މި އަހަރުގެ އަޟްޙާ ޢީދު ބަންދާ ދިމާކޮށް ރާއްޖޭން ބޭރަށް ދަތުރުކުރި ދިވެހިންގެ އަދަދު 7,293 އަށް އަރާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މެއި މަހުގެ 22 އިން ފެށިގެން 31 ގެ ނިޔަލަށް ޖުމްލަ 7,293 ދިވެހިން ވަނީ ރާއްޖޭން ބޭރަށް ފުރާފައެވެ. މިއީ ޢީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ރާއްޖޭން ބޭރަށް ދަތުރުކުރިކަން ހާމަވާ ތަފާސްހިސާބެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ފުރާފައިވަނީ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 1,586 ދިވެހިން ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވެއެވެ. އަދި އޭގެ ކުރީ ދުވަސް ކަމަށްވާ މެއި 22 ވަނަ ދުވަހު 1,273 މީހުން ފުރާފައިވާކަން ފާހަގަކުރެވެއެވެ.
ބަންދު ފެށުނު ދުވަސްވަރު ދަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މެއި 24 ވަނަ ދުވަހު 941 މީހުން، މެއި 25 ވަނަ ދުވަހު 949 މީހުން އަދި މެއި 26 ވަނަ ދުވަހު 580 މީހުން ވަނީ ރާއްޖޭން ބޭރަށް ފުރާފައެވެ.
މެއި މަހުގެ ފަހު ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި 27 ގައި 460 މީހުން، މެއި 28 ގައި 628 މީހުން، މެއި 29 ގައި 226 މީހުން، މެއި 30 ގައި 383 މީހުން އަދި މެއި 31 ވަނަ ދުވަހު 267 މީހުން ވަނީ ރާއްޖޭން ބޭރަށް ދަތުރުކޮށްފައެވެ.
ރާއްޖޭން ބޭރަށް ދިވެހީން ކުރި ދަތުރުގެ އަދަދު އިތުރުވެފައިވާއިރު އީދާ ގުޅުވައި އަތޮޅުތެރެއަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަތުރު ކޮށްފައެވެ.