އީރާނާ ދެކޮޅަށް ޓްރަމްޕް ފެށި ހަނގުރާމަ ހުއްޓާލަން ގޮވާލާ ގަރާރެއް ފާސްކޮށްފި

ޓްރަމްޕް

ވޮޝިންޓަން (4 ޖޫން 2026): އީރާނާ ދެކޮޅަށް ޓްރަމްޕް ފަށާފައިވާ ހަނގުރާމަ ހުއްޓާލައި އެ ކަމުގައި ހަރަކާތްތެރިވާ އެމެރިކާގެ ލަޝްކަރު އަނބުރައި ގައުމަށް ގެނައުމަށް ގޮވާލާ ގަރާރެއް އެމެރިކާގެ ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކޮށްފިއެވެ.

ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަޣްލަބިއްޔަތު އޮންނަ ހައުސްއިން މި ގަރާރު ފާސްކުރީ އެ ޕާޓީގެ ހަތަރު މެންބަރަކު މި ގަރާރަށް ތާއީދުކުރުމުންނެވެ. މި ގަރާރު ހުށަހެޅީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީންނެވެ. މި ގަރާރު ބުނާގޮތުން އީރާނާ ދެކޮޅަށް ޓްރަމްޕް ހަނގުރާމަ ފަށާފައިވަނީ ކޮންގްރެސްގެ ހުއްދަ ނުލިބިއެވެ. އީރާނާ ދެކޮޅަށް ހަމަލާތައް ފެށިތާ 90 ދުވަސްވެފައިވާއިރު ދެން ހަނގުރާމަ ކުރިއަށް ގެންދެވޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެން ކަމަށް ވެސް މި ގަރާރު ބުނެއެވެ.

ކުރިން 1973 ވަނަ އަހަރު ފާސްކުރި އެމެރިކާގެ ހަނގުރާމަތަކާ ބެހޭ ގާނޫނު ބުނާގޮތުން އެމެރިކާ ގައުމަކާ ދެކޮޅަށް އިސްވެ ހަނގުރާމަ އިއުލާނުކުރަންޖެހޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް، ހަނގުރާމަ އިއުލާނުކުރުމަކާ ނުލައި ގައުމަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ކޮންގްރެސްގެ ހުއްދައަކާ ނުލައި ފެށިދާނެއެވެ. ނަމަވެސް، 60 ދުވަހުގެ ތެރޭގައި އެކަން ކޮންގްރެސްއަށް އަންގަން ޖެހޭނެއެވެ. މި ގާނޫނު ބުނާގޮތުން މިފަދަ އޮޕަރޭޝަނެއް އެންމެ ދިގު މުއްދަތަކަށް ވެސް ކުރިޔަށް ގެންދެވޭނީ 90 ދުވަހުގެ މުއްދަތަށެވެ. އެއަށް ފަހު ކުރިޔަށް ގެންދެވޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ފެށީ އަސްކަރީ ހަމަލާތަކެކެވެ. ހަނގުރާމައެއް ނޫނެވެ. މި ހަމަލާތައް ވެސް ވަނީ 39 ދުވަހުގެ ތެރޭގައި ވަގުތީ ގޮތުން ހުއްޓާލާފައެވެ. އެހެންކަމުން ހަމަލާތައް ފެށިތާ ވެސް 90 ދުވަހެއް ނުވާނެއެވެ. ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަމަލާތައް އެޕްރީލް މަހުގެ މެދުތެރޭގައި ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށާފައިވާ ހަނގުރާމަ ހުއްޓާލައި އެ ކަމުގައި ހަރަކާތްތެރިވާ އެމެރިކާގެ ލަޝްކަރު އަނބުރައި ގައުމަށް ގެނައުމަށް ގޮވާލައި ހައުސްއިން ގަރާރެއް ފާސްކުރުމަކީ ސިޔާސީ ގޮތުން ޓްރަމްޕަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، މި ގަރާރަށް އަމަލުކުރަން ޓްރަމްޕަށް އަދި ލާޒިމެއް ނޫނެވެ. މިކަން ލާޒިމުވާނީ ކޮންގްރެސްގެ މަތިގެ ކަމަށްވާ ސެނެޓްއިން ވެސް މި ގަރާރު ފާސްކުރުމުންނެވެ.

މި ހާލަތުގައި ވެސް މި ގަރާރު ވީޓޯ ކުރުމުގެ އިޚުތިޔާރު އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޓްރަމްޕަށް ލިބިގެންވެއެވެ. ވީޓޯ ކޮށްފިނަމަ ދެން މިގަރާރު ހައުސްއާއި ސެނެޓުން ފާސްކުރަން ޖެހޭނީ އެދެ މަޖިލީހުގެ ވެސް ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތުންނެވެ. މިއީ މިހާރުގެ ހާލަތަށް ބަލާއިރު ގާތްގަނޑަކަށް މުސްތަހީލް ކަމެކެވެ.

ހައުސްއިން ފާސްކުރި ގަރާރާ މެދު ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރު ގެންދަނީ ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އީރާނާ އެކު ވާހަކަދައްކަމުންނެވެ. އަދި، ލަސްތަކެއްނުވެ ސުލްހައިގެ އެއްބަސްވުމެއްގައި އީރާނާ އެކު ސޮއިކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމުގައެވެ.

މި ގަރާރާ ބެހޭ ގޮތުން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވިދާޅުވީ، ޓްރަމްޕް އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަކީ އީރާންގެ ފަރާތުން އެމެރިކާއަށް އެއްވެސް ނުރައްކަލެއް އޮވެގެން ފެށި ހަނގުރާމައެއް ނޫނެވެ. މި ހަނގުރާމައިގެ ސަބަބުން އެމެރިކާ ސިފައިންގެ އެތައް ބަޔަކު މަރުވެ، އިތުރު ބަޔަކު ޒަޚަމުވެ މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ހަލާކުވެފައިވާ ކަމަށާއި އަދި ހަނގުރާމައިގެ ޚަރަދުގެ ގޮތުގައި އެމެރިކާގެ ޓެކްސް ޕޭޔަރުންގެ ފައިސާއިން 100 ބިލިއަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ކުރެވިފައިވާ ކަމުގައެވެ.

މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި އެމެރިކާގައި ތެލުގެ އަގު ބޮޑުވެ އާންމުންގެ ދިރިއުޅުމަށް ނޭދެވޭ އެތައް އަސަރުތަކެއް ކޮށްފައިވާ ކަމުގައެވެ. ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުންވަނީ ޓްރަމްޕް އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަކީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އޭނާ ކޮށްދިން ކަމެއް ކަމަށް ވެސް ސިފަކުރައްވާފައެވެ.

ނަމަވެސް، މި ގަރާރާ ދެކޮޅު ހެއްދެވި ރިޕަބްލިކަން ޕާޓީގެ މެންބަރުން ސިފަކުރެއްވި ގޮތުގައި، ޓްރަމްޕް އީރާނާ ދެކޮޅަށް ހަމަލާތައް ފެށީ އީރާނުން އެމެރިކާގެ ގައުމީ މަސްލަހަތަށް ނުރައްކާކުރަމުން ގެންދާތީ އެކަން ކުޑަކޮށް އެމެރިކާގެ ރައްޔިތުން އީރާންގެ ނުރައްކަލުން ސަލާމަތްކުރުމުގެ ބޭނުމުގައެވެ. އީރާން ގެންދިޔައީ ނިއުކްލިޔާ ހަތިޔާރު އުފައްދައިގެން އެއިން އެމެރިކާއަށް ބިރުދައްކަން މަސައްކަތް ކުރަމުން ކަމަށް ވެސް ރިޕަބްލިކަން ޕާޓީގެ މެންބަރުން ބުނެފައިވެއެވެ.

