ޗެނަލް 13ގެ ބްރޯޑްކާސްޓިން ހުއްޓުމަކަށް؛ ތުހުމަތުކުރީ ހެކްކޮށް އަޑު ކަނޑުވާލި ކަމަށް

ޗެނަލް 13ގެ ލައިވް ބްރޯޑްކާސްޓެއްގެ ތެރެއިން --

ގޮތް ނޭނގޭ ބަޔަކު ޗެނަލް 13ގެ ސާވާތައް ހެކް ކޮށްފައިވާ ކަމަށާއި އެއީ މީޑިއާގެ އަޑު ކަނޑުވާލަން ކޮށްފައިވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޗެނަލް13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ އެ ޗެނަލްގެ ސާވާތައް ހެކްކޮށްފައިވަނީ ރޭގެ 23:53 ހާއިރު ކަމަށެވެ.

އެ ބަޔާނުގައި ވަނީ، ސާވާތައް ހެކްކުރުމަކީ ވަކި ފަރާތްތަކަކުން ރާއްޖޭގެ ކުރިއަރާފައިވާ މީޑިއާތަކަށް އަމާޒުކޮށްގެންދޭ ހަމަލާތަކެއް ކަމަށް ދެކޭ ކަމަށް ބުނެފައެވެ. އަދި އެފަދަ އަމަލުތަކަކީ ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާ ގުޅުންހުރި ކުށްތަކުގެ ތެރޭގައި ހިމެނޭ އަމަލުތަކަށްވާއިރު، ނޫސްވެރިންނަށް އަމާޒުކޮށްގެންދޭ ހަމަލާތަކާއި ނޫސްވެރިކަމަށް ހުރަސްއެޅުމަށް ޑިމޮކްރަސީ ނުދަންނަ ފަރާތްތަކުން ގަދައަޅައި ކުރާ މަސައްކަތުގައި ގާނޫނީ އިމުން ބޭރުވެ، މީޑިއާތަކުގެ ސާވާތައް ހެކްކޮށް މީޑިއާގެ އަޑު ކަނޑުވާލުމަށް ކުރަމުންދާ ކަންކަން އެ ކުންފުނިން ހަރު އަޑުން ކުށްވެރިކުރާކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ބައިނަލްއަގްވާމީ މިންގަނޑުތަކުން ރާއްޖޭގެ މީޑިއާ އިންޑެކްސް ހަތަރު ދަރަޖަ ފަހަތަށް ޖެހިފަައިވާކަން ފާހަގަކޮށް އެ ކުންފުނިން ވަނީ، މި ދަނޑިވަޅުގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ އަޑު ކަނޑުވާލުން ވާނީ ނޫސްވެރިކަމުގެ އަސާސީ ހައްގާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސްއެޅުންކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޗެނަލް13އިން ވަނީ، ބްރޯޑްކާސްޓިން ވަގުތީ ގޮތުން މެދުކަނޑާލައިފައިވާކަން އިއުލާންކޮށްފައެވެ.

އެ ބާޔާނުގައި ވަނި މިހާރުވެސް 'އަނގަބަންދުކުރުމުގެ އަމުރެއް'ނެރެ ދެ ނޫސްވެރިއަކު ބަންދުކުރުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ މީޑިއާ ފަހަތަށް ޖެހޭނޭ ކަމެއް ނޫންކަމަށާއި އިހުނަށްވުރެ ބާރުގަދަވާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އެމްޖޭއޭއިން ވަނީ ޗެނަލް 13ގެ ސާވާތަކަށް ގޮތްނޭނގޭ ބަޔަކު ސައިބާ އެޓޭކެއް ދިނުމަކީ އެ އެސޯސިއޭޝަނުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ކަމެއް ކަމެއް ކަމަށް ބުނެފައެވެ.

މީގެ އިތުރުން، މީޑިއާގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަކީ ޕްރެސް އޮޕަރޭޝަނުގެ އިތުރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާ ގޮތުގައި، ގޮތް ނޭނގޭ ބަޔަކު ވަނީ އެ ޗެނަލްގެ ސާވާތަކަށް ސައިބާ ހަމަލާއެއްދީ ހެކްކޮށްފައެވެ. މިކަމުގެ ސަބަބުން އެ ޗެނަލްގެ ބްރޯޑްކާސްޓިން ވަނީ ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައެވެ. މިއީ މީޑިއާގެ އަޑު ކަނޑުވާލުމަށް ޑިމޮކްރަސީއާ ބީރައްޓެހި ފަރާތްތަކަކުން ދީފައިވާ ހަމަލާއެއް ކަމަށް އެ ކުންފުނިން ސިފަކުރެއެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޖަމިއްޔާއިން ދެކޭގޮތުގައި މީޑިއާގެ އުމްރާނީ ވަސީލަތްތަކަށް މިފަދަ ހަމަލާތައް ދިނުމަކީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. ރާއްޖޭގެ މީޑިއާ އިންޑެކްސް ދަށްވެފައިވާ ދަނޑިވަޅެއްގައި މިފަދަ ކަމެއް ހިނގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއްކަން ވަނީ ފާހަގަކޮށްފައެވެ.

  • ރޭ 23:53 ހާއިރު ޗެނަލް 13 ގެ ސާވާތަކަށް ވަނީ ސައިބާ ހަމަލާއެއް ދީފައެވެ.
  • މި ހަމަލާއާ ގުޅިގެން އެ ޗެނަލްގެ ބްރޯޑްކާސްޓިން ވަނީ ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައެވެ.
  • މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ބުނާ ގޮތުގައި މިއީ ނޫސްވެރިކަމަށް ހުރަސްއެޅުމަށް ދީފައިވާ ގާނޫނާ ޚިލާފު ހަމަލާއެކެވެ.
  • ބައިނަލްއަގްވާމީ މިންގަނޑުތަކުން ރާއްޖޭގެ މީޑިއާ އިންޑެކްސް ހަތަރު ދަރަޖަ ފަހަތަށް ޖެހިފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
  • އެމްޖޭއޭއިން ވަނީ މީޑިއާގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ޕްރެސް އޮޕަރޭޝަނަށް އޮތް ނުރައްކަލެއްކަމަށް ބުނެފައެވެ.
comment ކޮމެންޓް