އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސްޓެންފޯޑް ޔުނިވާސިޓީގެ ހިސާބު އިލްމުވެރިއެއް ކަމަށްވާ ޖެރެޑް ޑޫކާ-ލިޗްމަން ހަތް އަހަރު ވަންދެން ހައްލެއް ނުހޯދިގެން އުޅުނު ހިސާބު މައްސަލައެއް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްއެއް ކަމަށްވާ ޗެޓްޖީޕީޓީން އެންމެ 80 މިނެޓުގެ ތެރޭގައި ހައްލުކޮށްފިއެވެ.
މި މައްސަލައަކީ ހަންގޭރީގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ ޕޯލް އާޑޮސް ދޫކޮށް ގޮސްފައިވާ، ހައްލުކުރަން އުނދަގޫ ކަމަށް ފާހަގަކުރެވޭ "އާޑޮސް ޕްރޮބްލަމް 1196" އެވެ. ޖެރެޑް ވަނީ އޭނާގެ ކިޔެވުމުގެ ދުވަސްވަރުން ފެށިގެން މި މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އޭނާގެ ޕީއެޗްޑީ ވެސް މީގެ މައްޗަށް ބިނާކޮށްފައެވެ.
މި މައްސަލައިގެ ހައްލު ފެންމަތިވީ އިނގިރޭސިވިލާތުގެ ހިސާބު ކިޔަވައިގެން ހުރި އުމުރުން 23 އަހަރުގެ ލިއަމް ޕްރައިސް ނަމަކަށް ކިޔާ ޒުވާނަކު، ޗެޓްޖީޕީޓީ ބޭނުންކޮށްގެން ކުރި ތަހުލީލެއްގެ ތެރެއިންނެވެ. ލިއަމް ވަނީ ޗެޓްޖީޕީޓީއަށް ޚާއްސަ ކޮމާންޑެއް ނުވަތަ "ޕްރޮމްޕްޓެއް" ދީގެން މި ބޮޑު ހިސާބު މައްސަލަ ސިސްޓަމްގެ ތެރެއަށް ލާފައެވެ. އޭގެ ގާތްގަނޑަކަށް 80 މިނެޓު ފަހުން އޭއައި ސިސްޓަމުން ވަނީ ދިގު އަދި ފުން ހިސާބު ހަމަތަކެއް އެކުލެވޭ ޖަވާބެއް ނެރެދީފައެވެ.
އޭއައި އިން ނެރުނު ޖަވާބުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ލިއަމް މި މަސައްކަތް ޖެރެޑްއާ ހަމައަށް ފޯރުކޮށްދިނެވެ. ފުރަތަމަ ކޮޅު ޖެރެޑް މިކަމާ މެދު ޝައްކު އުފެއްދި ނަމަވެސް، އެ ލިޔުންތައް ކޮންމެ އެއްޗެއް ވަކިވަކިން ބަލައި ދިރާސާކުރުމުން އޭއައިގެ ހަމަތަކާއި ހޯދުންތައް ރަނގަޅުކަން އޭނާއަށް ގަބޫލުކުރެވުނެވެ.

ޖެރެޑް ޑޫކާ-ލިޗްމަން ----
ގާނޫނީ ދާއިރާ އާއި އިންޖިނިއަރިން ފަދަ ދާއިރާތަކުން އިންސާނުންގެ ވަޒީފާތައް އޭއައިގެ ސަބަބުން ގެއްލިދާނެ ކަމުގެ ބިރުވެރިކަން އޮތް ނަމަވެސް، ޖެރެޑް ހުރީ މި ހޯދުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ހިސާބުގެ އެހެން ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި އޭއައިގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދިދާނެއެވެ.
ހިސާބު އިލްމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެންމެ ނުފޫޒުގަދަ އެއް އިލްމުވެރިޔާ ކަމަށްވާ ހަންގޭރީގެ ޕޯލް އާޑޮސް (1913-1996) އަށް މި މައްސަލައަށް ހައްލެއް ނުހޯދުނު އިރު، އާޑޮސް އަކީ އޭނާގެ ހަޔާތުގައި ހިސާބުގެ ތަފާތު ތިއަރީތަކާ ގުޅޭ އުނދަގޫ މައްސަލަތައް އީޖާދުކޮށް، އެ މައްސަލަތައް އެންމެ ފުރަތަމަ ހައްލުކުރާ މީހަކަށް ފައިސާގެ ބޮޑެތި އިނާމުތައް ހުށަހެޅުމަށް މަޝްހޫރުވި ފަރާތެކެވެ.
މީގެ ކުރިން އިންސާނުންނަށް ހައްލުކުރަން އަހަރުތަކެއް ނުވަތަ ބައެއް ފަހަރު އެތައް ގަރުނެއް ނަގާފައިވާ މިފަދަ "އާޑޮސް ކޮންޖެކްޗާ" ތައް، މިހާރުގެ އޭއައި ޓެކްނޮލޮޖީގެ އެހީގައި މިހާރު މިވަނީ އެންމެ ގަޑިއިރެއްގެ ތެރޭގައި ހައްލުކުރަން ފަށާފައެވެ.