މޮޓޮރޯލާ އެޖް 70 ސީރީޒްގެ އެންމެ ފަހުގެ ފޯނު، "މޮޓޮރޯލާ އެޖް 70 ޕްރޯ ޕްލަސް" ބާޒާރަށް ނެރުމަށް ތައްޔާރުވެއްޖެއެވެ.
މިފޯނު ނެރުމުގެ އެންމެފަހުގެ މަރުހަލާގައި އޮތްއިރު، އެ ފޯނުގެ ކެމެރާ ސެޓަޕްގެ މުހިންމު ތަފްސީލުތަކާއި ފޯނު ލިބެން ހުންނާނެ ކުލަތައް ކުންފުނިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. އިންޑިއާގެ ފްލިޕްކާާޓްގައި މި ފޯނަށް ޚާއްޞަކޮށްގެން ހަދާފައިވާ މައިކްރޯސައިޓް އަޕްޑޭޓްކޮށް ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިއީ މި ސީރީޒްގައި ހިމެނޭ ހަތަރުވަނަ މޮޑެލްއެވެ.
މި ފޯނުގެ ފަހަތުގައި ތިން ކެމެރާ އެކުލެވޭ ސެޓަޕެއް ހިމެނޭއިރު، މީގެ ތެރެއިން މައި ކެމެރާއަކީ ސޮނީ އެލްވައިޓީ-710 ސެންސަރާއި އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން (އޯއައިއެސް) އެކުލެވޭ 50 މެގަޕިކްސެލްގެ ކެމެރާއެކެވެ. މީގެ އިތުރުން މޮޓޮރޯލާގެ "ސުޕަ ޒޫމް ޕްރޯ" ފީޗާއާއެކު 50 އެކްސް ޑިޖިޓަލް ޒޫމް ކުރުމުގެ ޤާބިލުކަން މި ފޯނަށް ލިބިގެންވެއެވެ.
މި ފޯނު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ޕެންޓޯން އިން ކިއުރޭޓްކޮށްފައިވާ ތަފާތު ތިން ކުލައެއްގައެވެ. އެއީ ލަކުޑީގެ ފިނިޝްއެއް އެކުލެވޭ "ޗިކޮރީ ކޮފީ" އާއި، ޓްވިލް ފިނިޝްގެ "ސްޓޯމީ ސީ"ގެ އިތުރުން ސެޓިން-ލަކްސް ފިނިޝްއެއް ހިމެނޭ "ޒިންފަންޑެލް"އެވެ.
ޑިޒައިނަށް ބަލާއިރު މި ފޯނު ވައްތަރީ އެޖް 70 ޕްރޯ މޮޑެލްއާއެވެ. މީގައި ހިމެނެނީ އަކަބުރަށް ހުންނަ ކެމެރާ މޮޑިއުލްއަކާއި، ކުރިމަތިން ކާވްޑް ސްކްރީނެއްގެ އިތުރުން ސެލްފީ ކެމެރާއަށް ޚާއްޞަ ހޯލް-ޕަންޗް ކަޓައުޓެކެވެ.
ރިޕޯޓްތައް ބުނާގޮތުން މި ފޯނަކީ ކުރިން ނެރުނު ޕްރޯ މޮޑެލްއަށްވުރެ ބޮޑު ތިން އަޕްގްރޭޑެއް ލިބިގެންދާނެ ފޯނެކެވެ. އޭގެ ތެރޭގައި ޓެލެފޮޓޯ ކެމެރާއެއް ހިމެނުމާއި، ވަޔަލެސްކޮށް ޗާޖުކުރެވޭ ފީޗާގެ އިތުރުން 16 ޖީބީއާ ހަމައަށް ރޭމް މަތިކުރެވުން ހިމެނެއެވެ.
މޮޓޮރޯލާ އިން މި ފޯނު ރަސްމީކޮށް ލޯންޗުކުރާނެ ވަކި ތާރީޚެއް އަދި އިޢުލާނެއް ނުކުރެ އެވެ. ނަމަވެސް ވަރަށް އަވަހަށް އިންޑިއާގެ ފްލިޕްކާާޓް މެދުވެރިކޮށް މި ފޯނު ގަންނަން ލިބޭނެކަން ވަނީ ޔަޤީންވެފައެވެ.