ގޫގުލް އާއި ސެމްސަންގް ގުޅިގެން އުފައްދާ، އެންޑްރޮއިޑް އެކްސްއާރް ހިންގާ ނިޒާމު ބޭނުންކުރާ އައު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްމާޓް އައިނު މި އަހަރުގެ ތެރޭގައި ބާޒާރަށް ނެރެ، ދެ މިލިއަނަށްވުރެ ގިނަ ޔުނިޓް ވިކޭނެ ކަމަށް މާކެޓް ދިރާސާކުރާ އިދާރާއަކުން ލަފާކޮށްފިއެވެ.
"ސްމާޓް އެނަލިޓިކްސް ގްލޯބަލް" (އެސްއޭޖީ) ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މި އައިނު ބާޒާރަށް ނެރުމުގައި އެއްވެސް ލަސްކަމެއް ނުވަތަ ސަޕްލައިގެ ދަތިކަމެއް ދިމާނުވެއްޖެ ނަމަ، ދުނިޔޭގެ އޭއައި ސްމާޓް އައިނުގެ މާކެޓުގެ ދެވަނަ މަގާމު ގޫގުލްއަށް ލިބޭނެއެވެ. މި މާކެޓުގެ އެއްވަނައިގައި މިހާރު އޮތީ މެޓާ ކުންފުންޏެވެ.
މިދިޔަ ހަފުތާގައި ބޭއްވި ގޫގުލް އައި/އޯ 2026 ކޮންފަރެންސްގައި މި އައިނު ދައްކާލާފައިވާއިރު، މިއީ ގޫގުލް އާއި ސެމްސަންގްގެ ކާމިޔާބު ޕާޓްނަޝިޕެއްގެ ފެށުމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

މިއީ ގޫގުލް އާއި ސެމްސަންގްގެ ކާމިޔާބު ޕާޓްނަޝިޕެއް ----
މެޓާ ކުންފުންޏަށް މިފަދަ ކާމިޔާބު ސޭލްސް ނަންބަރުތަކަކަށް ވާސިލުވުމަށް ގިނަ އަހަރުތަކެއް ނެގި ނަމަވެސް، މެޓާގެ ސަބަބުން މިހާރު މާކެޓުގައި މިފަދަ އައިނުތަކަށް އޮތް ހޭލުންތެރިކަމާއި މަގުބޫލުކަން އިތުރުވެފައިވުމަކީ ގޫގުލްގެ އައިނަށް ބޮޑު ތަރުހީބެއް ލިބެން މެދުވެރިވާނެ ސަބަބެކެވެ.
މި އައިނުތައް ފަރުމާކުރުމުގައި ގޫގުލް އިން ވަނީ ދުނިޔޭގެ މަޝްހޫރު ދެ އައިނު ބްރޭންޑެއް ކަމަށްވާ ނިއުޔޯކްގެ "ވޯބީ ޕާކާ" އަދި ދެކުނު ކޮރެއާގެ "ޖެންޓްލް މޮންސްޓާ"އާ ގުޅިފައެވެ.
ރިޕޯޓްތައް ބުނާގޮތުން ވޯބީ ޕާކާގެ ސަބަބުން އެމެރިކާ އާއި ކެނެޑާގެ އާންމު ގިނަ ކަސްޓަމަރުންނަށް މި އައިނު ފަސޭހައިން ފޯރުކޮށްދެވޭނެއެވެ. އަދި ޖެންޓްލް މޮންސްޓާގެ ޕްރީމިއަމް އަދި ފެޝަން ފޯވާޑް ޑިޒައިންތަކުގެ ސަބަބުން އޭޝިއާ އާއި ޔޫރަޕްގެ މާކެޓްތަކުގައި މި އައިނަށް އޮންނަ ޝައުގުވެރިކަން އިތުރުވެގެންދާނެއެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ދުނިޔޭގެ އެކި ކޮޅުތަކަށް ފޮނުވޭ އޭއައި ސްމާޓް އައިނުގެ އަދަދު 85 އިންސައްތަ އިތުރުވެ، ޖުމްލަ 15 މިލިއަނަށްވުރެ މައްޗަށް އަރާނެއެވެ.
މީގެ ތެރެއިން ވެސް ހަމައެކަނި އަޑު (އޯޑިއޯ) އެކުލެވޭ އޭއައި އައިނުތަކަށް އޮންނަ ޑިމާންޑް ބޮޑުވާނެއެވެ. ސަބަބަކީ އެފަދަ އައިނުތައް ބަރުދަނުން ލުއިވުމާއި، އަގު ހެޔޮވުމުގެ އިތުރުން ޕްރައިވެސީ ނުވަތަ އަމިއްލަ މިނިވަންކަމާ ގުޅޭ މައްސަލަތައް އެފަދަ އައިނުތަކުގައި ކުޑަވުމެވެ.