ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
މި އޮކްޓޫބަރު މަހުގެ 20 އިން 22 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ، އެ ގައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާ ދިމާކޮށް ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވާފައެވެ. އަދި ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އިސްޙާޤް ދާރް، ޗީފް އޮފް އާމީ ސްޓާފް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރު، ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ސަރްދާރު އަޔާޒް ޞާދިޤު އަދި ސެނެޓުގެ ޗެއަރމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީ ފަދަ އިސް މަސްއޫލުވެރިންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު އަދި ދިފާޢީ ދާއިރާއިން ގުޅުން ފުޅާކުރުމަށް އެއްބަސްވެވުނެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި 20 ފަހުމުނާމާއަކާއި އެއްބަސްވުމެއް ބަދަލުކުރެވުނުއިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ގައުމުގެ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ވަނީ ޢަޒުމް ކަނޑައަޅާފައެވެ.
އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޞިއްޙީ ދާއިރާއާއި، އިމާރާތްކުރުމުގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ. މީގެ އިތުރުން، ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް އަމާޒުހިފާފައިވާކަންވެސް ރައީސް އިޢުލާންކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، 100,000 ޒައިތޫނި ގަހުގެ ކުރި އަދި އެކި ބާވަތްބާވަތުގެ 100,000 މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ވަނީ ނިންމާފައެވެ. ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގައި އާ ބާބެއް ފެށިގެންދިޔަ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރެއެވެ.