ފާއިތުވި އަހަރުތަކުގައި ސޯޝަލް މީޑިއާގެ މާހައުލު ކޮންޓްރޯލް ކުރަމުންދިޔަ މެޓާ، ޓިކްޓޮކް އަދި އެކްސް ފަދަ ބޮޑެތި ކުންފުނިތަކާ ވާދަކުރުމަށް، އާންމުންގެ މެދުގައި ގާތް ގުޅުމެއް އުފައްދައިދޭ ފަދަ އާ ސޯޝަލް އެޕްލިކޭޝަންތަކެއް ދަނީ ތައާރަފްވަމުންނެވެ.
ވަކިން ހާއްސަކޮށް، ކުރީގެ ބޮޑެތި ޕްލެޓްފޯމްތަކާ ދުރަށްޖެހި، އަމިއްލަ މިނިވަންކަމާއި ތަފާތު ތަޖުރިބާތައް ބޭނުންވާ ޒުވާނުން ނުވަތަ "ޖެން ޒީ" ގެ މެދުގައި މިފަދަ އާ އެޕްތަކަށް އޮތް މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ.
މިގޮތުން ފާހަގަކޮށްލެވޭ އެއް އެޕްލިކޭޝަނަކީ އިންސްޓަގްރާމްގެ ކުރީގެ ޓީމު މެންބަރުންތަކެއް އުފައްދާފައިވާ Retro އެވެ. މި އެޕަކީ ގާތް ރައްޓެހިންގެ މެދުގައި ހަމައެކަނި ފޮޓޯ ހިއްސާކުރުމަށް ހާއްސަކޮށް، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދީގެން ފަރުމާކޮށްފައިވާ އެޕެކެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ފޮޓޯތަކާ ދުރަށްދާން ބޭނުންވާ އާޓިސްޓުންނާއި އުފެއްދުންތެރިންނަށް ހާއްސަ Cosmos އެޕް ވެސް ވަނީ ތައާރަފްވެފައެވެ.

ސޯޝަލް މީޑިއާގެ ބާޒާރު މިހާތަނަށް ބައްޓަންވެފައި އޮތީ މަދު ކުންފުނިތަކެއްގެ ނުފޫޒުގެ ދަށުގައި ---
ކުރީގެ ޓްވިޓާ ނުވަތަ މިހާރުގެ އެކްސް ބޭނުންކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް Indigo ގެ ނަމުގައި އާ އެޕެއް ވަނީ ނެރެފައެވެ. މި އެޕްގެ އެހީގައި މެސްޓަޑޮން އަދި ބްލޫސްކައި ފަދަ ޑިސެންޓްރަލައިޒްޑް ދެ ނެޓްވޯކެއް އެއް އެޕްލިކޭޝަނަކުން ބޭނުންކޮށްލުމުގެ ފުރުސަތު ލިބެއެވެ. އަދި ގޫގުލް މެޕްސް ފަދަ ، ރަށުތެރެއާއި ބޭރު ގައުމުތަކުގެ މަގުބޫލު ކާބޯތަކެތި ލިބޭ ތަންތަނާއި މުނިފޫހިފިލުވުމުގެ މައިދާންތައް ރައްޓެހިންނާ ހިއްސާކޮށްލޭވޭ ސޯޝަލް މެޕެއްގެ ގޮތުގައި Corner އެޕް ވެސް ދަނީ ބޭނުންކުރަމުންނެވެ.
ކުރީގެ މަގުބޫލު އެޕްލިކޭޝަނެއް ކަމަށްވާ "ވައިން" ގެ ކުރު ވީޑިއޯތައް ކަމުދާ ފަރާތްތަކަށް ހާއްސަކޮށް Divine ގެ ނަމުގައި އާ ރީބޫޓެއް ވަނީ ނެރެފައެވެ. މި އެޕްގައި ކުރީގެ އެތައް ލައްކަ ވީޑިއޯއެއް އަލުން ބަލާލުމުގެ އިތުރުން، 6 ސިކުންތުގެ އާ ވީޑިއޯތައް އުފެއްދުމުގެ ފުރުސަތު ލިބެއެވެ.