މުރާސިލުން ބުނާގޮތުގައި މި ގަރާރަކީ މި ވަގުތު ޓްރަމްޕަށް އަދި މާ ބޮޑު މައްސަލައަކަށް ނުވި ނަމަވެސް މި ގަރާރު ފާސްކުރުމަށް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވޯޓު ދެއްވާފައިވުމަކީ އޭނާއަށް ސިޔާސީ ގޮތުން ކުރިމަތިވި ބޮޑު މައްސަލައެކެވެ. އަނެއް ކޮޅުން ހަނގުރާމައިގާ އީރާންގެ މައްޗަށް ކާމިޔާބު ހޯދުމުގައި އެމެރިކާގެ ލަޝްކަރުތައް ނާކާމިޔާބުވުމާއި ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތެލާއި އެ ނޫން ވެސް ގިނަ ބާވަތްތަކެއްގެ އަގުތައް މައްޗަށް ދިޔުމުން ރައްޔިތުންގެ ޖީބުތަކަށް ބާރު ބޮޑުބޮޑުވެ ރައްޔިތުން ހަނގުރާމައާ އިދިކޮޅުވުމަކީ އެއަށް ވުރެ ބޮޑު މައްސަލައެކެވެ.

މި ހަނގުރާމައަކީ އެމެރިކާ ރައްޔިތުންގެ ތާއީދު ނެތް ހަނގުރާމައެއްކަން ސާވޭތަކުން ހާމަވެފައިވާތީ ކުރިއަށް އޮތް ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ދެގޭގެ އަޣުލަބިއްޔަތު ގެއްލުމުގެ ފުރުސަތު މި ހަނގުރާމައިގެ ސަބަބުން ބޮޑުވުމަކީ ވެސް ޓްރަމްޕަށް ކުރިމަތިވާ ބޮޑު ސިޔާސީ ގޮންޖެހުމެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށާއި، އެމެރިކާގެ ސިފައިން އަނބުރާ ގައުމަށް ގެނައުމަށް ގޮވާލައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކުރި ގަރާރަކީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ހުށަހެޅި ގަރާރެކެވެ. މި ގަރާރު ފާސްވީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ 4 މެންބަރުންގެ ތާއީދާ ވެސް އެކުގައެވެ. މިއީ ސިޔާސީ ގޮތުން ޓްރަމްޕަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށް ވީނަމަވެސް، މި ގަރާރަށް އަމަލުކުރުން ލާޒިމުވާނީ ކޮންގްރެސްގެ މަތިގެ ކަމަށްވާ ސެނެޓުން ވެސް މި ގަރާރު ފާސްކުރުމުންނެވެ. އަދި މި ހާލަތުގައި ވެސް ގަރާރު ވީޓޯ ކުރުމުގެ ފުރިހަމަ ބާރު ރައީސް ޓްރަމްޕަށް ލިބިގެންވެއެވެ.

  • އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހައުސްއިން ގަރާރެއް ފާސްކޮށްފިއެވެ.
  • މި ގަރާރު ފާސްކުރުމަށް ރިޕަބްލިކަން ޕާޓީގެ 4 މެންބަރަކު ވަނީ ތާއީދުކޮށްފައެވެ.
  • ކޮންގްރެސްގެ ހުއްދަނެތި ފެށި މި ހަމަލާތަކަކީ އެމެރިކާގެ އިގުތިސާދަށާއި ސިފައިންނަށް ގެއްލުންހުރި ކަމެއްކަމަށް ޑިމޮކްރެޓުން ބުނެއެވެ.
  • ވައިޓް ހައުސްއިން ބުނެފައިވަނީ އީރާނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
  • ހަނގުރާމައަށް ރައްޔިތުންގެ ތާއީދު ނެތުމަކީ ކުރިއަށް އޮތް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް އޮތް ބޮޑު ނުރައްކަލެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު