އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ހަމަލާތައް މެދުކަނޑާލުމުގެ މަޝްވަރާތައް އެއްވެސް ކުރިއެރުމެއް ނުލިބި މަޑުޖެހިފައިވަނިކޮށް، ދެ ގައުމުގެ ދެމެދުގައި އަނެއްކާވެސް ނުރައްކާތެރި ހަމަލާތަކެއް ބަދަލުކުރަން ފަށައިފިއެވެ.
މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެފައި މިވަނީ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އަމާޒުތަކަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މި ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިން ބުނެފައިވާއިރު، އީރާނުން ވަނީ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ބައެއް ގައުމުތަކުގައި ތިބޭ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައެވެ.
މި ހަމަނުޖެހުންތައް ފެށިފައި މިވަނީ، އެތައް މަހެއް ވަންދެން ކުރިއަށްދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޕާކިސްތާނުގައި ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެމެރިކާގެ ފައުޖުތަކުން ވަނީ ހުރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ގަޝްމް އައިލެންޑް އަށް ހަމަލާދީފައެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ އެ ރަށުގައި ގާއިމުކޮށްފައިވާ އީރާނުގެ އަސްކަރީ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށެވެ. ސެންޓްކޮމްއިން އިތުރަށް ހާމަކުރި ގޮތުގައި، މި ހަމަލާއަކީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި އީރާނުން ދޭން އުޅުނު ހަމަލާތަކަކަށް ރައްދުދިނުމުގެ ގޮތުން ދިން ހަމަލާއެކެވެ. މި ހަމަލާގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އެ ފަރާތުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގަޝްމް އައިލެންޑް ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފައެވެ.
އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ ސަރަހައްދީ ގައުމުތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ބުނި ގޮތުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ހެލިކޮޕްޓަރުތަކަށް އަމާޒުކޮށް އެމީހުން ވަނީ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. ނަމަވެސް ސެންޓްކޮމްއިން ބުނެފައިވަނީ އީރާނުން ފޮނުވާލި އެއްވެސް ހަމަލާއެއް އަމާޒަށް ވާސިލުވެފައިނުވާ ކަމަށެވެ. މިގޮތުން، ކުވޭތަށް އަމާޒުކޮށް އީރާނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވެއްޓި ނުވަތަ ހަލާކުވެފައިވާއިރު، ބަހްރޭނަށް ފޮނުވާލި ތިން މިސައިލް ވަނީ އެމެރިކާއާއި ބަހްރޭނުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވައްޓާލާފައެވެ. މީގެ އިތުރުން، ސަރަހައްދީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އާންމު ވިޔަފާރި ބޯޓުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ތިން ޑްރޯނެއްވެސް އެމެރިކާގެ ސިފައިން ވަނީ ވައްޓާލާފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނަށް ދަތުރުކުރަމުންދިޔަ ބޮޑު ތެޔޯ ޓޭންކަރަކަށްވެސް ހަމަލާދީފައެވެ. އެމް/ޓީ ލެކްސީ ނަމަކަށް ކިޔާ، ބޮޓްސްވާނާގެ ދިދަ ނަގާފައިވާ މި ބޯޓަކީ ހުސްކޮށް އޮވެ، އީރާނުގެ ޚާރްގް އައިލެންޑަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. ސެންޓްކޮމްއިން ހާމަކުރި ގޮތުގައި، މި ބޯޓަށް ހަމަލާދީފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ހުރްމުޒް ކަނޑުއޮޅީގައި ހިންގަމުންދާ ކަނޑުގެ ބްލޮކޭޑް ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ އޮޕަރޭޝަނުގެ ދަށުންނެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ވަނީ މި ޓޭންކަރުގެ އިންޖީނު ރޫމަށް ހެލްފަޔާ މިސައިލެއް ފޮނުވާލައި، ބޯޓު ދަތުރުނުކުރެވޭ ވަރު ކޮށްލާފައެވެ. ސެންޓްކޮމްއިން ބުނި ގޮތުގައި މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަންޖެހުނީ، 24 ގަޑިއިރުގެ ތެރޭގައި އެތައް ފަހަރެއްގެ މަތިން އެމެރިކާގެ ފައުޖުތަކުން ދިން އިންޒާރުތަކަށް ބޯޓުގެ ފަޅުވެރިން އިޖާބަދީފައި ނުވާތީއެވެ.

