ދ. މީދޫއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިޔާ ސިއްދީގު އަލީ އަވަހާރަވެއްޖެ

ދ. މީދޫއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެރަށު, ސާޔާ، ސިއްދީގު އަލީ (68އ) އަވަހާރަވެއްޖެއެވެ.

ސިއްދީގު އަލީ އަވަހާރަވީ ބަލިވެއުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ވަގުތެއްގައެވެ.

ސިއްދީގު އަލީއަކީ މީދޫގެ ތަރައްޤީއަށާއި އިޖުތިމާޢީ ދާއިރާއަށް ނުހަނު ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ސަރުކާރުގެ ޚިދުމަތުގައި 31 އަހަރު ހޭދަކުރެއްވި އިރު، މީދޫގެ ކުޑަކަތީބުކަމާއި، ކަތީބުކަމުގެ މަގާމު އޭނާ ވަނީ ފުރުއްވާފައެވެ.

އަދި ލާމަރުކަޒީ ނިޒާމަށް ބަދަލުވުމަށްފަހު، މީދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް ދިގު މުއްދަތަކަށް ފުރުއްވިއެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާއިން ސިއްދީގަކީ 1980ގެ އަހަރުތަކުގެ ތެރޭގައި ދ. އަތޮޅު މަދަރުސާގައި ކިޔަވައިދެއްވި މުދައްރިސެކެވެ.

އޭނާއަކީ އަތޮޅުގެ ކަންކަމުގައި ވެސް ބަސްވިދާޅުވި، އަތޮޅު ކޮމެޓީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ރަށުގެ އިސްވެރިއެއްގެ ގޮތުންނާއި، ހެޔޮލަފާ ނަމޫނާ ޝަޚުޞިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވުނު ބޭފުޅެކެވެ.

މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޞިއްދީގު އަވަހާރަވި ވާހަކަ އަޑު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައެވެ. އަދި ޞިއްދީގު ވަކިވެދިއުމަކީ އެ މަނިކުފާނަށާއި މީދޫގެ ރައްޔިތުންނަށާއި، ވަކީން ޚާއްސަކޮށް ޞިއްދީގުގެ ޢާއިލާއަށް ލިބުނު ފުން ހިތާމައެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދުޢާއަކީ ޢާއިލާއަށް ކެތްތެރިކަން ދެއްވައި، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމެވެ. އާމީން." ސިޔާމް ލިޔުއްވާފައިވެއެވެ.

ސިއްދީގު އަލީ ވަކިވެދިއުމަކީ މީދޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި އެ ރަށުގެ އެހެން އިސް ބޭފުޅުންނާއި ރައްޔިތުން ސިފަކުރެވެ.

އޭނާގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ދ. މީދޫ، ސާޔާ، ސިއްދީގު އަލީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހުގައެވެ. އޭނާއަކީ ސަރުކާރުގައި 31 އަހަރު ޚިދުމަތްކުރައްވައި، ރަށުގެ ކުޑަކަތީބުކަމާއި ކަތީބުކަން ފުރުއްވި އިސް ބޭފުޅެކެވެ. މީގެ އިތުރުން، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަގާމާއި، އަތޮޅު މަދަރުސާގެ މުދައްރިސެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. މިއީ މުޅި ރަށަށް ލިބުނު ފުން ހިތާމައެއް ކަމުގައި ރައްޔިތުން ދެކެއެވެ.

  • ސިއްދީގު އަލީ ސަރުކާރުގެ އެކި މަގާމުތަކުގައި 31 އަހަރު ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރެއްވުން.
  • މީދޫގެ ކަތީބުކަމާއި، ކައުންސިލްގެ ޒިންމާދާރުވެރިޔާކަން ދިގު މުއްދަތަކަށް އަދާކުރެއްވުން.
  • 1980 ގެ އަހަރުތަކުގައި ތަޢުލީމީ ދާއިރާގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވުން.
  • މައްޔިތާގެ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ކުރާގޮތަށް ހަމަޖެހިފައިވުން.
ގުޅޭ ޓެގު
comment ކޮމެންޓް