އެޕަލް ކުންފުނީގެ އަހަރީ ޑިވެލޮޕަރުންގެ ކޮންފަރެންސް (ޑަބްލިޔުޑަބްލިޔުޑީސީ) ފެށެން މަދު ހަފުތާތަކަކަށް ވެފައި ވަނިކޮށް، އެ ކުންފުނިން "genai.apple.com" ގެ ނަމުގައި އާ ސަބްޑޮމެއިންއެއް ތައްޔާރުކުރަމުންދާކަން ހާމަވެއްޖެއެވެ.
އެޕަލްގެ ޑޮމެއިން ނޭމް ސާވަރުތަކަށް މި ސަބްޑޮމެއިން މިހާރު އިތުރުކޮށްފައިވީ ނަމަވެސް، މި ސައިޓް އަދި އާންމުކޮށް ހުޅުވާލާފައެއް ނުވެއެވެ. މި ފިޔަވަޅަކީ އެޕަލްގެ ސޮފްޓްވެއާ ޕްލެޓްފޯމްތަކަށް ގެންނަން ނިންމާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ކުރިއެރުންތައް ދައްކާލުމަށް ވަމުންދާ ތައްޔާރީއެއް ކަމަށް ބެލެވެއެވެ.
މިހާރުވެސް އެޕަލްގެ ވެބްސައިޓުގައި "އެޕަލް އިންޓެލިޖެންސް" އަށް ޚާއްސަ ޞަފުޙާއެއް އޮންނާތީ، މި އާ ސަބްޑޮމެއިން ބޭނުންކުރާނީ ކޮން ބޭނުމަކުކަން އަދި މުޅިން ސާފެއް ނުވެއެވެ. ނަމަވެސް، މި ނަމަކީ ޗެޓްޖީޕީޓީ އާއި ކްލޯޑް ފަދަ ޓޫލްތަކުން މަގުބޫލުކަން ހޯދާފައިވާ "ޖެނެރޭޓިވް އޭއައި" އަށް ނިސްބަތްކޮށް ހަދާފައިވާ ނަމެއްކަން ޔަގީނެވެ.
އެޕަލް އިން ދެން ނެރުމަށް ހަމަޖެހިފައިވާ އައިއޯއެސް 27، އައިޕެޑްއޯއެސް 27 އަދި މެކްއޯއެސް 27 ސޮފްޓްވެއާ ސިސްޓަމްތަކުގައި އެޕަލް އިންޓެލިޖެންސްގެ ގިނަ އާ ފީޗަރުތަކެއް ހިމެނޭނެ ކަމަށް ބެލެވެއެވެ.
މީގެ ތެރޭގައި ފޯނުގެ ސްކްރީނުގައި ހުންނަ އެއްޗެހި ދެނެގަނެވޭ ފަދަ ޒާތީ އެހީތެރިއެއްގެ ގޮތުގައި ސިރީ ތަރައްގީކުރުމާއި، ޗެޓްބޮޓްތަކެކޭ އެއްފަދައިން ސިރީއާ އެކު ދެކޮޅަށް ވާހަކަދެއްކޭނެ ޚާއްޞަ އެޕްލިކޭޝަނެއް ހިމެނެއެވެ.
މީގެ އިތުރުން، އައިފޯނުން ރެކޯޑްކުރާ ވީޑިއޯތަކަށް އޮޓޮމެޓިކުން ކެޕްޝަން އެރުވުން ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަވާނެ ފީޗާތަކެއް ވެސް ތައާރަފުކުރާނެއެވެ. އަދި ވޮއިސް ކޮންޓްރޯލް މެދުވެރިކޮށް އާންމު ދިރިއުޅުމުގައި ވާހަކަދައްކާ ބަހުރުވައިން އެޕަލް މެޕްސް އާއި ފައިލްސް އެޕް ފަދަ ތަންތަނަށް އަމުރުދެވޭނެ ގޮތް ހެދުމާއި، ޝޯޓްކަޓްސް ހެދުން ފަސޭހަކޮށްދިނުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
އެޕަލްގެ ވޮލެޓް އެޕްގައި "ކްރިއޭޓް އޭ ޕާސް" ގެ ނަމުގައި އާ އޮޕްޝަނެއް ހިމެނުމާއި، ސަފާރީ ބްރައުޒާގެ ޓެބް ގްރޫޕްތަކަށް އޮޓޮމެޓިކުން ނަންދެވޭނެ ގޮތް ހެދުންވެސް މި އާ އަޕްޑޭޓްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ވިޝުއަލް އިންޓެލިޖެންސް މެދުވެރިކޮށް ކާބޯތަކެތީގެ ނިއުޓްރިޝަން ލޭބަލްތައް ސްކޭންކޮށް، ބިޒްނަސް ކާޑުތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ކޮންޓެކްޓްސް އެޕަށް އިތުރުކުރެވޭނެއެވެ.
އެޕަލްގެ މި ހުރިހާ އާ ސޮފްޓްވެއާތަކާއި އޭއައި ފީޗާތައް ރަސްމީކޮށް ދައްކާލާ ޑަބްލިޔުޑަބްލިޔުޑީސީ 2026 ކޮންފަރެންސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 8 ވާ ހޯމަ ދުވަހެވެ.