ވަރުގަދަ ޑިސްޕްލޭއަކާއެކު މޮޓޮރޯލާގެ އާ ފޯލްޑަބަލް ފޯނުތައް ނެރެނީ

މި ސީރީޒްގައި އެންމެ ފާހަގަކޮށްލެވެނީ ބޭސް މޮޑެލް އާއި ޕްލަސް މޮޑެލް ---

މޮޓޮރޯލާއިން 2026 ވަނަ އަހަރުގެ މެއި 21 ވަނަ ދުވަހު އެމެރިކާގައި އާ ފޯލްޑަބަލް ފޯނުތަކެއް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ސީރީޒްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރޭޒާ 2026 އަދި ރޭޒާ ޕްލަސް 2026 އެވެ. މީގެ އިތުރުން އަލްޓްރާ އަދި ފޯލްޑް މޮޑެލްވެސް ހިމެނޭއިރު، މެމަރީގެ އަގު ބޮޑުވުމާ ގުޅިގެން މި ފޯނުތަކުގެ އަގު ވަނީ ކުރީގެ މޮޑެލްތަކަށްވުރެ ކުޑަކޮށް އުފުލިފައެވެ. މި ފޯނުތަކުގައި 6.9 އިންޗީގެ އެމޯލެޑް ޑިސްޕްލޭއެއް ހިމެނޭއިރު، ޕްލަސް މޮޑެލްގައި 165 ހާޓްޒްގެ ރިފްރެޝް ރޭޓް އަދި ސްނެޕްޑްރެގަން 8 އެސް ޖެން 3 ޕްރޮސެސަރެއް ވަނީ ހިމަނާފައެވެ. ދެ ފޯނުގައިވެސް 50 މެގަޕިކްސެލްގެ މެއިން ކެމެރާއަކާއި އައިޕީ48 ރޭޓިންގެ ވޯޓާ އެންޑް ޑަސްޓް ރެސިސްޓެންސް ހިމެނެއެވެ. މީގެ އިތުރުން ރޭޒާ 2026 ގައި 4800 އެމްއޭއެޗްގެ ބެޓެރީއެއް ހިމެނޭއިރު، ޕްލަސް މޮޑެލްގައި ހިމެނެނީ 4500 އެމްއޭއެޗްގެ ބެޓެރީއެކެވެ. ފޯނުގެ ޑިޒައިންއަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ރިޕޯޓްތަކުން ހާމަވެއެވެ.

  • މޮޓޮރޯލާގެ އާ ރޭޒާ ސީރީޒްގެ ފޯނުތައް 21 މެއި 2026 ގައި ލޯންޗްކުރާނެ
  • ރޭޒާ 2026 ގެ އަގު 799.99 ޑޮލަރުގައި އުޅޭއިރު ޕްލަސް މޮޑެލްގެ އަގަކީ 1099.99 ޑޮލަރު
  • ދެ މޮޑެލްގައިވެސް 6.9 އިންޗީގެ އެމޯލެޑް ޑިސްޕްލޭއަކާއި 50 މެގަޕިކްސެލްގެ ކެމެރާ ހިމެނޭނެ
  • ޕްލަސް މޮޑެލްގައި ސްނެޕްޑްރެގަން ޕްރޮސެސަރު އަދި 165 ހާޓްޒް ޑިސްޕްލޭ ހިމެނޭނެ
  • މެމަރީގެ އަގު ބޮޑުވުމުގެ ސަބަބުން ފޯނުތަކުގެ އަގު ވަނީ ކުޑަކޮށް އުފުލިފައި

ވަރުގަދަ ޑިސްޕްލޭއަކާއެކު މޮޓޮރޯލާގެ އާ ފޯލްޑަބަލް ފޯނުތައް މިއަހަރު ނެރެން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ ޑީލްއެބްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޮޓޮރޯލާގެ ފޯލްޑަބަލް ފޯނުތައް ކަމަށްވާ ރޭޒާ 2026 އާއި ރޭޒާ ޕްލަސް 2026 މިއަހަރު ނެރުމަށް ހަމަޖެހިފައިވާއިރު، މި ސީރީޒްގައި ހަތަރު މޮޑެލްއެއް ހިމެނެއެވެ.

އެމެރިކާގައި މި ފޯނުތައް 21 މެއި 2026 ލޯންޗްކުރަން ހަމަޖެހިފައިވާއިރު، މި ސީރީޒްގައި އެންމެ ފާހަގަކޮށްލެވެނީ ބޭސް މޮޑެލް އާއި ޕްލަސް މޮޑެލްއެވެ.

ލީކްވެފައިވާ އަގުތަކަށް ބަލާއިރު، 8 ޖީބީ ރޭމް އާއި 256 ޖީބީ ސްޓޯރޭޖް ހިމެނޭ ރޭޒާ 2026 ގެ އަގަކީ 799.99 ޔޫއެސް ޑޮލަރެވެ. އަދި 12 ޖީބީ ރޭމް އާއި 256 ޖީބީ ސްޓޯރޭޖް ހިމެނޭ ރޭޒާ ޕްލަސް 2026 ލިބެން ހުންނާނީ 1،099.99 ޔޫއެސް ޑޮލަރަށެވެ.

