މެދު ރާއްޖެތެރޭގެ ބޮޑު ރަށެއްގައި، ދަރިވަރުންނަށް ޖިންސީ ގޯނާކުރި ޓީޗަރު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މިއީ 2020 ވަނަ އަހަރުގެ ފަހުކޮޅު، މެދު ރާއްޖެތެރޭގެ ބޮޑު ރަށެއްގައި، އެ ރަށުގެ ސްކޫލުގެ ޓީޗަރަކު، ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ވަޒީފާއިން ވަކިކުރި ކޭސްއެވެ.
ސްކޫލުގެ ދަރިވަރުންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެ ޓީޗަރު ވަޒީފާއިން ވަކިކުރުމުން، ޓީޗަރު އެ މައްސަލަ ހުށަހެޅީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއިން ވަކިކުރުމުގެ ކުރިން އެ ޓީޗަރު ސަސްޕެންޑް ވެސް ކުރިއެވެ.
ޓީޗަރު ސަސްޕެންޑްކޮށް އަދި ފަހުން ވަޒީފާއިން ވަކިކުރި މި މައްސަލަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ޓީޗަރާ އެއްކޮޅަށެވެ. މައްސަލަ ޓީޗަރާ އެއްކޮޅަށް ނިންމުމުން، ސިވިލް ސާވިސް ކޮމިޝަނުން އެ މައްސަލަ ދެން ހުށަހެޅީ ހައިކޯޓަށެވެ.
ހައިކޯޓުން މިއަދު މި މައްސަލަ ނިންމި އިރު މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެ ޓީޗަރު ހުށަހެޅި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އެ ނިންމުން ބާތިލު ކުރިއެވެ.
އެނގިފައިވާ ގޮތުގައި އެ ޓީޗަރަކީ މިހާރު އެ ހާދިސާ ހިނގި ރަށުގެ ކައުންސިލްގެ އިދާރީ އެންމެ އިސް މުވައްޒަފެވެ.
މި މައްސަލައިގައި ފުލުހުން ތަހުގީގެއް ހިންގި ނަމަވެސް، އެ ޓީޗަރާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރިކަމެއް އެނގިފައެއް ނުވެއެވެ. އެކަމަކު، ޖިނާއީ ދައުވާއެއް އުފުލި މައްސަލަ ސާބިތުވިނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި ވަރަށް ސީރިއަސް އަދި ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. އެ ފަދަ މައްސަލަތައް ބަލަނީ "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު"ގެ ދަށުންނެވެ. އެ މި ގާނޫނުގެ 9 ވަނަ މާއްދާގައި "އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު" ކަމަށް ބަލާނެ ފަރާތްތައް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި މުދައްރިސުން ހިމެނެއެވެ.
އެ ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފި މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި މިފަދަ ކުށްތައް ކުރާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާއަށް ދެވޭ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބާރުގެ ދަށުން މާފެއް ނުދެވޭނެއެވެ. މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމުގެ އިޚުތިޔާރު ފަނޑިޔާރުންނަށް އޮވެއެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން އެނގި ހުރެ ރިޕޯޓު ނުކުރުމަކީ ވެސް މި ގާނޫނުގެ ދަށުން ކުށެކެވެ.