އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތް ބޮޑު އީދަކީ އުފަލާއި ހިތްހެޔޮކަމާއި ހިނިތުންވުމުގެ މޫސުމެކެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނާނީ އުޖާލާކަމާއި ހިތްހަމަޖެހުމެވެ. ނަމަވެސް، އެ ފެންނަ ހިނިތުންވުންތަކުގައި ފޮރުވިފައިވާ އަސްލު ތަސްވީރަކީ ކޮބައިތޯ ފުންކޮށް ވިސްނާލުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި މުހިންމު ކަމެކެވެ.
އާދެ! ގިނަ ފަހަރަށް، މީހެއްގެ ކިބައިން ފެންނަ ހިތްވަރާއި ސާބިތުކަމަށް އަޅުގަނޑުމެން ތައުރީފު ކުރާއިރު، އެ ހިތްވަރުގެ ފަހަތުގައިވާ ދިގު އަދި އުނދަގޫ ދަތުރު އޮންނަނީ ވަންހަނާ ވެފައެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ މަސްއޫލިއްޔަތުތައް ބުރަވެ، ދަތިތަކާ ކުރިމަތިލާންޖެހޭ ހިނދުވެސް ކެތްތެރިކަމާއި މަޑުމައިތިރިކަން އިސްކުރާ ފަރާތްތަކެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް، އަބަދުވެސް އެހެން މީހުންނަށް ހިތްވަރުދީ، މަސައްކަތުގެ މާހައުލު އުޖާލާކޮށްދޭ ބައިވެރިންނެވެ. އަދި އިންތިހާއަށް ވަރުބަލިވެފައިވީ ނަމަވެސް، ވަރުބަލިކަމެއްނެތި ދަރިންގެ ޚިދުމަތުގައި ދެމިތިބޭ އޯގާތެރި މައިންބަފައިންނެވެ.
އާންމުކޮށް އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި އެމީހުންގެ މޫނުމަތިން ފާޅުވާ ހިނިތުންވުމެވެ. ނަމަވެސް، އެ ހިނިތުންވުމުގެ ފަހަތުގައިވާ މަތިވެރި ގުރުބާނީތަކާއި، ދަމުނަމާދުގެ ހިމޭން ދުއާތަކާއި، ނިދިނަގާލާފައިވާ ރޭތަކުގެ އިތުރުން، އެމީހުން ސިއްރިއްޔާތުގައި ކުރަމުންދާ ނަފްސާނީ ހަނގުރާމަތަކަކީ އަޅުގަނޑުމެންނަށް ނުފެންނަ އަދި އިހުސާސް ނުކުރެވޭ ކަންކަމެވެ.
އޯގާތެރިކަމާއި އަޅާލުން އިސްކުރުން އެހާ މުހިންމުވަނީވެސް މި ސަބަބަށްޓަކައެވެ. ކޮންމެ އިންސާނަކީވެސް، އަނެކާއަށް ފުރިހަމައަށް ބަޔާންކޮށްދޭން ނޭނގޭ ފަދަ ބުރަ މަސްއޫލިއްޔަތުތަކެއް އުފުލަމުންދާ މީހެކެވެ. މަޑުމައިތިރި ބަހަކުން ނުވަތަ އޯގާތެރިކަމުން މީހެއްގެ ހިތުގެ ބުރަކަން ލުއިކޮށްދޭން މަސައްކަތް ކުރަމާ ހިންގަވާށެވެ.
އިޚުލާޞްތެރިކަމާއެ ކޮށްލާ "ހާލު ކިހިނެއް؟" ފަދަ ސާދާ ނަމަވެސް ހިތްހެޔޮކަން ބުނެދޭ ސުވާލަކުން، އެމީހަކީ އެކަނިވެރިއެއް ނޫންކަމުގެ އިހުސާސް މީހަކަށް ކޮށްދެވިދާނެއެވެ.
'ވޯލްޑް ހެޕިނަސް ރިޕޯޓް' އިން ދައްކާގޮތުގައި، އިންސާނާގެ ދުޅަހެޔޮކަމާއި އުފާވެރިކަމުގެ އެންމެ ވަރުގަދަ ބިންގަލަކީ އެކަކު އަނެކަކަށް އަޅާލުމާއި، ޖަޒުބާތީ ގޮތުން ފޯރުކޮށްދޭ އެހީތެރިކަމެވެ. އެހީތެރިކަމަކީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫނެވެ. ބައެއް ފަހަރު އަނެކާގެ ވާހަކަތައް އަޑުއަހާލުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއެވެ.
އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ބަލާއިރު، މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމާއި، އޯގާވެރިކަން އިސްކުރުމަކީ ގުރުއާނާއި ސުންނަތުން ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ ކަންކަމެވެ. ކީރިތި ގުރުއާނުގައި މާތްﷲ ވަނީ މުއުމިނުންގެ ސިފަތައް ބަޔާންކުރައްވަމުން، އެކަކު އަނެކަކަށް އޯގާތެރިވުމަށާއި ހިތްތަކަށް ލުއިކަން ގެނެސްދިނުމަށް އަންގަވާފައެވެ.
ސޫރަތުލް ފަތްޙުގެ 29 ވަނަ އާޔަތުގައި މާތްﷲ ވަނީ މުއުމިނުންނަކީ އެކަކު އަނެކަކުގެ މައްޗަށް އޯގާތެރި ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އަޅުގަނޑުމެންގެ ބަސްމަގު ބަހައްޓަންވީ ގޮތާ ބެހޭގޮތުން ސޫރަތުލް ބަޤަރާގެ 83 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވަނީ "...وَقُولُوا لِلنَّاسِ حُسْنًا..." (އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ!) މިފަދައިންނެވެ.
ކައުން އިތުރު ރަސޫލާ ﷺ ގެ ސުންނަތަށް ބަލާއިރު، އެކަލޭގެފާނުގެ މުޅި ދިރިއުޅުއްވުމަކީ އޯގާތެރިކަމާއި އަޅާލުމުގެ ނަމޫނާއެކެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ" (ތިބާގެ އަޚާގެ މޫނަށް ބަލައިލާ ހިނިތުންވުމަކީ ތިބާއަށް އޮތް ޞަދަޤާތެކެވެ.) މީގެއިން އެނގެނީ ހިނިތުންވުމަކީ ހަމައެކަނި ރީތި އާދައެއް ނޫންކަމާއި، އެއީ އަނެކާގެ ނަފްސަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއްގެ އިތުރުން މަތިވެރި އަޅުކަމެއް ކަމެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަވަދިނެތިކަމުގެ ތެރެއިން މިންޖުވެލުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ ޗުއްޓީ ދުވަސްވަރެވެ. ޗުއްޓީގެ ހަގީގީ މަގުސަދަކަށްވާންވީ އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ހޯދައިދިނުމާއި ތިމާގެ ހަޔާތުގެ މުހިންމު މީހުންނާ އޮންނަ ގުޅުންތައް ބަދަހިކޮށް ދިރުވުމެވެ.
މިގޮތުން، ފޯނާއި ސޯޝަލް މީޑިއާއާ ކުޑަކޮށް ދުރަށް ޖެހިލައި "ޑިޖިޓަލް ޑިޓޮކްސް" އެއް ހެދުމާއި ގުދުރަތީ މާހައުލުގެ ތެރެއަށް ނިކުމެ ވަގުތު ހޭދަކުރުމަކީ ސިކުނޑި ތާޒާކޮށްދޭނެ ކަމެކެވެ. އަދި ފޮތްކިޔުމާއި ކުރެހުން ފަދަ އަމިއްލަ ހޮބީތަކަށް ވަގުތު ހުސްކުރުމާއި ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ހޯދުމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ.
އަމިއްލަ ނަފްސަށް ހަމަޖެހުން ހޯދުމުގެ އިތުރުން އާއިލާއާއި ގާތް ރައްޓެހިންނާއެކު "ކޮލިޓީ" ވަގުތު ހޭދަކުރުމަކީ ޗުއްޓީގެ އެންމެ މުހިއްމު އެއް ބައި ކަމުގައި ހަދާށެވެ. ތިމާދެކެ ލޯބިވާ މީހުންނާއެކު ހޭދަކުރާ ވަގުތުތަކުގައި ފޯނު އެއްފަރާތްކޮށް އެމީހުންނަށް ފުރިހަމަ ސަމާލުކަން ދިނުމަކީ ގުޅުންތައް ވަރުގަދަވާނެ ކަމެކެވެ.
ބޮޑެތި ޚަރަދުތައް ނުކުރިޔަސް ގޭގައި ތިބެގެން އެކުގައި ކެއްކުން، ކުޅިވަރެއް ކުޅުން ނުވަތަ ޕިކްނިކެއް ފަދަ ކަމެއް ރޭވުމާއި އެކަކު އަނެކެއްގެ ހުވަފެންތަކާ ބެހޭގޮތުން ވާހަކަދައްކާ ޚިޔާލުބަދަލުކުރުމަކީ ލޯބި އިތުރުވާނޭ ކަންކަމެވެ.
ކޮންމެ ހިނިތުންވުމެއްގެ ފަހަތުގައިވެސް، އަޑުއަހާނެ މީހަކަށް ބޭނުންވެފައިވާ މުހިންމު ދާސްތާނެއް ފޮރުވިފައިވާނެކަން ކަށަވަރެވެ. ޗުއްޓީއަކީ އަމިއްލަ ނަފްސަށް އަޅާލުމާއި އާއިލީ އަދި އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ޗުއްޓީގެ ދުވަސްތައް މިފަދަ ހެޔޮގޮތެއްގައި ހޭދަކޮށްލުމުން ޗުއްޓީ ނިމިގެން އަލުން މަސައްކަތުގެ މާހައުލަށް ނިކުންނައިރު ހުންނާނީ މީހާއަށް އާރޯކަމާއި ތާޒާކަން ލިބިފައެވެ.
އެހީތެރިކަމާއި އޯގާވެރިކަމުގެ މި މަތިވެރި އުޞޫލުތަކާއެކު، މިއަހަރުގެ ބޮޑު އީދަކީ އަމިއްލަ ނަފްސަށާއި ތިމާ ލޯބިވާ މީހުންނަށް ހިނިތުންވުން ގެނެސްދޭ، ހިތްތަކަށް ބުރަ ލުއިކޮށްދޭ ބާއްޖަވެރި އީދަކަށް ހަދަމާ ހިންގަވާށެވެ.