މީގެ އިތުރުން 16 ޖީބީ ރޭމް އާއި 512 ޖީބީގެ ސްޓޯރޭޖް ހިމެނޭ ރޭޒާ އަލްޓްރާ 2026 ގެ އަގަކީ 1،499.99 ޔޫއެސް ޑޮލަރު ކަމަށާއި، ރޭޒާ ފޯލްޑް 2026 ގެ އަގަކީ 1،899.99 ޔޫއެސް ޑޮލަރު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިއީ މިދިޔަ ޖީލުގެ ފޯނުތަކާ އަޅާބަލާއިރު ކުޑަ އަގުބޮޑުވުމެކެވެ. ރިޕޯޓްތައް ބުނާގޮތުން މި ފޯނުތަކުގެ އަގު އުފުލިފައިވާ މައިގަނޑު ސަބަބަކީ ފޯނު އުފެއްދުމުގައި ބޭނުންކުރާ މެމަރީގެ އަގު ބޮޑުވުމެވެ.

އާ ފޯނުތަކުގެ ޑިޒައިންއަށް މާ ބޮޑު ބަދަލެއް ނާންނާނެ ---

މި ފޯނުތަކުގެ ސްޕެސިފިކޭޝަންތަކަށް ބަލާއިރު، ދެ މޮޑެލްގައިވެސް 6.9 އިންޗީގެ އެމޯލެޑް އިންނާ ޑިސްޕްލޭއެއް ހުންނާނެ އެވެ. ނަމަވެސް، ރޭޒާ 2026 ގައި 120 ހާޓްޒްގެ ރިފްރެޝް ރޭޓް ހުންނައިރު، ރޭޒާ ޕްލަސް 2026 ގައި 165 ހާޓްޒްގެ ވަރުގަދަ ސްމޫތް ޑިސްޕްލޭއެއް ލިބިގެންދާނެއެވެ. މިއީ މި ފޯނުތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައެވެ.

ޕްރޮސެސަރުގެ ގޮތުގައި ބޭނުންކޮށްފައިވަނީ ތަފާތު ދެ ޗިޕެކެވެ. އެގޮތުން ރޭޒާ 2026 ގައި 2.60 ގިގަހާޓްޒް އާ ހަމައަށް މަސައްކަތްކުރާ މީޑިއާޓެކް ޑައިމެންސިޓީ 7450 އެކްސް ޕްރޮސެސަރެއް ހުންނައިރު، ރޭޒާ ޕްލަސް 2026 ގައި ހިމަނާފައިވަނީ ސްނެޕްޑްރެގަން 8 އެސް ޖެން 3 ޕްރޮސެސަރެވެ.

މި ދެ ފޯނުވެސް އެލްޕީޑީޑީއާރް5އެކްސް ރޭމް އާއެކު އަންނައިރު، ސްޓޯރޭޖަކީ ރޭޒާ 2026 ގައި ޔޫއެފްއެސް 3.1 އަދި ރޭޒާ ޕްލަސް ގައި ޔޫއެފްއެސް 4.0 އެވެ. މީގެ އިތުރުން މި ފޯނުތަކުގައި ބޭނުންކުރާނީ އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ހެލޯ ޔޫއައި ސޮފްޓްވެއާއެވެ.

ކެމެރާ އާއި ބެޓެރީގެ ފީޗަރުތަކަށް ބަލާއިރު، ދެ ފޯނުގެ ފަހަތުގައިވެސް 50 މެގަޕިކްސެލްގެ މެއިން ކެމެރާއަކާއި 50 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ޑުއަލް ކެމެރާއެއް ހިމެނެ އެވެ. އަދި ކުރިމަތީގައި 32 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް އިންނާނެއެވެ.

ބެޓެރީގެ ގޮތުގައި ރޭޒާ 2026 ގައި 4،800 އެމްއޭއެޗްގެ ބެޓެރީއެއް ހިމެނޭއިރު، މިއަށް 30 ވޯޓްގެ ވަޔާޑް ޗާޖިން އަދި 15 ވޯޓްގެ ވަޔާލެސް ޗާޖިން ސަޕޯޓް ލިބެއެވެ. ރޭޒާ ޕްލަސް 2026 ގައި ހިމެނެނީ 4،500 އެމްއޭއެޗްގެ ބެޓެރީއެއް ކަމަށްވިޔަސް، މިއަށް 45 ވޯޓްގެ ވަޔާޑް ޗާޖިން އަދި 15 ވޯޓްގެ ވަޔާލެސް ޗާޖިން ލިބިގެންދާނެއެވެ.

މި ފޯނުތަކުގައި ހިމެނޭ އިތުރު ފީޗަރުތަކުގެ ތެރޭގައި ޔޫއެސްބީ ސީ، ބްލޫޓޫތު، އެންއެފްސީ، ޑުއަލް ސިމް އަދި އީސިމްގެ އިތުރުން އައިޕީ48 ރޭޓިންގެ ވޯޓާ އެންޑް ޑަސްޓް ރެސިސްޓެންސް ހިމެނެއެވެ.

މީގެ އިތުރުން ކަނެކްޓިވިޓީގެ ގޮތުން ރޭޒާ 2026 ގައި ވައިފައި 6 ސަޕޯޓްކުރާއިރު، ރޭޒާ ޕްލަސް މޮޑެލްއިން ވައިފައި 7 އަށް ސަޕޯޓްކުރާނެއެވެ.

އާ ފޯނުތަކުގެ ޑިޒައިންއަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށާއި، ކުރީގެ ކްލެމްޝެލް ސްޓައިލް އެގޮތުގައި ދަމަހައްޓާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، ރޭޒާ 2026 ގެ ބަރުދަނުގައި ހުންނާނީ 188 ގްރާމެވެ. އަދި ރޭޒާ ޕްލަސް 2026 ގެ ބަރުދަނަކީ 189 ގްރާމްއެވެ.

comment ކޮމެންޓް