މީގެ އިތުރުން، އަމިއްލަ ނެޓްވޯކްގައި ހިމެނޭ މީހުންގެ ހަބަރުތައް ބެލެހެއްޓުމަށް Mesh އެޕް ބޭނުންކުރެވޭއިރު، ފޮތްކިޔާ މީހުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް Fable އެޕް ވެސް ވަނީ ބޮޑެތި އަޕްގްރޭޑްތަކަކާ އެކު ދައްކާލާފައެވެ.
ފޯނުގެ ހޯމް ސްކްރީންގައިވާ ވިޖެޓް މެދުވެރިކޮށް ރައްޓެހިންގެ ފޮޓޯތައް ވަގުތުން ފެންނަން ހުންނަ Locket އެޕާއި، ރައްޓެހިން އަޑުއަހާ މިއުޒިކް ވަގުތުން ބަލާލައި ރިއެކްޓް ކުރެވޭ Airbuds އެޕަކީ ވެސް ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ ދެ އެޕެކެވެ.
މީގެ އިތުރުން، އޮންލައިން ޝޮޕިންގެ ތަޖުރިބާ ސޯޝަލް މީޑިއާއާ ގުޅުވައިދޭ The Mall އަދި އަމިއްލަ ކަމުދާ ތަކެއްޗާއި ދިރިއުޅުމުގެ ރެކޯޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭ Shelf އެޕް ވެސް މި އާ ޖީލުގެ ސޯޝަލް އެޕްތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ބަދަލުތަކުގެ ފަސްފަހަތަށް ބަލާއިރު، ދުނިޔޭގެ ސޯޝަލް މީޑިއާގެ ބާޒާރު މިހާތަނަށް ބައްޓަންވެފައި އޮތީ މަދު ކުންފުނިތަކެއްގެ ނުފޫޒުގެ ދަށުގައެވެ. ނަމަވެސް، ފާއިތުވި ދެތިން އަހަރުތެރޭގައި ޑޭޓާގެ ރައްކާތެރިކަމާ މެދު އުފެދުނު ސުވާލުތަކާއި، އަލްގޮރިދަމްތަކަށް އައި ބަދަލުތަކުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އަމިއްލަ މިނިވަންކަން ގެއްލި، އިޝްތިހާރުތަކާއި ފޭކް ނިއުސްގެ މާހައުލެއްގެ ތެރެއަށް ވަދެވިފައެވެ. މިކަމުގެ ސަބަބުން، ހާއްސަކޮށް އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ޒުވާނުން، ބޮޑެތި ފޮލޯވަރުންގެ އަދަދުތަކެއް ހޯދުމުގެ ބަދަލުގައި، ހަގީގީ ރައްޓެހިންނާ ގުޅުން ބަދަހިކުރެވޭނެ "ނިޝް" ނުވަތަ ވަކި ކަންކަމަށް ހާއްސަ ކުދި ޕްލެޓްފޯމްތަކަށް ދަނީ މިސްރާބު ބަދަލުކުރަމުންނެވެ.
ޚުލާސާކޮށް ދަންނަވާނަމަ، ސޯޝަލް މީޑިއާގެ މާހައުލުން މިހާރު މި ފެންނަނީ ބޮޑެތި މެގްނެޓް ކުންފުނިތަކުގެ މޮނޮޕޮލީ ނިމުމަކަށް އަންނަން ފަށާފައިވާ މަންޒަރެވެ. އާންމު ބޭނުންތަކަށް ހާއްސަ އެއް އެޕްލިކޭޝަން ބޭނުންކުރުމުގެ ބަދަލުގައި، އަމިއްލަ ޝައުގުވެރިކަމާއި ރައްކާތެރިކަމަށް އިސްކަންދޭ ކުދިކުދި އެޕްތަކުގެ ނެޓްވޯކަކަށް މި މާހައުލު ބަދަލުވުމަކީ ކުރިމަތީގައި އޮތް ޑިޖިޓަލް ޖީލުގެ އެންމެ ބޮޑު އެއް ބަދަލަށް ވެގެންދާނެއެވެ.