ހަލުވިކަމާއެކު ރޯގާ، ފެތުރޭތީ ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހިގެން ނޫނީ ނާންނަން އެދިއްޖެ

އައިޖީއެމްއެޗް: މާލެ ސަރަހައްދުގައި ހަލުވިކަމާއިއެކު ރޯގާ ފެތުރެމުންދާތީ، ރައްކާތެރިފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ--ސަން ފޮޓޯ/ މާނިއު މުހައްމަދު

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އިން ވަނީ އާންމުން ސަމާލުވުމަށް އެދިފައެވެ. ކޮންމެހެން ހޮސްޕިޓަލަށް އަންނަން ޖެހިގެން ނޫނީ ނައުމަށާއި، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ހިމަބިހި ފަދަ ގައިންގަޔަށް އަރާ ބަލިތައްވެސް ދަނީ ފެންނަމުންނެވެ.

  • ކޮންމެހެން ހޮސްޕިޓަލަށް އަންނަން ޖެހިގެން ނޫނީ ނައުމަށް އައިޖީއެމްއެޗުން އެދިފައިވުން.
  • ހުން އައިސް ގައިގައި ބިހި ނަގާނަމަ، މާސްކު އަޅައިގެން ޑޮކްޓަރަށް ދެއްކުން.
  • ސާފުތާހިރުކަމަށް އިސްކަންދީ، ކުޑަކުދިންގެ ވެކްސިންތައް ފުރިހަމަކުރުން.
  • މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކޮށް، މަދިރި އާލާވާ ތަންތަން ނައްތާލުން.

މާލެ ސަރަހައްދުގައި ހަލުވިކަމާ އެކު ރޯގާ ފެތުރެމުންދާތީ، ކޮންމެހެން އެ ހޮސްޕިޓަލަށް އަންނަން ޖެހިގެން ނޫނީ ޒިޔާރަތްނުކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އައިޖީއެމްއެޗުން އެދެފިއެވެ.

އެ ހޮސްޕިޓަލުން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ހަލުވިކަމާއިއެކު ރޯގާ ބަލިމަޑުކަން ފެތުރެމުންދާ ދުވަސްވަރެއްކަމުން، ރައްކާތެރިފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން އެދޭކަމަށެވެ.

https://sun.mv/221924

ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް އައިޖީއެމްއެޗުން ވަނީ ބުނެދީފައެވެ. އެގޮތުން ކޮންމެހެން ދާންޖެހޭ ހާލަތުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުމަށް އެދިފައިވެއެވެ. މީގެ އިތުރުން ސަމާލުކަން ދިނުމަށް އެދިފައިވާ ކަންކަމަކީ

  • ހުންއައިސް ގައިގައި ބިހި ނެގުންފަދަ އަލާމާތެއް ފެނިއްޖެނަމަ، މާސްކު އަޅައި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން.
  • އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ސަމާލުކަން ދިނުން.
  • ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއްދިނުން.
  • ކުޑަކުދިންނަށް ޖެހުމަށް ގައުމީ ތާވަލުގައި ހިމެނިފައިވާ ވެކްސިންތައް އަދާހަމަ ކުރުން.
  • ކެއްސާ ނުވަތަ ކިނބިހި އަޅާއިރު، އަނގަޔާއި ނޭތްފަތް ރަނގަޅަށް ނިވާކުރުން.
  • މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު، މާސްކު އެޅުން.
  • ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުން
  • މަދިރި އާލާވާ ތަންތަން ބަލައި، ގޯތިތެރެއާއި ވަށާއިގެންވާ މާހައުލު ސާފުކުރުން.

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ދުވަސްވަރެއްކަމުން ތަފާތު ރޯގާތަކުގެ ބަލިމަޑުކަން އަންނަނީ އިތުރުވަމުންނެވެ.

މީގެ ތެރޭގައި މީގެ ކުރިން ރާއްޖެއިން ނައްތާލެވިފައިވާ ގައިންގަޔަށް އަރާ ބައްޔެއްކަމަށް ވާ ހިމަބިއްސަ މި ހަފްތާގެ ތެރޭގައި ދެ މީހަކު ވަނީ ޕޮޒިޓީވް ވެސް ވެފައެވެ.

comment ކޮމެންޓް