4 ރަށެއްގެ ހަރުގޭގައި ވޯޓު ފޮށި ބަހައްޓާތީ، އިންސާފު ގެއްލޭ ކަމަށް ވިދާޅުވެ މީކާއީލްގެ ކަންބޮޑުވުން

ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް: ވިދާޅުވީ އަންނަ ހުކުރު ދުވަހު އޮންނަ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިޚާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް -- ފޮޓޯ/ އެމްޑީޕީ

އަންނަ ހުކުރު ދުވަހު އޮންނަ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިޚާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް މީކާއީލް ފޮނުއްވި ސިޓީއެއްގައި ވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ފޮށިތައް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ސްކޫލުތަކުގައި ބަހައްޓަން އިންތިޚާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، ހަތަރު ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ފޮށިތައް ބަހައްޓަން، އިންތިޚާބާ ބެހޭ ކޮމިޓީގެ މުގައްރިރު ނިންމަވާފައިވާ ކަމަށް ވިދާޅުވެ، ޝަކުވާއެއްގެ ގޮތުގައި މީކާއީލް ވަނީ އެކަން ހުށަހަޅުއްވާފައެވެ. އެ ސިޓީގައިވާ ގޮތުން ހަރުގޭގައި ފޮށިތައް ބަހައްޓަން ނިންމާފައިވަނީ:

  • ފ. ފީއަލި
  • ލ. އިސްދޫ-ކަލައިދޫ
  • ލ. މަތިމަރަދޫ
  • ގއ. ވިލިނގިލި

މީކާއީލް ލިޔުއްވައިފައިވާ ގޮތުގައި، ޗެއާޕާސަން އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން ވީހާ ވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ސްކޫލުތަކުގައި ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް، ފީއައްޔާއި އިސްދޫ-ކަލައިދުއާއި މަތިމަރަދުއާއި ވިލިނގިލީގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި ހަރުގެތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭނާ ވަނީ ފ. ފީއަލީގައި ތިބި އިދިކޮޅު ސަޕޯޓަރުން 'ގަނޑުކޮށް' ވޯޓު އަޅާނެ ކަމަށް ފާޅުގައި ބުނެފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ކަން އެހެން އޮއްވާ، ވޯޓުލާ މަރުކަޒު ބަދަލުކުރުމަކީ އެ ބުނުމަށް ބާރުލިބޭ ކަމެއްގެ ގޮތުގައި މީކާއީލް ވަނީ ސިފަކުރައްވާފައެވެ. އެހެންވެ، އެކަން އިސްލާހުކޮށް، އެ ރަށްރަށުގައި ބަހައްޓާ ވޯޓު ފޮށިތައް އެ ރަށްރަށުގެ ސްކޫލުތަކުގައި ބެހެއްޓޭނެ ގޮތް ހެދުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މީކާއީލްގެ އިތުރުން އެ މަގާމަށް ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެ ދެ ބޭފުޅުންގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ދެން ވާދަކުރެއްވީ އިބްރާހީމް މުޙައްމަދު (ވާޑު)އެވެ. ނަމަވެސް، އޭނާ ވަނީ މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، ނަން އަނބުރާ ގެންދަވަން ނިންމަވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ނަޝީދު މަސައްކަތްކުރައްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާ އެކުގައެވެ. އަދި، މީކާއީލް މަސައްކަތްކުރައްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަރިސް ގިނަ ބޭފުޅުންނާ އެކުގައެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި، ހަތަރު ރަށެއްގެ ސްކޫލުތަކުގެ ބަދަލުގައި އެ ޕާޓީގެ ހަރުގެތަކުގައި ވޯޓު ފޮށި ބަހައްޓަން އިންތިޚާބާ ބެހޭ ކޮމިޓީން ނިންމުމާ ގުޅިގެން، އެ މަގާމަށް ވާދަކުރައްވާ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތަށް ނިންމުމަކީ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްޞަކޮށް، ފ. ފީއަލީގައި ގަނޑުކޮށް ވޯޓު އެޅުމުގެ ފުރުޞަތު އޮތް ކަމުގެ ތުހުމަތުކުރައްވައި، މީކާއީލް ވަނީ ވޯޓުލާ މަރުކަޒުތައް ސްކޫލުތަކަށް ބަދަލުކޮށްދިނުމަށް ރަސްމީކޮށް އެދިވަޑައިގެންފައެވެ.

  • ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ހަރުގެތައް ހުންނަ ރަށްތަކަކީ ފ. ފީއަލި، ލ. އިސްދޫ-ކަލައިދޫ، ލ. މަތިމަރަދޫ އަދި ގއ. ވިލިނގިލިއެވެ.
  • މީކާއީލް ވަނީ މި މައްސަލަ ހައްލުކޮށްދިނުމަށް އެދި ޕާޓީގެ ވަގުތީ ޗެއާޕާސަނަށް ސިޓީއެއް ފޮނުއްވާފައެވެ.
  • އޭނާ ތުހުމަތުކުރައްވާ ގޮތުގައި ފ. ފީއަލީގައި އިދިކޮޅު ފަރާތްތަކުން ގަނޑުކޮށް ވޯޓު އެޅުމަށް ވަނީ ރާވާފައެވެ.
  • މި އިންތިޚާބުގައި މީކާއީލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
  • ޗެއާޕާސަން އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކާމެދު ޝަކުވާ ހުށަހެޅުން.
  • އިންސާފުވެރިކަން ކަށަވަރުކުރުމަށް ސްކޫލުތަކަށް ވޯޓު ފޮށި ބަދަލުކުރަން ގޮވާލުން.
  • ވޯޓު އޮޅުވާލުމުގެ ފުރުޞަތު ކުޑަކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް އެދުން.
comment ކޮމެންޓް