ވޮޝިންޓަން (7 ޖޫން 2026) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭގޮތަށް އެމެރިކާގެ އިސް ބައެއް މަސްއޫލުވެރިންނަށް އަމާޒުކޮށް ޖާސޫސުކުރުމުގެ ގިނަ ހަރަކާތްތަކެއް އިސްރާއީލު ހިންގަމުން ގެންދާކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނެފިއެވެ.
މި ރިޕޯޓްތައް ބުނާގޮތުން މިމައްސަލާގައި ވައިޓް ހައުސް އާއި އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާ (ޕެންޓަގަން) ގެ މަސްއޫލުވެރިން ވެސް ވަނީ ކަންބޮޑުވެ ވަޑައިގެންފައެވެ. ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުގެ ޖާސޫސީ ހަރަކާތްތައް މިހާރު ބޮޑަށް އަމާޒުކުރަނީ އީރާން އާއި އެމެރިކާއާ ދެމެދު ނުސީދާ ގޮތެއްގައި ދެކެވެމުންދާ ސުލްހައިގެ ވާހަކަތަކުގައި ޝާމިލްވާ މަސްއޫލުވެރިންނަށެވެ.
މިކަމުގެ ބޭނުމަކީ އީރާން އާ ހަނގުރާމަ ކުރުމުގައާއި އަދި އީރާން އާއެކު ކުރިޔަށްގެންދާ ސުލްހައިގެ މުއާމަލާތް ތަކުގައި އީރާން އާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ވިސްނުން ހުރިގޮތް ދެނެގަނެ ޓްރަމްޕްގެ މައްޗަށް އިސްރާއީލު ބޭނުންވާ ނުފޫޒު ހިންގޭނެ ފުރުސަތެއް ހޯދުމެވެ.
ނަންހާމަ ކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ އެންބީސީ ބުނާގޮތުން ޓްރަމްޕްގެ ވިސްނުން ހުރީ އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށްތޯ ނޫނީ އީރާން އާ އެކުކުރާ މަޝްވަރާތައް ކޮޅެއްގައި ޖައްސައިގެން ހަނގުރާމަ ނިމުމަކަށް ގެނައުމަށްތޯ ދެނެގަތުމަށް އިސްރާއީލު ބޭނުންވެއެވެ. މިކަން ދެނެގަތުމަށް މަސްއޫލުވެރިން ތިބީ ކެތްމަދުވެފައިކަމަށާ އިސްރާއީލުން އެމެރިކާއަށް ޖާސޫސުކުރަނީ މިކަންކަމުގެ މައުލޫމާތު ހޯދުމަށްކަމަށް އެންބީސީ ބުނެއެވެ.
ދާދިފަހުން ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ފޯނުކުރައްވައި އޭނާ ކުށްވެރިކުރައްވައި އަދި އޭނާއަށް ވަރަށް ހަރުކަށި ބަހުން މުޚާބަތު ކުރައްވައި ވާހަކަ ދައްކަވާފައެވެ. މި ފޯންކޯލްގައި ޓްރަމްޕްވަނީ ރުޅިގަދަވެ ނަތަންޔާހޫ އަކީ މޮޔައެއްކަމާއި ޝުކުރުކުރަން ނޭންގޭ އަދި އަޚުލާގެއް ގޮތެއް ފޮތެއްނެތް މީހެއްކަމަށް ސިފަކުރައްވައި އޭނާއާ މުޚާތަބު ކުރައްވާފައެވެ.
މިމައްސަލާގައި ނަތަންޔާހޫ ވަނީ ޓްރަމްޕް ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައިކަމަށާ ދެފަރާތުގެ ގުޅުންތައް މިހާރުއޮތީ ނުތަނަވަސްކަމެއްގެ ތެރޭގައިކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ. މިހާލަތުގައި އިސްރާއީލު ކަންބޮޑުވާފަދަ ގޮތަކަށް ޓްރަމްޕް އީރާނަށް ދޫތަކެއް ދީފާނެކަމުގެ ކަންބޮޑުވުން ނަތަންޔާހޫ އިހުސާސް ކުރާކަމަށް އިސްރާއީލުގެ "ހާއާރެޓްސް" ނޫސް ބުނެއެވެ.
އެމެރިކާގެ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޓްރަމްޕް އީރާން އާ ދެކޮޅަށް އުދުވާނީ ހަނގުރާމަ ފެށީވެސް ނަތަންޔާހޫ ގެ އެދުމަކަށެވެ. އެމެރިކާގެ އެއްވެސް ބޭނުމެއް އަދި މަސްލަހަތެއް އޮވެގެނެއް ނޫނެވެ. ނަމަވެސް އެހަނގުރާމައާއެކު އީރާން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގުބޮޑުވުމުން އެކަމުގެ ދަތިތައް ތަހައްމަލް ކުރަން ޖެހިފައިވަނީ އެމެރިކާގެ އާންމު ރައްޔިތުންނަށެވެ.
އެ ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ލިބުނު ގެއްލުންތައްވެސް 30 ބިލިޔަން ޑޮލަރަށްވުރެ ބޮޑުކަންވަނީ ހާމަވެފައެވެ. މިމައްސަލާގައި ޓްރަމްޕްގެ މަގްބޫލުކަންވެސް އެމެރިކާގެ އާންމުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.
އީރާންފަދަ ކުޑަ ގައުމެއްގެ ކުރިމަތީގައި އެމެރިކާއަށް ކާމިޔާބު ނުލިބި އަދި ހަނގުރާމައިގެ މަގްސަދުތައް ވެސް ހާސިލް ނުވެ ހަނގުރާމަ ހުއްޓާލަންޖެހުމާއި ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގައިވެސް އެމެރިކާ ސިފައިންގެ އަސްކަރީ ނުކުޅެދުންތެރިކަން ހާމަވުމުން ބޮޑުބާރެއްގެ ހައިސިއްޔަތުން އެމެރިކާވަނީ ވަރަށް ބޮޑަށް ލަދުގެންފައެވެ.
ދިރާސާ ވެރިން ބުނާގޮތުން މިމައްސަލާގައި ސްޓްރެޓީޖިކް ގޮތުން އެމެރިކާވަނީ ދުނިޔޭގައި ވަރަށް ބޮޑަށް އަގުވެއްޓި ބޭޒާރުވެފައެވެ.
އިސްރާއީލަކީ ހުރިހާ ކަމެއްގައި އެމެރިކާއަށް ބަރޯސާވެގެން އުޅޭ ގައުމެއް ކަމަށްވިޔަސް އިސްރާއީލަކީ އެމެރިކާއަށް ހެޔޮއެދޭ ގައުމެއްނޫންކަން އިސްރާއީލުގެ އަމަލުތަކުން އެނގިފައިވެއެވެ. އިސްރާއީލުން އެމެރިކާއަށް ޚިޔާނާތްތެރިވެ އެމެރިކާއަށް ޖާސޫސުކުރާކަން މީގެކުރިންވެސް އެތަށް ފަހަރަކުވަނީ ހާމަވެފައެވެ. 1980 ގެ އަހަރުތަކުގައި އެމެރިކާވަނީ އިސްރާއީލުގެ ޖާސޫސެއްކަމަށްވާ ޖޮނަތަން ޕޮލާޑް ހައްޔަރުކޮށް އޭނާ 30 އަހަރަށް ޖަލަށްލާފައެވެ. 30 އަހަރަށްފަހު އޭނާ މިނިވަން ވެފައިވަނީ 2015 ވަނަ އަހަރުގައެވެ.