އެޕަލްގެ އައިފޯންތަކުގައި ބޭނުންކުރާ އޮޕަރޭޓިންގް ސިސްޓަމްގެ އާ ވާޝަން "އައިއޯއެސް 27" އާއެކު، އެޕަލްގެ އަމިއްލަ އެއާޕްލޭ ނޫން އެހެން ސްޓްރީމިން ޕްރޮޓޮކޯލްތަކަށް ފުރުސަތު ދިނުމަށް އެޕަލް އިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބްލޫމްބާގްގެ މާކް ގާމަންގެ ރިޕޯޓާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، މި ބަދަލުގެ ސަބަބުން އައިފޯނުން ޓީވީ ނުވަތަ ސްޕީކަރުތަކަށް ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ ސްޓްރީމް ކުރުމަށް ގޫގުލް ކާސްޓް ފަދަ ތިންވަނަ ފަރާތްތަކުގެ ޚިދުމަތްތައް ޑިފޯލްޓްކޮށް ސެޓްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ބަދަލަކީ ވިލާތުގެ އިއްތިހާދު (އީޔޫ) ގެ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) ގެ ގަވާއިދުތަކަށް ފެތުމުގެ ގޮތުން އެޕަލް އިން ގެންނަން ނިންމާފައިވާ ބަދަލެކެވެ. ނަމަވެސް، މި ފީޗާ ދުނިޔޭގެ އެހެން ގައުމުތަކަށް ލިބޭނެކަމެއް ނުވަތަ ހަމައެކަނި ޔޫރަޕްގެ ގައުމުތަކަށް އެކަނި ޚާއްސަވާނެ ކަމެއް އަދި ސާފެއް ނުވެއެވެ. މީގެ ކުރިންވެސް އީޔޫގެ ގަވާއިދުތަކާ ހެދި އެޕަލް އިން ވަނީ އެޕް ސްޓޯރަށް އެމިއުލޭޓަރުތައް ހުއްދަކުރުން ފަދަ ބައެއް ބަދަލުތައް ގެނެސްފައެވެ.
އައިއޯއެސް 27 އާއެކު އިތުރު ބަދަލުތަކެއްވެސް އަންނާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި އެއާޕޮޑްސްގެ ސެޓިންގްސް އިންޓަފޭސް ރީޑިޒައިން ކުރުމާއި، ޖެންމޯޖީ އަދި އިމޭޖް ޕްލޭގްރައުންޑް އަށް ބޮޑެތި އަޕްގްރޭޑްތަކެއް އައުން ހިމެނެއެވެ.
މީގެ އިތުރުން އާ ސިރީ، ރީޑިޒައިން ކުރެވިފައިވާ ޝޯޓްކަޓްސް އެޕް، އޭއައި ބޭނުންކޮށްގެން ވޯލްޕޭޕަރު އުފައްދާ ޓޫލެއް އަދި ރަނގަޅު ކުރެވިފައިވާ ރައިޓިންގް ޓޫލްސްތައް މި ވާޝަންގައި ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެޕަލްގެ އައިއޯއެސް 27 ގެ ފުރަތަމަ ދައްކާލުން އޮންނާނީ އަންނަ ޖޫން މަހުގެ 8 އިން 12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ 2026) ގައެވެ.
އާންމުކޮށް އެޕަލް އިން އޮޕަރޭޓިން ސިސްޓަމްތައް ނެރޭ ތާވަލަށް ބަލާއިރު، މި އާ އަޕްޑޭޓް އާންމުންނާ ހަމައަށް ލިބޭނީ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ.