އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ، އަވަހާރަވިކަން އޮޅިގެން އިއުލާނުކުރުމަށްފަހު އެ ގައުމުގެ ރޭޑިއޯ ސްޓޭޝަނަކުން މައާފަށް އެދެފިއެވެ.
"އަޅުގަނޑުމެންގެ މައި ސްޓޫޑިއޯގައި ކޮމްޕިއުޓަރުގެ މައްސަަލައެއް ދިމާވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ހުރިހާ ސްޓޭޝަންތަކުން ތައްޔާރަށް އޮންނަ ޑެތް އޮފް އަ މޮނާކް ޕްރޮސީޖާ، އަންގާރަ ދުވަހުގެ (މެއި 19) މެންދުރު އޮޅިގެން އެކްޓިވޭޓްވީ," ރޭޑިއޯ ކެރޮލައިންގެ ސްޓޭޝަން މެނޭޖަރު ޕީޓާ މޫރް ބުދަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ބަޔާނެއްގައި ބުންޏެވެ.
"އަޅުގަނޑުމެން ރަސްގެފާނާއި އެހުންތެރިންގެ ކިބައިން މާފަށް އެދެން," އެ ބަޔާން ނިންމާލަމުން ބުނެފައިވެެއެވެ.
ރަސްގެފާނު ޗާލްސް އަވަހާރަވެއްޖެކަން އޮޅިގެން އިއުލާން ކުރި ދުވަހު ޗާލްސް އާއި ރާނީ ކެމިލާ ތިއްބެވީ އުތުރު އަޔަލޭންޑްގެ ބެލްފާސްޓްގައެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ (ކ) އާއި އަނބިކަނބަލުން ރާނީ ކެމީލިއާ (ވ). ފޮޓޯ/ގެޓީ
ބަކިންހަމް ޕެލަސް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 77 އަހަރުގެ ޗާލްސްއާއި އަނބިކަނބަލުން ވަނީ އަޔަލޭންޑުގެ ތޮމްޕްސަން ޑޮކްގައި ބޭއްވި ސަގާފީ ހަފްލާއެއްގައި ބައިވެރިވަޑައިގަންނަވާފައެވެ.
ހަފްލާއަށް ފަހު ޗާލްސްއާއި އަނބިކަނބަލުން ވަނީ ބެލްފާސްޓް ކައިރީގައި އޮންނަ ޝާހީ ގެއެއް ކަމަށްވާ ހިލްސްބޮރޯ ކަސްޓަލްގައި އުތުރު އަޔަލޭންޑްގެ ފަސްޓް މިނިސްޓަރު އަދި ޑެޕިއުޓީ ފަސްޓް މިނިސްޓަރާ ބައްދަލުކުރައްވާފައެވެ.
ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތަރު ވަނަ އަހަރު އުފެއްދި ރޭޑިއޯ ކެރޮލައިން އިން ބެލްޖިއަމް އާއި ނެދަލެންޑްސް ހިމެނޭ ގޮތަށް އެތައް ގައުމެއްގައި ބްރޯޑްކާސްޓް ކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންލައިންކޮށްވެސް އަޑުއަހާލެވެއެވެ.