ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ދަތުރުފުޅެއްގައި ފުރާވަޑައިގަތުން: އެ މަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ވަނީ އެނބުރި ވަޑައިގެންފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހެވެ.

ރައީސް އޮފީހުން ބުނީ، އެ ދަތުރުފުޅަށް ފަހު މިރޭ ރައީސް އެނބުރި ވަޑައިގެންފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ރައީސް ނުރަސްމީ ދަތުރުފުޅުތަކެއް ސިންގަޕޫރަށް ކުރައްވައިފައިވާއިރު، މި ދަތުރުފުޅުގެ މަގުސަދާ ގުޅޭ ގޮތުން ސިޔާސީ ބައެއް ބޭފުޅުން ވާހަކަދައްކަވައިފައިވެއެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/222501

ނަޝީދު އެހެން ވިދާޅުވީ، ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން، ވެރިކަން ކުރާ ޕީއެންސީން މަޖިލީހަށް ގަރާރެއް ހުށަހަޅައިފައި ވަނިކޮށެވެ. އެ ގަރާރުގެ މަސައްކަތް ކުރުމަށް މަޖިލީހުގެ ދައުރު މި މަހުގެ ނިޔަލަށް ދަންމާލައިފައިވާއިރު، އެކަމާ ގުޅޭ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ އެޖެންޑާ ކޮށްފައެވެ.

ރައީސްގެ ދަތުރުފުޅާ ގުޅޭ ގޮތުން ނަޝީދު އެހެން ވިދާޅުވި ނަމަވެސް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) 'ސަން' ވަނީ ރައީސް ސިންގަޕޫރަށް ވަޑައިގަތީ އާއިލާއާއެކު ޗުއްޓީއަށް ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އާއިލާއާއެކު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. މިދިޔަ އާދީއްތަ ދުވަހު ފެއްޓެވި މި ދަތުރުފުޅަކީ ޗުއްޓީ ދަތުރުފުޅެއްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު ހާމަކުރައްވައިފައިވެއެވެ. ނަމަވެސް، މި ދަތުރުފުޅާ ގުޅުވައިގެން ސިޔާސީ މަސްރަހުގައި ތަފާތު ވާހަކަތަކެއް ވަނީ ދެކެވިފައެވެ. އެގޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް ތުހުމަތުކުރައްވައިފައެވެ. މިކަން މިގޮތަށް ހިނގައިފައިމިވަނީ، ނައިބު ރައީސްގެ މަޤާމުން ނާޒިމް ވަކިކުރުމަށް ވެރިކަންކުރާ ޕާޓީން މަޖިލީހަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލައިގެ މަސައްކަތްތައް ކުރުމަށްޓަކައި މަޖިލީހުގެ ދައުރު މި މަހުގެ ނިޔަލަށް ދަންމާލައިފައިވާ ދަނޑިވަޅެއްގައެވެ.

  • ރައީސުލްޖުމްހޫރިއްޔާގެ ސިންގަޕޫރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުން.
  • ސަރުކާރުގެ ފަރާތުން މި ދަތުރުފުޅު ސިފަކުރައްވައިފައިވަނީ އާއިލީ ޗުއްޓީ ދަތުރުފުޅެއްގެ ގޮތުގައިކަން.
  • މަޖިލީހުގެ ނައިބު ރައީސްއާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް ކުރީގެ ރައީސް ނަޝީދު ތުހުމަތުކުރެއްވުން.
  • މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ވެރިކަންކުރާ ޕާޓީން ކުރިއަށްގެންދާކަން.
  • މި މައްސަލައާ ގުޅިގެން މަޖިލީހުގެ ދައުރު ދަންމާލައި، ޚާއްޞަ ޖަލްސާތަކެއް ކުރިއަށްގެންދިއުމަށް ތާވަލުކުރެވިފައިވުން.
comment ކޮމެންޓް