އެމްޑީޕީއަށް 2023 ގެއްލުނީ ޞާލިޙްގެ މަގުބޫލުކަން ކުޑަވީމާ: ނަޝީދު

ކުރީގެ ރައީސް ޞާލީޙާއި ކުރީގެ ރައީސް ނަޝީދު: އިންތިޚާބު ގެއްލުނީ ޞާލިޙަށް އޮތް މަގުބޫލުކަން ކުޑަވީމާ ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

މިދިޔަ 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނަކާމިޔާބުވީ އޭރު އެ ޕާޓީގެ ކެންޑިޑޭޓު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އޮތް މަގުބޫލުކަން ކުޑަވުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން 2023ގައި ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާޔާބުވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ އެ ޕާޓީ ދެބައިވުން ކަމަށް އެމްޑީޕީން ބުނެއެވެ.

އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ ޚިޔާލުތަފާތުވެ، ޕާޓީގައި ދެ ފެކްޝަނެއް އުފެދުނެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ނަޝީދުގެ ފެކްޝަނުން، ޞާލިޙްގެ ފެކްޝަންގެ ބޭފުޅުންނަށް ސީދާ ގޮތެއްގައި އެކި ތުހުމަތުތައް ވެސް ކުރިއެވެ.

https://sun.mv/207681

ޖަނަވަރީ 28، 2023ގައި ބޭއްވި ޕްރައިމަރީން ޞާލިޙް ކާމިޔާބުވުމުން ދެ ފެކްޝަންގެ ކޯޅުން އިތުރަށް ގޯސްވެ، ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން އެ އަހަރުގެ މެއި މަހުގެ މެދުތެރެއިން އެމްޑީޕީއާ ވަކިވިއެވެ. ނަޝީދަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އެ މަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގަތީ ޖޫން 21، 2023 ގައެވެ.

ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރިއެވެ. ނަމަވެސް، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ފުރަތަމަ ބުރުގައި ލިބުނީ ހަތް އިންސައްތަ ވޯޓެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ: އަދަދު

ދެވަނަ ބުރަށް ނުދިއުމުން ވެސް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ޑިމޮކްރެޓްސްއިން ދެކޮޅު ހެދިއެވެ. އެއީ އެމްޑީޕީއަށް ލިބުނު ގެއްލުމަކަށްވެ، ޞާލިޙު އިންތިޚާބުން ނާކާމިޔާބުވީއެވެ.

އެ ދުވަސްވަރަށް އިޝާރަތްކުރައްވައި، ނުރަސްމީ އެކްސް އެކައުންޓުގައި ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ 2023 އެމްޑީޕީއަށް ނާކާމިޔާބުވީ އެންމެ ބޮޑު ސަބަބަކީ ޞާލިހަށް އޮތް މަގުބޫލުކަން ކުޑަވުން ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު މިދިޔަ އަހަރުގެ ޖޫން 23 ގައި ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ވަނީ އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އޭގެ ފަހުން، ޕާޓީގެ ޗެއާޕާސަން އިންތިޚާބާ އެކު ޕާޓީގެ އެތެރޭގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.

އެ ގޮތުން، ޗެއާޕާސަންކަމަށް ނަޝީދު މެދުނުކެނޑި ކެމްޕޭން ކުރައްވާއިރު ޞާލިޙް ވަނީ އޭނާ ތާއީދުކުރައްވަނީ މީކާއީލް އަހުމަދު ނަސީމަށް ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ މިއީ ޗެއާޕާސަންކަމަށް ނަޝީދު ވާދަކުރައްވަންވީ ވަގުތު ނޫން ކަމަށާއި މިއީ ތިން ރައީސުން އެކުގައި ފެށި ހަރަކާތުގައި ދެމިހުންނަވަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ނަޝީދާއި ޞާލިޙް އަންނަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަމުންނެވެ. އެކަމަކު، އެތެރޭގެ އިންތިޚާބުގެ ވާދަވެރިކަމުގައި ނަޝީދާއި ޞާލިޙް އަންނަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަގުބޫލުކަން ކުޑަވުމުގެ ސަބަބުން ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަމަވެސް، އެމްޑީޕީން ރަސްމީކޮށް ގަބޫލުކުރާ ގޮތުގައި އިންތިޚާބުން ބަލިވުމުގެ މައިގަނޑު ސަބަބަކީ، ޕާޓީގެ އެތެރޭގައި އުފެދުނު ދެ ފެކްޝަނުގެ ސަބަބުން ޕާޓީ ބައިބައިވެގެން ދިއުމެވެ. ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމަށްފަހު، މިހާރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، ޕާޓީގެ ޗެއާޕާސަން އިންތިޚާބާ ގުޅިގެން ޞާލިޙާއި ނަޝީދާ ދެމެދު އަނެއްކާވެސް ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން، ޗެއާޕާސަން ކަމަށް ނަޝީދު ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، ޞާލިޙް ތާއީދުކުރައްވަނީ މީކާއީލް އަޙްމަދު ނަސީމަށެވެ.

  • 2023ގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ ޞާލިޙްގެ މަގުބޫލުކަން ކުޑަވުމުން ކަމަށް ނަޝީދު ތުހުމަތުކުރެއްވުން.
  • އެމްޑީޕީން ބަލިވީ ޕާޓީ ދެބައިވުމުގެ ސަބަބުން ކަމަށް އެ ޕާޓީން ރަސްމީކޮށް ގަބޫލުކުރުން.
  • ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު، ޗެއާޕާސަން އިންތިޚާބުގައި ވާދަވެރިކަން ބޮޑުވުން.
  • ޗެއާޕާސަން ކަމަށް ނަޝީދު ކެމްޕޭން ކުރައްވާއިރު، ޞާލިޙް ތާއީދުކުރައްވަނީ މީކާއީލް އަޙްމަދު ނަސީމަށް ކަމަށް ވިދާޅުވުން.
  • ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްކުރި ނަމަވެސް، އެތެރޭގެ އިންތިޚާބުގައި ދެ ރައީސުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވުން.
comment ކޮމެންޓް