ސަލްމާންގެ ޓީމުން ފިލްމު ޕްރޮޑިއުސަރަކަށް ގާނޫނީ ނޯޓިސް ފޮނުވައިފި

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާންގެ ގާނޫނީ ޓީމުން "ކާލާ ހީރަން" ފިލްމު އުފައްދާ ފަރާތްތަކަށް ގާނޫނީ ނޯޓިސްއެއް ފޮނުވައި، އެ ފިލްމު ރިލީޒްކުރުމާއި އިޝްތިހާރު ކުރުން ހުއްޓާލުމަށް އަންގައިފިއެވެ.

ސަލްމާންގެ ޓީމުން ގާނޫނީ ނޯޓިސް ފޮނުވި މައްސަލައާ ގުޅިގެން ފިލްމު "ކާލާ ހީރަން"ގެ ޕްރޮޑިއުސަރު އަމިތު ޖާނީ ވަނީ މިއީ ބިރުދެއްކުމުގެ އަމަލެއް ކަމަށް ތުހުމަތުކޮށްފައެވެ. މިއާއެކު ފިލްމު ރިލީޒްކުރާނެ ތާރީހާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ފިލްމު "ކާލާ ހީރަން: ދަ ބެޓްލް ފޯ ލެގަސީ" ނަމަކަށް ކިޔާ ފިލްމަކީ، ސަލްމާންގެ މައްޗަށް ދައުވާ އުފުލިފައިވާ 'ބްލެކްބަކް' މެރި މައްސަލައަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ސަލްމާންގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.

ސަލްމާންގެ ގާނޫނީ ޓީމުން ފޮނުވި ނޯޓިސްގައި ވަނީ ފިލްމާ ގުޅޭ ޕޯސްޓަރުތަކާއި އިޝްތިހާރު ކުރުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗެއް ވަގުތުން ނެގުމަށް ގޮވާލާފައެވެ. އަދި މި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެކްޓަރުގެ ގާނޫނީ ޓީމުން ވަނީ ދީފައެވެ.

ފިލްމު "ކާލާ ހީރަން: ދަ ބެޓްލް ފޯ ލެގަސީ"ގެ ޕޯސްޓަރެއް އަދި ޕްރޮޑިއުސަރު އަމިތު ޖާނީ--ފޮޓޯ/އިންޑިއާޓުޑޭ

މި ފިލްމުގެ ޕްރޮޑިއުސަރަކީ މީގެ ކުރިން ވެސް ހޫނު މައްސަލަތަކާ ގުޅޭ ފިލްމުތައް އުފައްދާފައިވާ އަމިތު ޖާނީއެވެ. އަމިތު ވަނީ މީގެ ކުރިން ފަހާ މީހެއް ކަމަށްވާ ކަންހައްޔާ ލާލްގެ މަރުގެ ހާދިސާއަށް ބިނާކޮށް ވެސް ފިލްމެއް އުފައްދާފައެވެ.

އަމިތުގެ މި ފިލްމަށް ކުރިމަތިވެފައިވާ ގާނޫނީ މައްސަލައާ ގުޅިގެން ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ތާވަލުކުރި ތާރީޚަށް ފިލްމު ސިނަމާތަކަށް ގެނެސްދެވޭނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ލިބުނު ގާނޫނީ ނޯޓިސްއަށް ރައްދު ދެމުން އަމިތު ޖާނީ ބުނީ، މިއީ ފިލްމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ބިރުދައްކައި، ސަލްމާންގެ ނުފޫޒު ބޭނުންކޮށްގެން ފިލްމުގެ މަސައްކަތް ހުއްޓުވަން ކުރާ ކަމެއް ކަމަށެވެ.

މި މައްސަލާގައި ސަލްމާންގެ ފަރާތުން އަމިތު ޖާނީގެ ވާހަކަތަކަށް ރަސްމީގޮތުން ރައްދެއް ދީފައެއް ނުވެއެވެ.

"ކާލާ ހީރަން" މި ނަމުން ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވޭ 'ބްލެކްބަކް' މެރި މައްސަލައަށް އިޝާރާތް ކުރެވޭ ނަމަވެސް، ފިލްމު އުފައްދާ ފަރާތްތަކުން އެކަން ރަސްމީކޮށް ސާފުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް