ނަސްލީ ތަފާތުތަކަށް އިޝާރާތްކޮށް ކުރި ކޮމެންޓަކާ ގުޅިގެން އަމީތާބަށް ފާޑުކިިޔުން

އިންޑިއާގެ އެކްޓަރު އަމީތާބް ބައްޗަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފަރަންސޭސިވިލާތުގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ނަސްލާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކާ ގުޅިގެން އިންޑިއާގެ މެގަ ސްޓާ އަމީތާބް ބައްޗަންއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ފަރަންސޭސިވިލާތުން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅިގެންވެސް މިފަދަ މޭރުމަކުން ވާހަކަ ދައްކައިގެން އަމީތާބަށް ވަނީ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އެ އަހަރު ފަރަންސޭސިވިލާތުން ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅިގެން ބައްޗަން ވަނީ، އެ ޓީމުގައި އެފްރިކާގެ ދަރިކޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ތިބުމުން "ވޯލްޑް ކަޕް ކާމިޔާބު ކުރީ އެފްރިކާއިން" ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި އަމީތާބް ބުނެފައިވަނީ، ފަރަންސޭސި ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެނީ ކަޅު ނަސްލުގެ 10 ކުޅުންތެރިންނާއި ދޮން ނަސްލުގެ އެންމެ ކުޅުންތެރިއެއް ކަމަށެވެ. އަދި މިއީ "ކަޅު ނަސްލުގެ ބާރު" ކަމަށްވެސް އަމީތާބް ސިފަކޮށްފައިވެއެވެ.

އަމީތާބް ފިލްމު "ކަލްކީ"ގެ ކާސްޓުންނާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

މި ޕޯސްޓާ އެކު އުފެދުނު ބަހުސްތަކުގައި ގިނަ ބަޔަކު ވަނީ، ކުޅުންތެރިންގެ ގައުމީ ވަންތަކަމަށް ވުރެ ބޮޑަށް އެމީހުންގެ ނަސްލަށް އަމީތާބް ސަމާލުކަން ދިނުމުން އެކަމަށް ފާޑުކިޔާފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ފަރަންސޭސި ޓީމަކީ އެ ގައުމުގެ މުޅި އާބާދީގައި ހިމެނޭ ތަފާތު ނަސްލުތަކާއި ސަގާފަތްތައް ރަމްޒުކޮށްދޭ، ގައުމީ އެއްބައިވަންތަކަމުގެ ނަމޫނާއެކެވެ.

މިރޭ ކުޅެވޭ ކުއާޓާ ފައިނަލުގައި ފަރަންސޭސިވިލާތް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.

އުމުރުން 83 އަހަރުގެ އަމީތާބްގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އަމީތާބް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"ގެ ދެވަނަ ބައިންނެވެ.

comment ކޮމެންޓް