ވަރުންގެ 'ޑީޕް ފޭކް'ތައް ނަގަން ކޯޓުން އަމުރުކޮށްފި

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ވަރުން ދަވަންގެ އަމިއްލަ ސިފައާއި އައިޑެންޓިޓީ ހިމާޔަތްކޮށްދީ، އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތި ނެގުމަށް އިންޑިއާގެ ނިއުދިއްލީގެ ހައިކޯޓުން އަމުރުކޮށްފިއެވެ

ވަރުންގެ ހުއްދަ ނެތި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ "ޑީޕްފޭކް" ތަކެއްޗާއި، ވަރުންގެ ނަމާއި ސިފަ ބޭނުންކޮށްގެން ވިއްކަމުންދާ މުދާތަކާއި، އަގުވެއްޓޭ ގޮތަށް އުފައްދާފައިވާ ކޮންޓެންޓްތައް ހިމެނެއެވެ.

މިދިޔަ ހަފުތާގައި ދިއްލީގެ ހައިކޯޓުން ނެރުއްވި އަމުރުގައި ފާހަގަކުރައްވާފައިވަނީ ވަރުންގެ ހައްގުތަކަށް އުނިކަން އަންނަކަން ފެންނަން އޮތުމުން، މި މައްސަލައިގައި އިތުރު ގޮތެއް ނިމެންދެން ވަގުތީ ރައްކާތެރިކަމެއް އެކްޓަރަށް ލިބެންޖެހޭ ކަމަށެވެ.

ޑިޖިޓަލް މަންސަތަކުގައި ވަރުންގެ ސިފަ ބޭނުންކޮށްގެން އޮޅުވާލައިގެން ތަކެތި އިޝްތިހާރު ކުރުމާއި ވިޔަފާރީގެ މަންފާއަށް އެކްޓަރުގެ ނަން ބޭނުންކުރުން ހުއްޓުވައިދިނުމަށް އެދި ވަރުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ވަރުންގެ އެންމެފަހުން ރިލީޒްވި ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ކޯޓުން ފާހަގަކުރި ގޮތުގައި، މި މައްސަލައިގައި ހިމެނޭ ބައެއް ތަކެއްޗަކީ އޭއައި ބޭނުންކޮށްގެން ވަރުން ނޭދެވޭ އަދި ބަދުއަހުލާގީ މަންޒަރުތަކުގައި ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯތަކެކެވެ. މިކަމުގެ ސަބަބުން އެކްޓަރުގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އާންމުންގެ މެދުގައި އޮޅުންއެރުންތަކެއް އުފެދިދާނެތީ ކޯޓުން ވަނީ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާފައެވެ.

ހައިކޯޓުގެ މި އަމުރުގެ ދަށުން، ވަރުންގެ ހުއްދަނެތި އެކްޓަރުގެ ނަން، ފޮޓޯ، އަޑު، ސިފަ، ސޮއި ނުވަތަ ވަރުންކަން ދެނެގަނެވޭނެ އެއްވެސް ސިފައެއް ވިޔަފާރީގެ ބޭނުމަށް ނުވަތަ އަމިއްލަ ފައިދާއަށް ބޭނުންކުރުން އެކި ވެބްސައިޓްތަކާއި، އީ-ކޮމާސް މަންސަތަކާއި، ސޯޝަލް މީޑިއާ އެޖެންޓުންނަށް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، ގޫގުލް، މެޓާ އަދި އެކްސް (ކުރީގެ ޓްވިޓާ) ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ކޯޓުން ވަނީ މިފަދަ ތަކެތި ފަތުރާ މީހުންގެ އަސާސީ މައުލޫމާތު ހިއްސާކުރުމަށް އަމުރުކޮށްފައެވެ. އަދި, ވަރުން ދަވަންގެ ފަރާތުން މިފަދަ އެއްވެސް އެއްޗެއް ފާހަގަކޮށް އަންގައިފިނަމަ، 36 ގަޑިއިރުގެ ތެރޭގައި އެ އެއްޗެއް އިންޓަނެޓުން ނެގުމަށް ވެސް ސޯޝަލް މީޑިއާ ކުންފުނިތަކަށް ވަނީ އަންގާފައެވެ.

މި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި ވަރުން ވަނީ އެކްޓަރުގެ ނަމާއި ސޮއި 'ޓްރޭޑްމާކް' ކޮށްފައެވެ. އެހެންކަމުން ވަރުންގެ ހުއްދަނެތި މި ތަކެތި ބޭނުންކުރުމަކީ ގާނޫނީ ހައްގުތަކަށް އަރައިގަތުން ކަމަށާއި އޭގެ ސަބަބުން ކަސްޓަމަރުންގެ މެދުގައި ބޮޑު އޮޅުންބޮޅުމެއް އުފެދޭ ކަމަށް ވެސް ވަރުންގެ ވަކީލުންގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

މި އަމުރަކީ އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މަޝްހޫރު މީހުންގެ އައިޑެންޓިޓީ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައިގައި ކޯޓުން އެޅި މުހިންމު ފިޔަވަޅެކެވެ. އޭއައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް، އަބުރާއި، އަމިއްލަ ސިފަ ހިމާޔަތްކުރުމާ ގުޅޭ މިފަދަ މައްސަލަތައް އިންޑިއާގެ މަޝްހޫރުން ފަންނާނުންގެ ފަރާތުން ކޯޓުތަކަށް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން، ދިއްލީ ހައިކޯޓުގެ މި ނިންމުމާ އެކު ވަރުންގެ ހައްގުތަކަށް ވަގުތީ ރައްކާތެރިކަމެއް ވަނީ ލިބިފައެވެ.

އިންޑިއާގެ ނިއުދިއްލީގެ ހައިކޯޓުން ވަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަންގެ އައިޑެންޓިޓީ ހިމާޔަތްކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ޑީޕްފޭކް ކޮންޓެންޓްތައް ނައްތާލުމަށް އަމުރުކޮށްފައެވެ. މި މައްސަލައިގައި ކޯޓުން ނިންމާފައިވަނީ، ވަރުންގެ ހުއްދަނެތި އޭނާގެ ނަމާއި، ފޮޓޯއާއި، އަޑު އަދި ސިފަ ވިޔަފާރީގެ އެއްވެސް ބޭނުމަކަށް ބޭނުންކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރީއާއިން މަޝްހޫރު ފަރާތްތަކުގެ އަބުރާއި އިއްޒަތަށް ދެވޭ ގެއްލުންތައް ހުއްޓުވުމަށް އެޅުނު ވަރަށް މުހިންމު އަދި ހަރުދަނާ ގާނޫނީ ފިޔަވަޅެކެވެ. މީގެ ސަބަބުން ޑިޖިޓަލް މަންސަތަކުގައި އަމިއްލަ ފަރުދުންގެ ހައްގުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބި، އޭއައިގެ ނަހަމަ ބޭނުންކުރުން މަދުކުރުމަށް މަގުފަހިވެގެންދާނެއެވެ.

  • ވަރުން ދަވަންގެ ހުއްދަނެތި އޭނާގެ ސިފަ، އަޑު އަދި ނަން ބޭނުންކުރުން ކޯޓުން މަނާކުރުން.
  • ގޫގުލް އަދި މެޓާ ފަދަ ކުންފުނިތަކުން 36 ގަޑިއިރު ތެރޭގައި މިފަދަ ކޮންޓެންޓް ނެގުމަށް އަމުރުކުރުން.
  • އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ބަދުއަހުލާގީ ފޮޓޯތަކާއި ވީޑިއޯތައް ފަތުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުން.
  • މަޝްހޫރު ފަރާތްތަކުގެ ޓްރޭޑްމާކް ކުރެވިފައިވާ އައިޑެންޓިޓީ ހިމާޔަތްކުރުމަށް ގާނޫނީ ރައްކާތެރިކަން ކަށަވަރުކުރުން.
  • ޑީޕްފޭކް އުފެއްދުންތައް ނައްތާލުމަށް އަމާޒުކޮށްގެން އެޅުނު ހަރުދަނާ ފިޔަވަޅެއްކަން.
  • ޑިޖިޓަލް ކުންފުނިތަކުގެ ޒިންމާދާރުކަން އިތުރުކުރުމަށް މަޖުބޫރުކުރުވުން.
  • އާޓިފިޝަލް އިންޓެލިޖެންސްގެ ނަހަމަ ބޭނުންތަކުން އާންމުން ރައްކާތެރިކުރުމުގެ މުހިންމުކަން.
  • ފަންނާނުންގެ ވިޔަފާރީގެ ހައްގުތައް ހިމާޔަތްކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްކަން.
comment ކޮމެންޓް