ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް އެ މަސްތުވާތަކެތީގެ ބަރުދަނުގައި 941 ގްރާމް ހުރި ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 1.8 މިލިޔަން ރުފިޔާއަށް ވުރެ އިތުރުވާނެކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ކަސްޓަމުން ހާމަކޮށްފައެއް ނުވެއެވެ.
މި ފަހަކަށް އައިސް ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުން އިތުރުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ދިވެހީންނާއި ބިދޭސީން ވެސް ހައްޔަރުކޮށްފައިވެއެވެ.
ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، އެ މައްސަލަ ހައްލުކުރުމަށް ގާނޫނުވަނީ އިސްލާހުކޮށްފައެވެ. އެގޮތުން ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މި އަހަރު ވަނީ އަމަލުކުރަން ފަށައިފައެވެ.