އީރާނުގެ ހުރްމުޒްގާން ޕްރޮވިންސްގެ ސްޓްރޭޓް އޮފް ހޮރްމުޒް ސަރަހައްދުގެ ތެރޭގައި އޮންނަ ޤަޝްމް އައިލެންޑްގެ ސެޓެލައިޓް ވިއުއެއް. ފޮޓޯ/ގަލޯ
އެމެރިކާއިން ހުރްމޫޒް ކަނޑުއޮޅީގައި ހިންގަމުންދާ އޮޕަރޭޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބްލޮކޭޑް ފެށިފަހުން މިހާތަނަށް ވަނީ ޖުމްލަ 6 ބޯޓަކަށް ހަމަލާދީފައެވެ. އޭގެ ތެރޭގައި މެއި މަހުގެ ތެރޭގައި އީރާނުގެ ދިދަ ނަގާފައިވާ ތިން ބޯޓަކަށް ދިން ހަމަލާތައްވެސް ހިމެނެއެވެ. އަދި މީގެ އިތުރުން 122 ބޯޓެއްގެ މިސްރާބު ވަނީ ގަދަކަމުން ބަދަލުކުރުވާފައެވެ. އައިއާރްޖީސީން ވަނީ ހުރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް އެމެރިކާއިން ހިންގާ އަމަލުތަކުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއިން ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށް ބުނެ އިންޒާރުދީފައެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް ނުހަނު މުހިންމު މަގަކަށްވާއިރު، އެތަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުތަކަށް ވަނީ އޭގެ ނޭދެވޭ އަސަރު ފޯރަން ފަށާފައެވެ. ޔުނިސެފުން ފާހަގަކޮށްފައިވާ ގޮތުގައި، ދަތުރުފަތުރުގެ އަގުތައް އުފުލުމާއި ސަޕްލައި ޗޭނަށް އައިސްފައިވާ ބުރޫއެރުންތަކުގެ ސަބަބުން ޣައްޒާއާއި ލުބުނާނު ފަދަ ގައުމުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.
ސިޔާސީ މައިދާނުގައި މި މައްސަލައާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ރައްދުދެއްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުން ހަގީގަތުގައިވެސް ބޭނުންވަނީ އެއްބަސްވުމަކަށް އައުމަށެވެ. އަދި އެ އެއްބަސްވުމަކީ އެމެރިކާއަށް ވަރަށް ފައިދާހުރި އެއްބަސްވުމަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސުލްހައިގެ އެއްބަސްވުމުގެ ދެލިކޮޕީއަށް ބަދަލުތަކެއް ގެނައުމަށް ޓްރަމްޕް ވަނީ އެދިވަޑައިގެންފައެވެ. މި ބަދަލުތައް ގުޅިފައިވަނީ ހުރްމޫޒް ކަނޑުއޮޅީގެ މައްސަލައަށާއި، އީރާނުގައި ހުރި މަތީ ފެންވަރަށް ފައްކާކޮށްފައިވާ ޔުރޭނިއަމް ނައްތާލުމުގެ މައްޗަށެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ، އެމެރިކާއިން މެދުކެނޑުމެއްނެތި އެމީހުންގެ ވިސްނުން ބަދަލުކުރަމުންދާ ކަމަށާއި، އަބަދުވެސް އާ އަދި ފުށުއަރާ ޝަރުތުތަކެއް ކުރިމަތިކުރުވަމުންދާ ކަމަށް ބުނެ ފާޑުކިޔާފައެވެ.
މި ދަނޑިވަޅުގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ކޮންގްރެސްގެ ކުރިމައްޗަށް ހާޒިރުވެވަޑައިގެންފައެވެ. ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، ކަނޑުއޮޅި ހުޅުވާލުމުގެ ބަދަލެއްގެ ގޮތުން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެމެރިކާގެ މަޝްވަރާ ޓީމުން ހުށަހަޅާފައި ނުވާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުންނެވެ. އެއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމެވެ. ރޫބިއޯ ވިދާޅުވި ގޮތުގައި އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ އެމީހުންގެ ނިއުކްލިއާ ހަރަކާތްތަކުގެ ސަބަބުން ކަމަށްވާއިރު، އެކަންކަން ދޫކޮށްލުމުން ނޫނީ ފިޔަވަޅުތަކަށް ލުޔެއް ނުލިބޭނެއެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން އީރާނުގެ އަސްކަރިއްޔާއާއި އިގުތިސާދު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށާއި، އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބާރެއް މިހާރު ނެތް ކަމަށްވެސް ރޫބިއޯ ވިދާޅުވިއެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ސެނެޓަރަކާ ދެމެދު ހިނގި ހޫނު ބަހުސެއްގެ ތެރެއިން ރޫބިއޯ ވަނީ "ހަނގުރާމަ ނިމިއްޖެ" ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މެދުއިރުމަތީގެ މަސްރަހުން ފެންނަމުންދާ މަންޒަރުތަކާއި، ދެ ފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކަށް ބަލާއިރު، މި ހަމަނުޖެހުންތަކަށް އަވަސް ނިމުމެއް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ. ސުލްހައިގެ މަޝްވަރާތައް އަލުން ފެށޭނެ ވަކި ތާރީޚެއް ކަނޑައެޅިފައި ނުވާއިރު، ހުރްމޫޒް ކަނޑުއޮޅީގައި އެމެރިކާއިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމަލާތައް މެދުކަނޑާލާފައި އޮތް ނަމަވެސް، އީރާނުގެ ފަރާތުން އަތުވެދާނެ ކޮންމެ ހަމަލާއަކުން ދިފާއުވުމަށް އެމީހުން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.