ގޫގުލް ޑްރައިވް އެޕްލިކޭޝަންގައި ހިމެނޭ ޑޮކިއުމަންޓް ސްކޭންކުރާ ފީޗާއަށް ބޮޑެތި ބަދަލުތަކަކާއެކު އާ އަޕްޑޭޓެއް ތައާރަފުކުރަން ފަށައިފިއެވެ. މި އަޕްޑޭޓްގެ ސަބަބުން ފޯނުން ލިޔެކިޔުންތައް ސްކޭންކުރުން އިތުރަށް ފަސޭހަވެ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި މަސައްކަތްތައް އަވަސްވާނެއެވެ.
އެންޑްރޮއިޑް އިކޯސިސްޓަމްގެ ރައީސް ސަމީރު ސަމާތު ވަނީ މި އާ ބަދަލުތައް ދައްކުވައިދޭ ވީޑިއޯއެއްވެސް އާންމުކުރައްވާފައެވެ.
މި އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ "ސްމާޓް ބެޗް ސްކޭނިން" އެވެ. މި ފީޗާގެ އެހީގައި އެއްފަހަރާ ގިނަ ސަފުހާތަކެއް ސްކޭންކޮށް، އެ ސަފުހާތައް ވަކިވަކި ލިޔެކިޔުންތަކުގެ ގޮތުގައި އަމިއްލައަށް ވަކިކޮށްލެވެއެވެ. މިއީ ކުރިން ވަކިވަކިން ފޮޓޯ ނަގައިގެން ކުރި މަސައްކަތް ވީޑިއޯއެއް ރެކޯޑުކުރާ ފަދަ ފަސޭހަ ގޮތަކަށް ބަދަލުކޮށްލަދޭ ފީޗާއެކެވެ.
މީގެ އިތުރުން، އޮޅިގެން އެއް ސަފުހާއެއް ދެ ފަހަރަށް ސްކޭންކުރެވުން ހުއްޓުވުމަށްޓަކައި "ޑުޕްލިކޭޓް ޑިޓެކްޝަން" ފީޗާއެއް ވަނީ ހިމަނާފައެވެ. މި ސިސްޓަމްގެ ސަބަބުން ކުރިން ސްކޭންކުރެވިފައިވާ ސަފުހާއެއް ނަމަ އެ ސަފުހާއެއް ދޫކޮށްލާނެއެވެ. އަދި ފުސްކޮށް ނެގޭ ފޮޓޯތަކުގެ ބަދަލުގައި އެންމެ ސާފު ފޮޓޯ ހިމަނައިދޭ "އޮޓޯ-ބެސްޓް ފްރޭމް" ފީޗާވެސް މި އަޕްޑޭޓްގައި ހިމެނެއެވެ.
މި އާ ޑޮކިއުމަންޓް ސްކޭނަރަކީ ފޯނުގެ އަމިއްލަ ޕްރޮސެސިންގް ބޭނުންކޮށްގެން އިންޓަނެޓާ ނުލައި (އޮފްލައިންކޮށް) މަސައްކަތްކުރާ އެއްޗެކެވެ. އެހެންކަމުން މިއީ ޔޫޒަރުންގެ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކޮށްދޭ ފީޗާއެކެވެ. މި ފީޗާ މިހާރު "ފައިލްސް ބައި ގޫގުލް" އެޕްލިކޭޝަނުންވެސް ލިބެން ހުންނާނެއެވެ.
މި ސްކޭނަރު މިވަގުތު ބޭނުންކުރެވެނީ މަދުވެގެން އަށް ޖީބީގެ ރޭމް ހުންނަ މަތީ ފަންތީގެ އެންޑްރޮއިޑް ފޯނުތަކުގައެވެ. މި ސާވިސް މަސައްކަތްކުރަނީ ސީދާ ގޫގުލް ޕްލޭ ސާވިސަސް މެދުވެރިކޮށެވެ.