އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ގިނަ ކަންކަމަކީ ނާޖާއިޒު ކަމެއް ކުރަން ކޮށްފައި ހުރި ކަންކަމެއް ނޫން: މޭޔަރު ނިޒާރު

އައްޑޫގެ މޭޔަރު ޢަލީ ނިޒާރު: ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ގިނަ ކަންކަމަކީ ގާނޫނާ ޚިލާފު އަދި ނާޖާއިޒު ކަމެއް ހިންގުމަށް ކުރެވިފައިވާ ކަންތައްތައް ކަމަށް ފާހަގަކުރެވިފައިނުވާ ކަމަށް ---

އައްޑޫ ސިޓީ ކައުންސިލުން މާލިއްޔަތު ގަވާއިދާ ޚިލާފަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް، އެ ކައުންސިލުގެ ފަހުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ގިނަ ކަންކަމަކީ ގާނޫނާ ޚިލާފު އަދި ނާޖާއިޒު ކަމެއް ހިންގުމަށް ކުރެވިފައިވާ ކަންތައްތައް ކަމަށް ފާހަގަކުރެވިފައިނުވާ ކަމަށް އައްޑޫގެ މޭޔަރު ޢަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ 2022ވަނަ އަހަރާއި 2023ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު، އަދި 2024ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2023ވަނަ އަހަރާއި 2024ވަނަ އަހަރު ކައުންސިލުން ކުރި ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، އެ ދަތުރުތައް ކޮށްފައިވަނީ ޚަރަދު ކުޑަކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި މިހާރު އުވާލައިފައިވާ ލޯކަލް ގަވަނަންސް މިނިސްޓްރީގެ އެންގުންތަކާ އެއްގޮތަށް ނޫން ކަމަށެވެ.

އެގޮތުން، އަށް ކައުންސިލަރަކާއި ކައުންސިލު އިދާރާގެ ދެ މުވައްޒަފަކު 2023ވަނަ އަހަރު މެލޭޝިއާއާއި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރަށް 515،101 ރުފިޔާ ޚަރަދުކުރި ކަމަށާއި އަންހެނުންގެ ކޮމިޓީގެ ނުވަ މެންބަރަކާއި ކައުންސިލަރެއްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުގެ އަމީންއާންމު 2024ވަނަ އަހަރު ކުރި ތަޖުރިބާ ދަތުރަށް 685،509 ރުފިޔާ ޚަރަދުކުރި ކަމަށް ވެސް އޮޑިޓް ރިޕޯޓުން ދައްކައެވެ.

ނިޒާރު 'ސަން'އަށް ވިދާޅުވީ، އެ ދަތުރުތަކަކީ މިދިޔަ ދައުރުގައި އައްޑޫ ސިޓީ ކައުންސިލަރުން ތަޖުރިބާއާއި ތަމުރީނު ހޯދުމަށް ކުރި ހަމައެކަނި ދަތުރު ކަމަށެވެ.

"އެއީ ސިންގަޕޫރުގެ ކަމާ ގުޅުންހުރި ފަރާތްތަކަކާ އެކު އެއްބަސްވެވިގެން ކޮށްފައި އޮތް ދަތުރެއް، ދެން އޭގައި ފާހަގަކުރަނީ އަޅުގަނޑުމެން ކުރި ދަތުރުގަ އާބަން ޑިވެލޮޕްމަންޓާއި އެ ކަހަލަ ކަންކަމަށް ބޮޑަށް ބެލިފައި ނެތް ކަމަށް. އެކަމަކު އަޅުގަނޑުމެން ބައްދަލުކުރި މީހުންނާއި ލިބުނު ޓްރެއިނިންނަކީ އެކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާވެވިގެން އެއްބަސްވުން ހެދިގެން ކުރެވިފައި އޮތް ކަމެއް،" ނިޒާރު ވިދާޅުވިއެވެ.

އެ އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކުރި އެހެނިހެން ކަންކަމުގެ ތެރޭގައި، އައްޑޫގެ އެކި އަވަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ 52،000 އަކަފޫޓުގެ 10 ބިމަށް އިއުލާނުނުކޮށް 166،340 އަކަފޫޓުގެ ބިމަކާއި 5،000 އަކަފޫޓުގެ ޕްލޮޓެއް އިތުރުކޮށްދީފައިވެއެވެ. އެގޮތުން، ކައުންސިލުން އިއުލާނުނުކޮށް 162،540 އަކަފޫޓުގެ ބިމެއް އިތުރުކޮށް، އައްޑޫގެ މީދުއާއި ފޭދޫން އަށް ބިމެއްގެ ހެޑް ލީޒް ބަދަލުކޮށްފައިވާ ކަމަށާއި ހިތަދޫން ދޫކުރި ބިމަކަށް އިއުލާނު ނުކޮށް 3،800 އަކަފޫޓުގެ ބިމެއް އިތުރުކޮށްފައިނުވާތީ ކަމަށް ރިޕޯޓުގައިވެއެވެ.

ނިޒާރު ވިދާޅުވީ، ފަތުރުވެރިކަމަށް އިތުރުކުރި ބިންތަކަކީ ކައުންސިލުން ނިންމައި، ފަތުރުވެރިކަން ތަރައްގީކުރުމަށް ބިންތައް އެލޮކޭޓުކޮށް ފަތުރުވެރިކަމަށް ޒޯނެއް ހަދައި، އެ ޒޯނުގައި ހުރި ބިންތައް އިއުލާނުކޮށް މީހުންނަށް ދީ، އަދި އެ ޒޯނުގައި ބިން ލިބުނު މީހުން އިތުރަށް ބޭނުންވާ ޚިދުމަތްތައް، އެ ކަމަށް އެދޭ އެންމެންނަށް ވެސް ދެވޭ ގޮތަށް ނިންމައިގެން ކައުންސިލުން އިތުރުކުރި ބިންތަކެއް ކަމަށެވެ.

އެހެންކަމުން އެކަމުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އެހެންވީމާ ކައުންސިލުން ނިންމައިގެން މޭޔަރު ކުރި ކަމެއް ވެސް ވަކި ކައުންސިލަރަކު ކުރި ކަމެއް ވެސް ނޫން، އެއީ ހަމަ މުޅި ކައުންސިލުން އެންޑޯޒްކޮށްގެން ކައުންސިލުން ނިންމައިގެން ދޭން ނިންމަނީ. އަދި ޓޫރިޒަމް ކޮމިޓީގައި މަޝްވަރާކުރެވިގެން ކޮމިޓީން ނިންމައިގެން ކައުންސިލަށް ހުށަހަޅައިގެން ކައުންސިލުން އެ ނިންމާނީ،" އޭނާ ވިދާޅުވިއެވެ.

ހަމަ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2024ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އެމްްއެމްއޭގައި ހުންނަ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވެއެވެ. އެގޮތުން، 492،533 ރުފިޔާ ޕަބްލިކް އެކައުންޓަށް ޖަމާނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އޭގެ ތެރޭގައި އައިޑީ ކާޑު އައުކުރުމުގެ ފީގެ ގޮތުގައި ހިމެނޭ 274،200 ރުފިޔާ ހިމެނެއެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ނިޒާރު ވިދާޅުވީ، އައްޑޫގައި އައިޑީ ކާޑު ހެއްދުމުގެ މަސައްކަތްކުރަނީ އެ ސިޓީގެ މުވައްޒަފުން ޚަރަދުކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުން އަޅުގަނޑުމެން މަސައްކަތްކޮށްފައި، އަޅުގަނޑުމެން ޚަރަދުކޮށްފައި، އައިޑީ މި ހަދައިދީ ހުރިހާ މަސައްކަތެއް މި ކުރަނީ. ދެން އަޅުގަނޑުމެން ކޮން އުސޫލަކުންހޭ ފައިސާ ދޭން ޖެހެނީ އެހެން ބަޔަކަށް،" އޭނާ ވިދާޅުވިއެވެ.

އެ ރިޕޯޓުގައި މީގެ އިތުރުން ވެސް ފާހަގަކުރި ކަންކަމަށް ބަލާއިރު ހިތަދޫ އަވަށު އޮފީހަށް 345,000 ރުފިޔާއަށް ގަނެފައިވާ ޕިކަޕާ ހަވާލުވުމުގެ ކުރިން އެއްވެސް ވަރެއްގެ އިންސްޕެކްޝަނެއް ކައުންސިލުން ހަދާފައެއް ނުވެއެވެ. ސަޕްލަޔަރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ވެހިކަލް ގެނައުމަށް ފަހު، ކައުންސިލްގެ އިދާރާއިން ފަހުން ހެދި އިންސްޕެކްޝަނުން އެ ޕިކަޕުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފައެވެ. މީގެ އިތުރުން، އެ ޕިކަޕަކީ މުނިސިޕަލް މަސައްކަތްތަކަށް އެކަށީގެންވާ އުޅަނދެއް ނޫން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/222811

ވެހިކަލްތަކުގެ މައްސަލައިގެ އިތުރުން، އައްޑޫ ސިޓީގެ ގޭދޮށު މަސް ޕްލާންޓްތަކާ ގުޅޭ ބޮޑެތި މައްސަލަތަކެއް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، 2020 ވަނަ އަހަރު ހިތަދޫ، މަރަދޫ އަދި ހުޅުދޫމީދޫގައި ގޭދޮށު މަސް ޕްލާންޓް ހެދުމަށް ހަވާލުކުރި ދެ އެއްބަސްވުމެއް ބާތިލުކޮށްފައިވާއިރު، އެޑްވާންސްގެ ގޮތުގައި ދޫކުރި 1,800,000 ރުފިޔާ އަނބުރާ ހޯދާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި، ހަމަ އެ އަހަރު ގޭދޮށު މަސް ޕްލާންޓް ހެދުމަށް ސޮއިކުރި އެއްބަސްވުންތަކުގެ މަސައްކަތް ވެސް އެކި ސަބަބުތަކާ ހުރެ ނުނިމި ހުރިކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީ ކައުންސިލުން ހިންގާފައިވާ މި މުޢާމަލާތްތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އޮޑިޓް ރިޕޯޓުން ސާފުކޮށް ފެންނަން އޮތްއިރު، މިކަންކަން އިސްލާހުކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ކައުންސިލަށް ލަފާދީފައެވެ. ޚާއްސަކޮށް ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިއުމުގައި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ރިޕޯޓުގައި ވަނީ އަންގައިފައެވެ.

އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ނިޒާރު ޖުމުލަ ގޮތެއްގައި ވިދާޅުވީ، އޮޑިޓް ރިޕޯޓުގައި ގިނައިން ފާހަގަކޮށްފައިވާ ކަންކަމަކީ ގާނޫނާ ޚިލާފަށް ކަމެއް ހިންގުމަށް ފާހަގަކުރެވިފައިވާ ކަންތައްތައް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"އޭގައި ގިނައިން ފާހަގަކުރެވިފައިވާ ކަންކަމަކީ އެއިކީ ގާނޫނާއި ޚިލާފު، ނޫނިއްޔާ ގާނޫނާ ޚިލާފަށް ނޫނީ ނާޖާއިޒު ކަމެއް ހިންގުމަށް ކުރެވިފައި ހުރި ކަންކަން ފާހަގަކުރެވިފައެއް ނެތް އަޅުގަނޑުމެންނަކަށް،" އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފަހުގެ އޮޑިޓް ރިޕޯޓުތަކުން ދައްކާގޮތުގައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލުން ވަނީ ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ތަޖުރިބާ ދަތުރުތަކަށް ބޮޑެތި ޚަރަދުކުރުމާއި، އިއުލާނުކުރުމަކާ ނުލައި ފަތުރުވެރިކަމަށް ބިން ދޫކުރުމާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ޕަބްލިކް އެކައުންޓަށް ޖަމާނުކުރުން ހިމެނެއެވެ. ނަމަވެސް މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، މިކަންކަމަކީ ކައުންސިލުން ފާސްކޮށްގެން، ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ގޮތުން ކޮށްފައިވާ ކަންކަން ކަމަށާއި، ގާނޫނާ ޚިލާފު ނާޖާއިޒު އަމަލުތަކެއް ހިންގާފައި ނުވާނެ ކަމަށެވެ.

  • ކައުންސިލަރުންނާއި މުވައްޒަފުންގެ ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ.
  • އިއުލާނުކުރުމަކާ ނުލައި ފަތުރުވެރިކަމުގެ ބޭނުމަށް ބޮޑެތި ބިންތަކެއް އިތުރުކޮށްދީފައިވޭ.
  • އައިޑީ ކާޑު ހެދުމުގެ ފީ ހިމެނޭހެން 492،533 ރުފިޔާ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ.
  • ގޭދޮށު މަސް ޕްލާންޓްތަކުގެ އެޑްވާންސްގެ ގޮތުގައި ދިން 1.8 މިލިއަން ރުފިޔާ އަނބުރާ ހޯދާފައެއް ނުވޭ.
  • މުނިސިޕަލް މަސައްކަތަށް އެކަށީގެންނުވާ ޕިކަޕެއް އިންސްޕެކްޓްކުރުމަކާ ނުލައި 345،000 ރުފިޔާއަށް ގަނެފައިވޭ.
comment ކޮމެންޓް