ހުރުމުޒު ކަނޑުއޮޅި އޮތީ އަދި އޮންނާނީ ވެސް އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި: އީރާން

ޕާކިސްތާން ސިފައިންގެ ވެރިޔާ މިއަދު އީރާން އަށް ވަޑައިގެން އީރާނުގެ ޕާލަމެންޓްގެ ރައީސް އާ ބައްދަލުކުރައްވަނީ --

ވޮޝިންޓަން (23 މެއި 2026): ހުރުމުޒު ކަނޑުއޮޅި އޮންނާނީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އެ ކަނޑުއޮޅީގެ ކޮންޓްރޯލް ދޫކޮށްލެވެން ނޯންނާނެކަމަށް އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނީ ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާ އީރާން އާ ދެކޮޅަށް ފެށި އުދުވާނީ އަދި ޣައިރު ގާނޫނީ ހަނގުރާމައާ ގުޅިގެން އީރާނުގެ ދިފާއާއި ސަލާމަތާއި ރައްކާތެރި ކަމަށް ސްޓްރެޓީޖިކް ގޮތުން މުހިއްމު ތަނެއް ކަމުގައެވެ. އޭގެ މާނައަކީ އެ ކަނޑުއޮޅިން ހުރަސް ކުރެވޭނީ އީރާން ހުއްދަ ދޭ ގައުމުތަކުން ކަމަށް ވެސް އިންގިލާބީ ލަޝްކަރުން ބުނެފައިވެއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއް ބުނާގޮތުން އެތަން އޮންނަނީ ވެސް އީރާނުގެ ޓެރަޓޯރިއަލް ވޯޓާ ނުވަތަ އިގްތިސާދީ ސަރަހައްދުގައި ކަމަށްވާތީ އެއީ އީރާނުގެ ސިޔާދަތީ ބާރު ހިނގާ ކަނޑުއޮޅިއެކެވެ.

އީރާންގެ ހުއްދަ ލިބިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި ހުރުމުޒު ކަނޑުއޮޅިން ވަނީ 25 އުޅަނދެއް ހުރަސްކޮށްފައެވެ.

ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ދޫކޮށްލެވެން ނޯންނާނެކަން އީރާނުން ހާމަކޮށްފައި މިވަނީ އެމެރިކާއާއި އީރާން އާ ދެމެދު ސުލްހަ ގާއިމްކުރުމަށްޓަކައި މެދުވެރިއެއްގެ ބައި އަދާކުރާ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އާސިމް މުނީރު އީރާނަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ޖެނެރަލް މުނީރު އީރާނަށް ވަޑައިގެންނެވީ އެމެރިކާގެ މުހިއްމު މެސެޖެއް އީރާނަށް ރައްދު ކޮށްދެއްވުމަށް ކަމަށް ޚަބަރު ލިބެއެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބަގިރު ގަލީބާވް ވިދާޅުވި ގޮތުގައި އެމެރިކާއަށް އޮތް ހަމައެކަނި ގޮތަކީ ބައިނަލްއަގްވާމީ ގާނޫނާއި މުއާހަދާތަކުގައި އީރާނަށް ލިބިދީފައިވާ ނިއުކްލިޔާ ހައްގުތަކާއި އީރާނުގެ އަމިއްލަ ނަފްސުގެ ދިފާއުގެ ހައްގުތައް ގަބޫލުކުރުމެވެ. އެ ނޫން ގޮތަކަށް އެމެރިކާއާއެކު އީރާން އެއްބަސްވުމަކަށް ނުދާނެ ކަމަށް ގަލީބާވް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔޫރޭނިއަމް ފައްކާކުރުމުގެ ހައްގު އީރާނުން ދޫކޮށްލަން ޖެހޭކަމަށް ތަކުރާރުކޮށް ބުނެފައެވެ. އަދި އީރާނުގައިވާ 60 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް އެމެރިކާއާ ހަވާލުކުރަން ޖެހޭކަމަށް ވެސް ޓްރަމްޕް ބުނެފައިވެއެވެ.

އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ މުޖްތަބާ ޚަމަނާއި ވަނީ އީރާނުގައިވާ 60 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް އެ ގައުމުން ބޭރަށް ގެންދިޔުން މަނާކުރުމުގެ އަމުރެއް މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވާފައެވެ.

މި އަމުރާއެކު އީރާން ވަނީ ދެން މި މައްސަލާގައި އެމެރިކާއާއެކު ވާހަކަ ނުދައްކާނެކަމަށް ބުނެފައެވެ. މުރާސިލުން ބުނާގޮތުން ޓްރަމްޕް ގެ ކުރިމަތީގައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ އަލުން ހަނގުރާމަ ފެށުމެވެ. އަނެއްގޮތަކީ މަދަނީ ބޭނުންތަކަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު އީރާނަށް ދިނުމަށް އެއްބަސްވުމެވެ.

އަލުން ހަނގުރާމަ ފެށިނަމަވެސް އެމެރިކާ ބޭނުންވާ މަގްސަދު އީރާނުގެ ކިބައިން ހާސިލް ކުރެވޭނެކަމުގެ އެއްވެސް ގެރެންޓީ ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާން ވަނީ އަލުން އުދުވާން ފަށައިފިނަމަ ގަލްފާއި މެދުއިރުމަތިން ބޭރަށް ހަނގުރާމަ ފުޅާކޮށް ހުރުމުޒު ކަނޑުއޮޅީގެ އިތުރުން ރަތްކަނޑާއި އަރަބި ކަނޑު ގުޅުވައިދޭ ބާބުލްމަންދަބު ކަނޑުއޮޅި ވެސް ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ހުރުމުޒު ކަނޑުއޮޅިއަކީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައިވާ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެއްކަމަށާއި، އެތަނުގެ ކޮންޓްރޯލް ދޫކޮށްނުލާނެކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ އިޢުލާންކޮށްފައެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، ކަނޑުއޮޅި ހުރަސްކުރެވޭނީ ހަމައެކަނި އީރާނުން ހުއްދަދޭ އުޅަނދުތަކަށްކަމަށް އެ ފަރާތުން ބުނެއެވެ. މި ދަނޑިވަޅުގައި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އާސިމް މުނީރު ވަނީ އެމެރިކާގެ މެސެޖަކާއެކު އީރާނަށް ވަޑައިގެންފައެވެ. ނަމަވެސް، އީރާނުގެ ނިއުކްލިޔަރ ޙައްޤުތަކާއި އަމިއްލަ ނަފްސުގެ ދިފާޢުގެ ޙައްޤު އެމެރިކާއިން ގަބޫލުނުކުރާހާ ހިނދަކު އެއްބަސްވުމަކަށް ނުދާނެކަމަށް އީރާނުގެ ޕާލަމެންޓުން ވަނީ ބުނެފައެވެ. އަދި އީރާނުގެ ދީނީ މުރުޝިދު އާޔަތުﷲ މުޖްތަބާ ޚަމަނާއި ވަނީ ފާއިތުވި ހަފުތާގައި 60 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިއަމް ޤައުމުން ބޭރުކުރުން މަނާކުރައްވައި، މަޝްވަރާތައް ހުއްޓަވާލައްވާފައެވެ.

  • ހުރުމުޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަތްމަތީގައިކަން އިންގިލާބީ ލަޝްކަރުން ކަށަވަރުކޮށްދިނުން.
  • އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރެއްވުމަށް ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އީރާނަށް ވަޑައިގަތުން.
  • އީރާނަށް ލިބިފައިވާ ނިއުކްލިޔަރ އަދި ދިފާޢީ ޙައްޤުތައް ޤަބޫލުކުރުމަށް އީރާނުގެ ޕާލަމެންޓުން އެމެރިކާއަށް ގޮވާލުން.
  • ފައްކާކޮށްފައިވާ ޔޫރޭނިއަމް ޤައުމުން ބޭރުކުރުން މަނާކޮށް، އެމެރިކާއާއެކު އިތުރަށް ވާހަކަނުދެއްކުމަށް އީރާނުގެ ދީނީ މުރުޝިދު އަމުރުކުރެއްވުން.
  • އެމެރިކާއިން ހަނގުރާމައަކަށް ހިނގައްޖެނަމަ، ބާބުލްމަންދަބު ކަނޑުއޮޅިވެސް ބަންދުކުރާނެކަމުގެ އިންޒާރު އީރާނުން ދިނުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު