މަހަށް ނިކުމެ އުޅެނިކޮށް މަރުވެފައި އޮއްވާ މިއަދު ފެނުނީ 44 އަހަރުގެ ގދ. ގައްދޫ މީހެއް ކަމަށާއި އޭނާގެ ހަށިގަނޑު މޫދުން ނެގިއިރު ވެސް ވިންދެއް ނެތް ކަމަށް އެ ރަށުގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފިއެވެ.
މި ހާދިސާގައި މަރުވީ، ގައްދޫ، އޭޝިއާ ގެއަށް ނިސްބަތްވާ 44 އަހަރުގެ އިޞްޙާޤު ރަޝީދެވެ.
ގައްދޫގެ އިމަޖެންސީ ސެންޓަރުން 'ސަން'އަށް ބުނީ، އިސްހާގު ގެއްލުނީ އިތުރު މީހަކާ އެކީ، ގދ. މާވެއްދޫގެ މައިފަރު ބޭރުގައި އަތޮޅު ތެރެއަށް ވާ ގޮތަށް އެންދަމަން ފައިބާ އުޅެނިކޮށް ކަމަށެވެ. އޭނާއެކު، ފީނާފައިވަނީ، ގއ. ކަނޑުހުދުއަށް ނިސްބަތްވާ ރަޝީދު އިސްމާއިލެވެ.

އިސްހާގު ހޯދަން ޑްރޯން ބޭނުންކުރަނީ: އޭނާ ގެއްލުނީ އެންދަމަން ފައިބާ އުޅެނިކޮށް --- ފޮޓޯ/ ކައުންސިލް
އެ ދެ މީހުންނަށް އެންދަމަން ޑައިވިންއަށް ފޭބީ ފަތިހު 05:00ގައި ކަމަށްވާއިރު، ރަޝީދު ޑައިވިން ނިންމައި ދޯންޏަށް އެރީ 05:30ގައެވެ.
ރަޝީދާ ހަވާލާދީ ސެންޓަރުން ބުނި ގޮތުގައި، ދެމީހުން އެކުގައި އެންދާ ހިފައިގެން ދިޔައީ 10 ވަރަކަށް މީޓަރު އަޑިއަށެވެ.
ދިހަ މީޓަރާ ހިސާބުން ރަޝީދު ދިޔައީ އެންދާ ހިފައިގެން ކަމަށާއި އިސްހާގު ވެސް އެދިމާއަށް އަންނާނެ ކަމަށް ބަލައިގެން އޮތް ނަމަވެސް މައްޗަށް އެރި އިރުވެސް އިސްހާގު ނުފެންނަ ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.
ރަޝީދު މައްޗަށް އެރުމުން ދޯނި މީހުން އިސްހާޤު ފެނޭތޯ ބަލަމުން ދަނިކޮށް އެ ދޯނީގައި ހުރި ބިދޭސީއަކަށް ދޯނީގެ ކުރީ ކޮޅުން ކަނޑުގެ އަޑިން ބައްތީގެ އަލި ފެނުނު ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ. އަދި، އެ ވަގުތުން ފެށިގެން ސާފޭސް ބަލައި ފާސްކުރަން ފެށި ކަމަށް ގައްދޫ އިމަޖެންސީ ސެންޓަރުން ބުންޏެވެ.
ނަމަވެސް، އިތުރު ޑައިވަރުން ދޯނީގައި ނެތުމުން އިސްހާގު ހޯދަން ޑައިވް ކުރެވޭނެ ގޮތެއް ނެތި، ކަނޑުގެ އަޑި ބަލަން ނުފެށުނު ކަމަށް އެ ސެންޓަރުން މައުލޫމާތު ދިނެވެ.

އިސްހާގު މަހަށް ދިޔަ ދޯންޏާއި ލޯންޗެއް އޭނާ ހޯދުމުގެ މަސައްކަތުގައި ---- ފޮޓޯ/ ކައުންސިލް
އިސްހާގު ގެއްލިގެން އުޅޭކަން ގައްދޫ ކައުންސިލަށް 05:30ހާއިރު އެނގުމާއެކު، ފުލުހުންނަށް ރިޕޯޓުކުރީ 05:36ގައެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއެކު، އެހެނިހެން މީހުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން، ޖުމުލަ ހަތް މީހުންގެ ދެ ޓީމަކުން އޭނާ ހޯދުމުގައި ހަރަކާތްތެރިވިއެވެ.
އެ ސެންޓަރުން ބުނި ގޮތުގައި، މި މަސައްކަތުގައި ފުލުހުން ޑްރޯން ބޭނުންކުރިއެވެ.
އޭގެތެރެއިން ފުރަތަމަ ޓީމަށް ފީނަން ފޭބުނީ، 07:35ގައި ކަމަށްވާއިރު، ދެވަނަ ޓީމު ފީނަން ފޭބުނީ 07:38ގައެވެ.
މީގެއިތުރުން، ގައްދޫ އިމަޖެންސީ ސެންޓަރުން ބުނީ، އިސްހާގުގެ ހަށިގަނޑު ފެނުނީ ފުރަތަމަ ޓީމަށް ކަމަށާއި އެ ޓީމަށް އިސްހާގުގެ ހަށިގަނޑާއެކު މޫދުން މައްޗަށް އެރުނީ 07:49ގައި ކަމަށެވެ. އޭރު ވެސް ހަށިގަނޑުގައި ވިންދުނެތް ކަމަށް ޑައިވަރުންނާ ހަވާލާދީ އެ ސެންޓަރުން މައުލޫމާތު ދިނެވެ.
އިސްހާގުގެ ހަށިގަނޑު ލޯންޗުގައި ގައްދުއަށް ގެންދެވުނީ 07:58ގައެވެ.
މީގެކުރިން ވެސް ކަނޑުމަތީގެ މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އަދި، މި ފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.