ޖޭމްސް ބޮންޑްގެ ރޯލުން ދެން ފެންނާނީ ކާކު؟ އެންމެ ފަހު ސްކްރީން ޓެސްޓުތައް ފަށަނީ

ކެލަމް ޓާނާއާއި ޖެކް ލޯޑަން: މި ދެ ތަރިން ހިމެނޭހެން ފަހު ބުރުގެ އޮޑިޝަންތައް ލަންޑަނުގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުން -- ފޮޓޯ/ ގެޓީ

ޖޭމްސް ބޮންޑްގެ ރޯލު ކުޅޭނެ އެކްޓަރަކު ނިންމުމަށް، މި ހަފުތާ ބަންދުގައި އެންމެ ފަހު ސްކްރީން ޓެސްޓުތައް ހަދަން ނިންމައިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ހޮލީވުޑް ރިޕޯޓާގައިވާ ގޮތުން، އިނގިރޭސި ޖާސޫސީ އެޖެންޓް 007ގެ ރޯލަށް ސްކްރީން ޓެސްޓު ހަދަން ވަކި އެކްޓަރުންތަކެއް މިހާރު ވަނީ ހޮވައިފައެވެ. އޭގެ ތެރޭގައި ކެލަމް ޓާނާއާއި "ސްލޯ ހޯސަސް"ގެ ތަރި ޖެކް ލޯޑަން ހިމެނޭ ކަމަށް އެ ނޫހުގައި ވެއެވެ.

މިއީ 2006 ވަނަ އަހަރުގެ "ކެސިނޯ ރޮޔާލް"އަށް ޑެނިއަލް ކްރެއިގް ހޮވުމަށް ބޭއްވި އޮޑިޝަންތަކަށް ފަހު، ފާއިތުވި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ބޮންޑުގެ ރޯލަށް ސްކްރީން ޓެސްޓެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ޖޭމްސް ބޮންޑްގެ ރޯލަށް ބާއްވާ ސްކްރީން ޓެސްޓުތަކުގައި ސްޓަންޓުތަކާއި، ކެމެރާ ކުރިމަތީގައި ދައްކާ ހުނަރާއި، ޑައިލޮގް ކިޔުން ހިމެނޭ ތިން ބައެއް އޮންނާނެއެވެ. ދެހާސް އެކާވީސް ވަނަ އަހަރު ނުކުތް "ނޯ ޓައިމް ޓު ޑައި"އަށް ފަހު ކްރެއިގް ދޫކޮށްލި މި ރޯލުގެ ފަހު ބުރަށް ހޮވިފައިވަނީ ތިން އެކްޓަރުން ކަމަށް ބައެއް ނޫސްތަކުގައި ވާއިރު، އެހެން ނޫސްތަކުގައިވާ ގޮތުން ފަސް އެކްޓަރުން އޮޑިޝަންގައި ބައިވެރިވެއެވެ.

ދެހާސް ބާވީސް ވަނަ އަހަރު 8.45 ބިލިއަން ޑޮލަރު (6.9 ބިލިއަން ޕައުންޑް) ގެ އެއްބަސްވުމެއްގެ ދަށުން ބޮންޑް ސީރީޒްގެ ރައިޓްސް ގަނެ، އަދި ފްރެންޗައިޒްގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް ބްރޮކޮލީ އާއިލާއަށް އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކާފައިވާ އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން އުފައްދާ މި ފިލްމު ޑައިރެކްޓުކުރުމަށް ހަމަޖެހިފައިވަނީ ޑެނީ ވިލްނޫވްއެވެ.

ފިލްމުގެ ސްކްރިޕްޓު ލިޔާނީ "ޕީކީ ބްލައިންޑާސް"ގެ ލިޔުންތެރިޔާ ސްޓީވަން ނައިޓެވެ. އެ ކުންފުނީގެ ފިލްމު ބައިގެ އިސްވެރިޔާ ކޯޓްނީ ވަލެންޓީ މީގެ ކުރިން ބުނީ، ބޮންޑުގެ ރޯލު ކުޅޭނެ ތަރިއަކު ހޮވުމުގެ މަސައްކަތް ކުރިއަށްގެންދަނީ ވަރަށް ފަރުވާތެރިކަމާއެކު، ވަގުތު ނަގައިގެން ކަމަށެވެ. އަދި މި ރިޕޯޓުތަކާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ކާސްޓިން މަރުހަލާ ކުރިއަށްދާއިރު ތަފުސީލުތަކަށް ކޮމެންޓުކުރަން ނިންމައިފައިި ނުވާ ކަމަށާއި، ވަގުތު ޖެހުމުން ސަޕޯޓަރުންނާ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

comment ކޮމެންޓް