މެތިއު ޕެރީގެ މަރާ ގުޅިގެން އޭނާގެ އެސިސްޓެންޓަށް ތިން އަހަރުގެ ޖަލު ހުކުމެއް

މަގުބޫލު ސިލްސިލާ "ފްރެންޑްސް"ގެ ތަރި މެތިއު ޕެރީ--ފޮޓޯ/ބީބީސީ

މަގުބޫލު އެމެރިކަން ޓެލެވިޒަން ސިޓްކޮމް "ފްރެންޑްސް"ގެ ތަރި މެތިއު ޕެރީގެ މަރުގެ މައްސަލައިގައި އޭނާގެ އެސިސްޓެންޓް ކެނެތު އިވަމާސާ ތިން އަހަރާއި ފަސް މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ލޮސް އެންޖެލިސްގެ ފެޑެރަލް ކޯޓުން ބުދަ ދުވަހު ކުރި މި ހުކުމްގެ އިތުރުން އުމުރުން 60 އަހަރުގެ ކެނެތު އިވަމާސާގެ މައްޗަށް ދެ އަހަރުގެ ޕްރޮބޭޝަނަކާއި 10,000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ވެސް ވަނީ ކަނޑައަޅާފައެވެ.

ބެލުންތެރިންގެ މެދުގައި އަދިވެސް ވަރަށް ބޮޑު މަގުބޫލު 'ފްރެންޑްސް' ސިލްސިލާގެ ތަރި މެތިއު ޕެރީ މަރުވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު "ކެޓަމައިން"އަށް އޯވަޑޯޒް ވެގެންނެވެ.

އިވަމާސާ ވަނީ ޕެރީއަށް މި ބޭސް ހޯދައިދިނުމުގައާއި، އޭނާ މަރުވާން މެދުވެރިވި ނުރައްކާތެރި ޑޯޒް އިންޖެކްޓް ކޮށްދިނުމުގައި އެހީތެރިވި ކަމަށް އިއުތިރާފުވެފައެވެ.

އެއީ އުމުރުން 54 އަހަރުގައި މަރުވި އެކްޓަރުގެ މަރާ ގުޅިގެން ކުރިއަށްދިޔަ ދެ އަހަރު ދުވަހުގެ ތަހުގީގަށް ފަހު އިއްވުނު ފަސްވަނަ އަދި އެންމެ ފަހު ހުކުމެވެ.

މެތިއު ޕެރީގެ އެސިސްޓެންޓް ކެނެތު އިވަމާސާ އޭނާގެ ވަކީލުންގެ ޓީމު މެމްބަރަކާ އެކު--ފޮޓޯ/ބީބީސީ

ހުކުމް އިއްވަވަމުން ފަނޑިޔާރު ޝެރިލިން ޕީސް ގާނެޓް ވިދާޅުވީ، އިވަމާސާގެ އަމަލުތަކަކީ ވަރަށް ފަރުވާކުޑަ އަމަލުތަކެއް ކަމަށެވެ. ޕެރީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ކުރަމުންދިޔަ ހަނގުރާމަ އެނގިހުރެ، އޭނާ މަރުވި ދުވަހާއި އޭގެ ކުރީ ދުވަސްތަކުގައި ވެސް އިވަމާސާ އަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ޕްރޮސެކިއުޓަރުން ސިފަކުރެއްވި ގޮތުގައި، 2022 ވަނަ އަހަރުން ފެށިގެން ޕެރީގެ ގޭގައި ދިރިއުޅެމުންދިޔަ އިވަމާސާ އަކީ ޕެރީއަށް މަސްތުވާތަކެތި ފޯރުކޮށްދީ، ސިއްހީ ތަމްރީނެއް ނެތި އިންޖެކްޝަން ޖަހައިދެމުންދިޔަ މީހެކެވެ.

އިވަމާސާގެ ދިފާއީ ވަކީލު އޭނާގެ ހުކުމް ލުއިކޮށްދިނުމަށް އެދުނު ނަމަވެސް، ފަނޑިޔާރު ވިދާޅުވީ ޕެރީ އެދޭ ކޮންމެ ކަމަކަށް "އާނބަސް" ބުނުމުގެ ބަދަލުގައި، އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަމުގައި "ނޫނެކޭ" ބުނުމުގެ އިޚްތިޔާރު އިވަމާސާއަށް އޮތް ކަމަށެވެ.

ޕެރީގެ އާއިލާއިން ކޯޓަށް ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ، އިވަމާސާއަށް ކުރި އިތުބާރު އޭނާ ނަގާލާފައިވާ ކަމަށެވެ. ޕެރީގެ މަންމަ ސޫޒަން މޮރިސަން ލިޔެފައިވާ ގޮތުގައި، އިވަމާސާގެ އެންމެ މުހިންމު ޒިންމާއަކީ ޕެރީގެ ބަލި ހާލަތުގައި އޭނާއަށް އެހީތެރިވެ ރައްކާތެރިކަން ދިނުން ކަމަށްވީ ނަމަވެސް، އޭނާގެ އަމަލުތަކުގެ ސަބަބުން ޕެރީއަށް ފުރާނައިން ބަދަލުދޭން ޖެހުނީއެވެ.

ތަހުގީގުން ހާމަވި ގޮތުގައި، ޕެރީއަށް ޑިޕްރެޝަނަށް ފަރުވާ ދިނުމަށް ގާނޫނީ ގޮތުން ކެޓަމައިން ލިޔެދީފައިވީ ނަމަވެސް، ފަހުން އޭނާ ވަނީ ޑޮކްޓަރުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ބޭސް ހޯދަން މަސައްކަތް ކޮށްފައެވެ.

އިވަމާސާ ވަނީ ގާނޫނާ ޚިލާފަށް ބޭސް ވިއްކާ ޑޮކްޓަރެއް ކަމަށްވާ ސަލްވަޑޯ ޕްލެސެންސިއާ އަތުން މި ބޭސް ގަނެފައެވެ. މި ޑޮކްޓަރުގެ މައްޗަށް ވެސް ދެ އަހަރާ ބައިގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މީގެއިތުރުން ޕެރީއަށް ކެޓަމައިން ފޯރުކޮށްދިނުމުގައ އިސްކޮށް ހަރަކާތްތެރިވި "ކެޓަމައިން ކުއީން"ގެ ނަމުން މަޝްހޫރު ޖަސްވީން ސަންގާއަށް ވެސް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޕެރީ މަރުވުގެ ކުރިން، އިވަމާސާ ވަނީ އޭނާއަށް ދުވާލަކު ހަޔަކާއި އަށަކާ ދެމެދުގެ އަދަދަކަށް އިންޖެކްޝަން ޖަހާފައެވެ. އެންމެ ފަހު އިންޖެކްޝަން ޖެހުމަށް ފަހު އިވަމާސާ ބޭރަށް ގޮސް އެނބުރި އައިއިރު، ޕެރީ ފެނުނީ އެކްޓަރު ދިރިއުޅުނު ގޭގައި ހުރި ޖަކޫޒީ ތެރޭގައި މަރުވެފައި އޮއްވައެވެ.

ފުރަތަމަ ތަހުގީގުގައި އިވަމާސާ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވީ ނަމަވެސް، ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފުވެ، ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދީފައެވެ.

މަގުބޫލު ޓީވީ ސިލްސިލާ "ފްރެންޑްސް"ގެ ތަރި މެތިއު ޕެރީގެ މަރުގެ މައްސަލައިގައި، އޭނާގެ އެސިސްޓެންޓް ކެނެތު އިވަމާސާ 3 އަހަރާއި 5 މަހަށް ޖަލަށްލުމަށް ލޮސް އެންޖެލިސްގެ ފެޑެރަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން 2 އަހަރުގެ ޕްރޮބޭޝަނަކާއި 10,000 ޑޮލަރުގެ ޖޫރިމަނާއެއްވެސް އޭނާގެ މައްޗަށް ވަނީ ކަނޑައަޅާފައެވެ. ޕެރީ މަރުވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ކެޓަމައިން އޯވަޑޯޒް ވެގެންނެވެ. އުމުރުން 60 އަހަރުގެ އިވަމާސާ ވަނީ، ސިއްހީ އެއްވެސް ތަމްރީނެއް ނެތި ޕެރީއަށް ނުރައްކާތެރި މިންވަރަކަށް ކެޓަމައިން އިންޖެކްޝަން ޖަހައިދިންކަމަށް ކޯޓުގައި އިއުތިރާފުވެފައެވެ. ފަނޑިޔާރުންނާއި ޕެރީގެ އާއިލާއިން ވަނީ އިވަމާސާގެ އަމަލުތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ، އަދި އިތުބާރު ގެއްލުވާލި އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

  • ކެނެތު އިވަމާސާ 3 އަހަރާއި 5 މަހަށް ޖަލަށްލުމާއެކު 10,000 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ.
  • އޭނާ ވަނީ ޕެރީއަށް ކެޓަމައިން ހޯދައިދީ، ސިއްހީ ތަމްރީނެއް ނެތި އިންޖެކްޝަން ޖަހައިދިންކަމަށް އިއުތިރާފުވެފައެވެ.
  • ޕެރީ މަރުވި ދުވަހުވެސް 6 އާއި 8 އާ ދެމެދުގެ އަދަދަކަށް އިވަމާސާ އޭނާއަށް އިންޖެކްޝަން ޖަހައިދީފައިވެއެވެ.
  • މި މައްސަލައިގައި ޝާމިލުވާ ޑޮކްޓަރަކާއި ކެޓަމައިން ސަޕްލައިކުރި މީހެއްގެ މައްޗަށްވެސް ވަނީ ޖަލު ހުކުމް އިއްވާފައެވެ.
comment ކޮމެންޓް