މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ވޯލްޑް ކަޕްގައި އަލަށް އަމަލުކުރަން ފަށާނެ ގަވާއިދުތަކެއް ފީފާއިން އިއުލާންކޮށްފިއެވެ.
މި ބަދަލުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ދަނޑުމަތީގައި ހިނގާފައިވާ ބައެއް ހާދިސާތަކާ ގުޅިގެން ރަތް ކާޑު ދިނުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލުތަކެވެ.
ފީފާގެ ރެފްރީސް ކޮމިޓީގެ ހެޑް ޕިއެރްލުއިޖީ ކޮލީނާ ވިދާޅުވި ގޮތުގައި، ދެބަސްވުމެއްގެ ތެރޭގައި އަތުން ނުވަތަ ޖާޒީން ނުވަތަ އެހެން އެއްޗަކުން އަނގަ ނިވާކުރާ ކޮންމެ ކުޅުންތެރިއަކަށް ދެން ރަތް ކާޑު ދައްކާނެއެވެ.
"މި ފިޔަވަޅު އަޅާނީ ހަމައެކަނި ކުރިމަތިލުމެއްގެ ތެރޭގައި. އެކުވެރިކަމާއެކު ވާހަކަދައްކާއިރު މިސާލަކަށް އެއް ކްލަބަކަށް ކުޅޭ ދެ ކުޅުންތެރިން ގައުމީ ޓީމުގައި ވާދަކުރާއިރު އަނގަ ނިވާކޮށްގެން ވާހަކަދެއްކިޔަސް ފިޔަވަޅެއް ނާޅާނެ،" ކޮލީނާ ވިދާޅުވިއެވެ.
މި ބަދަލު ގެނައީ މިދިޔަ ފެބްރުއަރީ މަހު ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ގޮތުން ފުރައްސާރަ ކުރި ކަމަށް ބުނާ ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި ޕްރެސްޓިއާނީ ހުރީ އޭނާ ބުނި އެއްޗެއް ސާފުނުވާނޭހެން ޖާޒީން އަނގަ ނިވާކޮށްގެންނެވެ.
މީގެ އިތުރުން، ރެފްރީގެ ނިންމުމަކާ ހިތްހަމަނުޖެހިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ދަނޑުން ފައިބާ ކުޅުންތެރިންނަށްވެސް ރަތް ކާޑު ދައްކާނެއެވެ. އަދި މިފަދަ ކަމަކަށް ބާރުއަޅާ ކޯޗުންނަށްވެސް ހަމަ މި އަދަބު ލިބޭނެއެވެ. މި ނިންމުން ނިންމާފައިވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި ސެނެގާލް ޓީމުން ދަނޑުން ފޭބި ހާދިސާއަށް ރިއާޔަތްކޮށްފައެވެ.
ވަގުތު ބޭކާރުކުރުން ހުއްޓުވުމަށްޓަކައި، ގޯލް ކިކް، ކޯނަރު އަދި ތުރޯ-އިން ތަކަށް 5 ސިކުންތުގެ ވަގުތެއް މިހާރު ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ދުރުން ތުރޯ-އިން އެއްލާ ކުޅުންތެރިން ފަދަ ހާލަތްތަކުގައި ރެފްރީންގެ އަމިއްލަ ނިންމުމަށް ފުރުސަތު އޮންނާނެއެވެ.
ގޯލްކީޕަރުން އަނިޔާގެ އެކްޓް ޖައްސައިގެން ނުވަތަ އަނިޔާވި ކަަމަށް ދައްކަން މަކަރު ހަދައިގެން ވަގުތު ނަގާލާ މައްސަލައަށްވެސް ފީފާއިން ވަނީ ހައްލެއް ހޯދަން މަސައްކަތް ފަށާފައެވެ.
އައު ގަވާއިދުގެ ދަށުން، ދަނޑުމަތީގައި ފަރުވާ ހޯދާ ކުޅުންތެރިއަކު އަލުން ދަނޑަށް އެރުމުގެ ކުރިން 60 ސިކުންތު މަޑުކުރަން ޖެހޭނެއެވެ. މި ގަވާއިދު ކީޕަރުންނަށް ތަންފީޒުކުރާނެ ގޮތަކާ މެދު އަދިވެސް ދަނީ މަޝްވަރާ ކުރެވެމުންނެވެ.