ފީފާ ވޯލްޑް ކަޕް 2026 އަށް މުޅި ދުނިޔެ ތައްޔާރުވަމުންދާއިރު، މި ބިޔަ މުބާރާތުގެ ފައިނަލް މެޗު ބާއްވާ ދަނޑު ހިމެނޭހެން އެންމެ މުހިންމު ދަނޑުތަކުގެ ލީޑް ވެނިއު ޓެކްނޮލޮޖީ މެނޭޖަރެއްގެ ގޮތުގައި ދިވެއްސަކަށް ފުރުސަތު ލިބިއްޖެއެވެ.
މި ފުރުސަތު ލިބިފައިވަނީ އެމެރިކާގައި ދިރިއުޅެމުން އަންނަ ދިވެހި އައިޓީ މާހިރެއް ކަމަށްވާ މުހައްމަދު ޝާހީނަށެވެ.
ނިއުޔޯކުގެ ވާދަވެރި އައިޓީ ދާއިރާގައި ފައިތިލަ ސާބިތުކޮށް، އޭނާ ވަނީ ކްލައުޑް އިންފްރާސްޓްރަކްޗާ، ސައިބަރ ސެކިއުރިޓީ، އެންޓަޕްރައިޒް ނެޓްވޯކިން، އަދި އައިޓީ އޮޕަރޭޝަންތަކަށް ޚާއްސަ ކުންފުންޏެއް ކަމަށްވާ "ވިޓް ސޮލިއުޝަންސް" އުފައްދަވާފައެވެ. މި މަސައްކަތް ލިބުނީ މި ކުންފުންޏަށެވެ.
"އެންމެ ފުރަތަމަ ހީކުރީ ސްޕޭމް މެސެޖެއް ކަމަށް"
މި އަހަރުގެ ޖެނުއަރީ މަހު ފީފާ ވޯލްޑް ކަޕް އިންތިޒާމްކުރާ ފަރާތުން އައި އީމެއިލްއަކީ ފުރަތަމަ "ސްޕޭމް" މެއިލްއެއް ކަމަށް ހީކުރެވުނު ކަމަށް ދިވެހި އޮންލައިން ނޫހެއްކަމަށްވާ ފިޔެސްގައި ވާހަކަދައްކަމުން އޭނާ ބުނެފައިވެއެވެ.
ނަމަވެސް ފަހުން އެއީ ސައްހަ މެއިލްއެއްކަން ޔަގީންވުމާއެކު އެއީ އޭނާގެ ކުންފުންޏަށް ލިބުނު ބައިނަލްއަގްވާމީ ފަޚުރުވެރި ޕްރޮޖެކްޓެއްގެ ފެށުމުގެ ގޮތުގައި ޝާހީން ފާހަގަކުރިއެވެ.
ޝާހީންގެ ޒިންމާތަކުގެ ތެރޭގައި ޓެކްނޮލޮޖީ ޑިޒައިން ކުރުމާއި، ސިސްޓަމް އިންޓަގްރޭޝަން، އޮޕަރޭޝަނަލް ރެޑިނެސް ޓެސްޓިން، އަދި އެކި ގޮންޖެހުންތައް ގިރާކުރުމުގެ ޕްލޭންތައް ހިމެނެއެވެ. އަދި ދަނޑުތަކުގައި ޓެކްނޮލޮޖީ ޕްލޭނިން އަދި އޭގެ އަމަލީ މަސައްކަތްތައް ރޭވުމާއި ބެލެހެއްޓުންވެސް އޭނާގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

މުޙައްމަދު ޝާހީން--
ޝާހީންގެ މި ކާމިޔާބީއަކީ އައިޓީ ޓެކްނޮލޮޖީ، އިންޖިނިއަރިން، ސައިބަ ސެކިއުރިޓީ، އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ދާއިރާތަކުން ދިވެހި ޕްރޮފެޝަނަލުންނަށް އޮތް ކުރިއެރުމުގެ ފުރުސަތުތައް ދައްކުވައިދޭ އަލިގަދަ މިސާލެކެވެ.