ބީއެމްއެލްގެ ސުކޫކްގެ މަގުސަދަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު

ފިނޭންސް މިނިސްޓަރު ޒަމީރު: ބީއެމްއެލްގެ ސުކޫކްގެ މަގުސަދަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން ކަމަށް ވިދާޅުވި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެރުމަށް ހަމަޖެހިފައިވާ ސުކޫކަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް އަމާޒުކޮށްފައިވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، މި ސުކޫކަކީ މެދު ރާސްތާގައި އިގްތިޞާދު ކުރިއެރުވުމަށް، ޚާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.

"މީގެ ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން، ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސްއިން ނެރުމަށް ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މުއާމަލާތެއް ނޫން،" ޒަމީރު ވިދާޅުވިއެވެ.

https://sun.mv/221608

ޒަމީރު ފާހަގަކުރެއްވި ގޮތުގައި، މި އިސްނެގުމުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިގްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިގްތިޞާދީ ހަރަކާތްތައް ފުޅާކުރުމެވެ. މި ސުކޫކުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭ ވަޞީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ފަތުރުވެރިކަމުގެ ދާއިރާއިން އިގްތިޞާދު ކުރިއެރުވުމަށް، ޚާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ރާވާފައިވާ މަސައްކަތެއް،" ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް' 'ސީސީ'އިން 'ސީސީސީ މައިނަސް'އަށް މަތިކުރުމާ ގުޅިގެންނެވެ. ފިޗްއިން ހާމަކުރި ގޮތުގައި މި ކުރިއެރުމަކީ، މައިގަނޑު ގޮތެއްގައި، މިދިޔަ އޭޕްރިލް މަހު ދައްކަންޖެހޭ ސުކޫކުގެ ފައިސާ ދައްކައި ހަލާސްކޮށްފައިވުމުގެ ސަބަބުން ދީފައިވާ ރޭޓިންގްއެކެވެ. އަދި އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން، ދައުލަތަށް ބޭރު ފައިސާ ހޯދުމުގެ ގާބިލުކަން އިތުރުވާނެ ކަމަށްވެސް ފިޗްއިން ފާހަގަކޮށްފައިވެއެވެ.

https://sun.mv/222821

އެ ރޭޓިންއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އީރާން ހަނގުރާމައިގެ ސަބަބުން ކުރު ރާސްތާގައި ރާއްޖޭގެ އިގުތިސާދަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށެވެ. އެހެންނަމަވެސް ފިސްކަލް އަދި މަނިޓަރީ ޕޮލިސީގެ ރިފޯމްތަކާއި ބޭރު ފައިސާގެ ލިކުއިޑިޓީ އައުޓްލުކް ރަނގަޅުވެފައިވުމުގެ ސަބަބުން، ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވާ އެފަދަ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލުކަން ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމާއެކު އިގުތިސާދީ ހަރަކާތްތައް މެދުނުކެނޑި ކުރިއަށްގެންދަން ސަރުކާރުން ރާވައިފައިވަނީ ދައުލަތުގެ ޚަރަދުތައް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް އަމާޒު ކަނޑައަޅައިގެން ކަމަށް ބަޔާނުގައިވެއެވެ.

ސަރުކާރުގެ ސްޓްރެޓީޖިކް އިންވެސްޓްމެންޓްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ހަރަކާތްތަކާއި އިގުތިސާދީ ވިލުންވެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވި ދުނިޔޭގެ އިގުތިސާދީ ހާލަތު ހަމަޖެހުމާއެކު ރާއްޖޭގެ އިގުތިސާދު އާންމު ހާލަތަކަށް ހަލުވިކަމާއެކު ރުޖޫއަވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރާ ގުޅިފައިވާއިރު، ފާއިތުވި ދެ އަހަރުގެ ފިޗުން އޮތީ ރާއްޖޭގެ ރޭޓިން ދަށްކޮށް ހިފަހައްޓައިފައެވެ. އެގޮތުން ރާއްޖެ ޖޫން 2024 ވަނަ އަހަރު 'ސީސީސީ ޕްލަސް' ރޭޓިންގައި އޮތުމަށް ފަހު، އެ އަހަރުގެ އޮގަސްޓު މަހު އެ ރޭޓިން ވަނީ 'ސީސީ'އަށް ދަށްކޮށްފައެވެ. އަދި 2025ގައި ވެސް 'ސީސީ'ގައި ރޭޓިން ދެމެހެއްޓިއެވެ.

ސަރުކާރުގެ ގެރެންޓީއާއެކު ބޭންކް އޮފް މޯލްޑިވްސްއިން ނެރުމަށް ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓު ފައިނޭންސް ކުރުމުގެ ބަދަލުގައި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް އަމާޒުކޮށްފައިވާ މާލީ މުއާމަލާތެކެވެ. މީގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއަރުވައި، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤުތިޞާދީ ހަރަކާތްތައް އިތުރުކުރުމެވެ. މިކަމުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ފަހިވެ، މާލީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވާނެކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އޭޕްރިލް މަހު ދައްކަންޖެހުނު ސުކޫކުގެ ފައިސާ ދައްކައި ޚަލާޞްކުރުމާ ގުޅިގެން ފިޗް ރޭޓިންގްސްއިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ 'ސީސީ' އިން 'ސީސީސީ މައިނަސް' އަށް މަތިކޮށްފައެވެ. އަދި ބޭރު ފައިސާގެ އައު ޤާނޫނާއި މާލީ އިޞްލާޙުތަކުގެ ސަބަބުން ދައުލަތުގެ ވިލުންވެރިކަން އިތުރުވެ، އިޤުތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

  • ބީއެމްއެލްގެ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ނެރޭ އެއްޗެއް ނޫންކަން ކަށަވަރުކުރުން.
  • އަތޮޅުތެރޭގެ ފަތުރުވެރިކަމާއި އަމިއްލަ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ފުރުޞަތު ފަހިކޮށްދިނުން.
  • ދަރަނި އަދާކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުން ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ 'ސީސީސީ މައިނަސް' އަށް މަތިކުރުން.
  • ފިސްކަލް އަދި މަނިޓަރީ ޕޮލިސީއަށް ގެނެވޭ އިޞްލާޙުތަކާއެކު ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވުން.
  • ބައިނަލްއަޤުވާމީ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ލޮޅުންތަކާއެކުވެސް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ޚިދުމަތްތައް ދެމެހެއްޓުން.
comment ކޮމެންޓް