ގޫގުލްއިން އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އަދި ޖެމިނައި އައިޑީއާއެކު މިދިޔަ މަހު ތައާރަފްކުރި "ގޫގުލްބުކް" ލެޕްޓޮޕް ސީރީޒްގެ ފުރަތަމަ ބުރުގައި އަށް މޮޑެލްއެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބޭރުގެ ރިޕޯޓްތަކުން ހާމަވެއްޖެއެވެ.
މި އައު ލެޕްޓޮޕްތައް ބާޒާރަށް ނެރުމަށްޓަކައި އޭސާ، އޭސޫސް، ޑެލް، އެޗްޕީ އަދި ލެނޯވޯ ފަދަ މަޝްހޫރު ކުންފުނިތަކާ ގޫގުލްއިން ވަނީ ގުޅިފައެވެ.
ކްރޯމިއަމް ގެރިޓްގެ ކޯޑްތަކުން ފެނުނު މައުލޫމާތުތަކަށް ބަލާއިރު، މި ލައިނަޕްގައި ތަފާތު ޕްރޮސެސަރުތައް ބޭނުންކުރާނެއެވެ. އޭގެ ތެރޭގައި އިންޓެލް ޗިޕްސެޓް ބޭނުންކުރާ ހަތަރު މޮޑެލްއަކާއި، ސްނެޕްޑްރެގަން ޕްރޮސެސަރު ބޭނުންކުރާ ތިން މޮޑެލްއެއްގެ އިތުރުން މީޑިއާޓެކް ޕްރޮސެސަރު ބޭނުންކުރާ އެއް މޮޑެލް ހިމެނެއެވެ.
އިންޓެލް ޗިޕްސެޓް ބޭނުންކުރާ މޮޑެލްތަކަށް ކޯޑް ނަމެއްގެ ގޮތުގައި ފެލީނޯ، ލެޕިސް، މޫންސްޓޯން އަދި ރޫބީ ކިޔާ އިރު، ސްނެޕްޑްރެގަން ބޭނުންކުރާ މޮޑެލްތަކަށް ކިޔަނީ ކުއެންބީ، މައިކާ އަދި ކުއާޓްޒްއެވެ. އަދި މީޑިއާޓެކް ކޮމްޕޭނިއޯ އަލްޓްރާ ޕްރޮސެސަރެއް ބޭނުންކުރާ "ސަފަޔާ" އަކީ ގޫގުލްބުކް ޓެބްލެޓެއް ކަމަށް ބެލެވެއެވެ.
މި ހުރިހާ މޮޑެލްތަކެއް އެއްފަހަރާ ބާޒާރަށް ނެރޭނެކަން އަދި ކަށަވަރުނުވި ނަމަވެސް، މި އަހަރުގެ ފަހުކޮޅުގައި މި ލެޕްޓޮޕްތައް ލިބެން ފަށާނެއެވެ. މި ޑިވައިސްތަކުގައި ކްރޯމް ބްރައުޒާ، ގޫގުލް ޕްލޭ ސްޓޯރު، އެންޑްރޮއިޑް ފޯނުތަކާ ފަސޭހައިން ގުޅާލެވޭ ފީޗާތަކުގެ އިތުރުން "ގްލޯބާ" ޑިޒައިނެއް ހިމެނިގެންވާނެއެވެ.
ގޫގުލްއިން "ގޫގުލްބުކް" ސީރީޒް ތައާރަފްކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ޚާއްސަކޮށްގެން އުފައްދާފައިވާ "ޖެމިނައި އައިޑީ" އާއެކުގައެވެ.
މި ލެޕްޓޮޕްތަކަކީ ކްރޯމް ބްރައުޒާގެ އިތުރުން ގޫގުލް ޕްލޭ ސްޓޯރު މެދުވެރިކޮށް އެންޑްރޮއިޑް އެޕްލިކޭޝަންތައް ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ ޑިވައިސްތަކެކެވެ.
މީގެ އިތުރުން، މި ސީރީޒްގެ ޑިވައިސްތަކުގައި ފޯނުގައި ހުންނަ ފައިލްތައް ފަސޭހައިން ހޯދައިލެވޭ "ކުއިކް އެކްސެސް" ފީޗާގެ އިތުރުން، މަޝްހޫރު އޭއައި ޓޫލް ޖެމިނައިއަށް ފަސޭހައިން ވަދެވޭ "މެޖިކް ޕޮއިންޓާ" ފަދަ ޒަމާނީ ގިނަ ފީޗާތަކެއް ހިމެނިގެންވާނެއެވެ.