނގާއިރު އަޅާ ފިޔަވަޅުގެ އަދަދަށް ބުރަވާ ކަމެއް ނޫން ކަމަށާއި، 15,000 ފިޔަވަޅު އެޅި ނަމަވެސް، ބޭނުންވާ ވަރަށްވުރެ ގިނައިން ކެލޮރީ ހަށިގަނޑަށް އެތެރެވާނަމަ ބަރުދަން ލުއިކުރަން އުނދަގޫވާނެ ކަމަށް ޑރ. ސަރަންގް ދޭޝްޕާންޑޭ ވަނީ ވިދާޅުވެފައެވެ.
ހިނގުމުގެ އެންމެ ބޮޑު ފައިދާ އަކީ، ގިނަ ދުވަހަށް މެދުނުކެނޑި އެކަން ކުރިއަށް ގެންދަން ފަސޭހަވުމެވެ. މާ ބުރަ ކަސްރަތުތަކާ ހިލާފަށް، ހިނގުމަކީ ގިނަ މީހުންނަށް ދިގު މުއްދަތަކަށް ކުރެވޭނެ ފަދަ ލުއި ކަމެކެވެ.
ޑރ. ދޭޝްޕާންޑޭ ވިދާޅުވާ ގޮތުގައި، 15،000 ފިޔަވަޅު އެޅުމަކީ އެ މީހެއްގެ ހަށިގަނޑުގެ ދުޅަހެޔޮކަމާއި، އުމުރާއި، ބަރުދަނާއި، ހުޅުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް ބިނާވާ ކަމެކެވެ.
ކުއްލިއަކަށް މިހާ ގިނަ ވަގުތު ހިނގާލާ ފިޔަވަޅު އަޅަން ފެށުމަކީ ކަކުލުގައި ރިއްސުން، ފުންނާބާއި ތަނބިކައްޓަށް ތަދުވުން، ނުވަތަ ބުރަކަށީގެ ތިރީބައިގައި ރިހުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމެއް ކަމަށް ޑރ. ދޭޝްޕާންޑޭ ވަނީ ވިދާޅުވެފައެވެ.

ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކަސްރަތުގެ އިތުރުން ފުރިހަމަ ނިދި ވަރަށް މުހިއްމު ރޯލެއް ކުޅޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މިއީ ހަށިގަނޑުގެ ބަރުދަން މާ މަތި މީހުންނާއި، ހުޅުތަކުގެ ބަލިތައް ހުންނަ މީހުންނާއި، މަސްތައް ބަލިކަށި މީހުން ނުވަތަ ކުރިން އަނިޔާއެއް ލިބިފައިވާ މީހުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.
ހަށިގަނޑު އާ ކަންކަމަށް ހޭނުމަށް ވަގުތު ބޭނުންވެއެވެ. އެހެންކަމުން، ކަސްރަތު ކުރާ މިންވަރު އަންގައިދޭ އާލާތްތަކުން ދައްކާ އަދަދެއް ހަމަކުރަން އުޅުމުގެ ބަދަލުގައި، މަޑުމަޑުން ފިޔަވަޅުތައް އިތުރުކުރަމުން ދިއުމަކީ މާ ރައްކާތެރި ގޮތެއް ކަމަށް ޑރ. ދޭޝްޕާންޑޭ ވިދާޅުވެއެވެ.
ދުވުން ނުވަތަ މާ ބުރަ ކަސްރަތުތަކާ އަޅާބަލާއިރު، ހިނގުމުގެ ސަބަބުން ހުޅުތަކަށް ކުރާ ބާރު ކުޑައެވެ. މިއީ މެދުއުމުރުގެ މީހުންނާއި، ދޮށީ އުމުރުގެ މީހުން އަދި ބަރުދަން މާ ބޮޑަށް އިތުރުވެފައިވާ މީހުން ދުޅަހެޔޮކަން އިތުރުކުރުމަށް ފެށުމަށް އެންމެ ރައްކާތެރި ގޮތެއް ކަމަށް ޑރ. ދޭޝްޕާންޑޭ ލަފާދެއްވައެވެ.
ހިނގުމަށް ކަނޑައަޅާ ލަނޑުދަނޑި ހާސިލުކުރަން ސިއްހީ ގޮތުން އެންމެ ރަނގަޅު ގޮތާއި ބެހޭގޮތުން ޑރ. ދޭޝްޕާންޑޭ ވިދާޅުވީ، ބޮޑަށް ސަމާލުކަން ދޭންވީ ވަކި އަދަދެއް ހަމަކުރުމަށް ވުރެ، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ސަމާލުކަން ދިނުމަށް ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 7,000 އާއި 10,000އާ ދެމެދުގެ ފިޔަވަޅަކުން ވެސް ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ޑރ. ދޭޝްޕާންޑޭ ވިދާޅުވެފައިވެއެވެ.
ޑރ. ދޭޝްޕާންޑޭ ލަފާދެއްވާ ގޮތުގައި، ކަކުލުގައި ރިއްސުން، ދުޅަވުން، ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ދިމާވެއްޖެނަމަ، ގަދަކަމުން ހިނގުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި، މަޑުޖައްސާލައި ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ.