މި ދުވަސްވަރު، ހިމަބިއްސާއި އިންފުލުއެންޒާ ހިމެނޭ ގޮތަށް ރޯގާތައް ފެތުރޭ މިންވަރު އިތުރުވާތީ ޢީދު ބަންދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީއާއި އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ. މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތައް ރިޕޯޓުކޮށްފައިވާއިރު، ޢީދު ބަންދުގައި ރަށްތަކާއި ތަންތަނަށް ޒިޔާރަތްކޮށް ހަދާއިރު، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
އޭގެ އިތުރަށް، ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެ އެޖެންސީން އެދިފައިވެއެވެ.
އެޗްޕީއޭއިން ސަމާލުކަން ދިނުމަށް އެދުނު ބައެއް ކަންކަން:
- ހުން އައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެނިއްޖެ ނަމަ، ގޭގައި މަޑުކުރުން
- ބަލިޖެހިގެން ހާލަތު ގޯސްވާނަމަ، އަވަހަށް ސިއްހީ ފަރުވާ ހޯދުން
- ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން
- ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒްކުރުން
އެޗްޕީއޭއިން އެފަދައިން އިލްތިމާސްކުރިއިރު، މާލެ ސަރަހައްދުގައި ހަލުވިކަމާ އެކު ރޯގާ ފެތުރެމުންދާތީ، ކޮންމެހެން އެ ހޮސްޕިޓަލަށް އަންނަން ޖެހިގެން ނޫނީ ޒިޔާރަތް ނުކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އައިޖީއެމްއެޗުން ވެސް ވަނީ އެދިފައެވެ.