މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް މަރުގެ އިންޒާރުތަކެއް ދީފައިވާ ކަން އެމެރިކާގެ ފުލުހުންގެ ރިޕޯޓަކުން ހާމަކޮށްފިއެވެ.
ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ މާކާއިން މި ރިޕޯޓާ ހަވާލާދީ ބުނި ގޮތުގައި، މުބާރާތުގެ ތެރެއިން އެންމެ ގިނަ އިންޒާރުތައް ލިބުނީ މެސީއަށެވެ.
މާކާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާޖެންޓީނާއާއި އުރުދުން ބައްދަލުކުރި މެޗުގެ ކުރިން މީހަކު ވަނީ ޑެލަސް އެއާޕޯޓަށް ގުޅައި، އަމިއްލައަށް ހަދާފައިވާ ބޮމާއި އޭއާރް-15 މަރުކާގެ ބަޑިއަކާއެކު އިތުރު ދެ މީހަކު ގޮވައިގެން ދަނޑަށް ވަންނާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެ މީހާގެ އަމާޒަކީ މެސީ މަރާލުން ކަމަށާއި، ދެ ޓީމުގެ ކުޅުންތެރިންނާއި ފުލުހުންނަށް ވެސް ހަމަލާދޭނެ ކަމަށް ފޯނު ކޯލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އާޖެންޓީނާއާއި މިސްރު ބައްދަލުކުރި މެޗުގެ ކުރިން މީސްމީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި، ހަތަރު ބޮން ހަށިގަނޑުގައި ހަރުކޮށްގެން އެޓްލާންޓާ ސްޓޭޑިއަމަށް ވަދެ މެސީ ގޮއްވާލާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.
ހަމަ އެ މެޗުގެ ތެރެއިން ދަނޑުގެ ޑަސްބިންތަކެއްގައި ތިން ބޮން ހުރި ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން، ބޮން ނުކުޅެދޭ ގޮތް ހަދާ ޚާއްސަ ޓީމުތަކާއި ކުއްތާ ބޭނުންކޮށްގެން ދަނޑު ފާސްކުރި ނަމަވެސް، އެއީ ދޮގު ރިޕޯޓެއް ކަމަށް ފުލުހުންނަށް ފަހުން ކަށަވަރުކުރެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެސީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އިންޒާރު ދިން މައްސަލަތަކެއްގައި ވެސް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް މާކާއިން ބުނެފައިވެއެވެ. އެގޮތުން، ރޮނާލްޑޯ ހުރި ތަނުގެ މައުލޫމާތު ހޯދަން މަސައްކަތްކުރި މީހެއްގެ މައްސަލަ ފީފާއިން އެފްބީއައިއަށް ހުށަހެޅުމުން، ހިއުސްޓަންގެ ފުލުހުން ވަނީ ޕޯޗުގަލް ޓީމު ތިބި ހޮޓަލުން އެ މީހާ ހައްޔަރުކޮށްފައެވެ. އަދި ޓޮރޮންޓޯގައި ރޮނާލްޑޯއާއެކު ސެލްފީއެއް ނަގަން ކަމަށް ބުނެ ލިފްޓަކަށް އަރަން އުޅުނު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކުޅުންތެރިންގެ އިތުރުން މެޗުތަކުގެ އޮފިޝަލުންނަށް ވެސް ވަނީ މަރުގެ އިންޒާރުތައް ލިބިފައެވެ. އާޖެންޓީނާއާއި މިސްރު ބައްދަލުކުރި މެޗުގެ ރެފްރީ ފްރާންސްގެ ފްރާންސުވާ ލެޓެކްސިއޭއަށް 6،000 އަށް ވުރެ ގިނަ ނަފްރަތުގެ މެސެޖު ލިބުމާ ގުޅިގެން، ފްރާންސްގައި ހުންނަ އޭނާގެ ގެއާއި އާއިލާއަށް ދޭ ސަލާމަތީ ރައްކާތެރިކަން އިތުރުކުރި ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި އެ މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވިލީ ޑެލަޖޯޑަށް ވެސް މިފަދަ އިންޒާރުތަކެއް ލިބުނު ކަމަށް މީޑިއާތަކުން ބުނެއެވެ.
ސްޕެއިން އިން ކާމިޔާބުކުރި މި މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމެރިކާގެ އެފްބީއައި އާއި އިންޓަނޭޝަނަލް ޕޮލިސް ކޯޕަރޭޝަން ސެންޓަރު (އައިޕީސީސީ) އިން ގުޅިގެން ބޮޑެތި އޮޕަރޭޝަންތަކެއް ހިންގި ކަމަށް ފުލުހުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މުބާރާތުގެ ތެރޭގައި ދިން ހުރިހާ އިންޒާރުތަކަކީ ވެސް ދޮގު އިންޒާރުތަކެއް ކަމަށް ކަށަވަރުކުރެވުނު ނަމަވެސް، ކޮންމެ މައްސަލައެއް ވެސް ވަރަށް ސީރިއަސްކޮށް ބަލައި، ކުޅުންތެރިންނާއި އޮފިޝަލުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އެޅި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.