އިންޑިއާގެ މަގުބޫލު އެކްޓަރު ޖެކީ ޝްރޮފް ބިރުވެރި ފިލްމެއްގެ މަސައްކަތް ފެށިކަން އިއުލާނުކޮށް އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
ހަރިސް އިމްތިޔާޒް ޚާން ޑައިރެކްޓްކޮށް، ކާސްޓްގައި ޝަރަދު ކެލްކަރް އާއި ވިރެންދުރަ ސަކްސޭނާ އަދި ޝާޖީ ޗައުދަރީ ހިމެނޭ މި ފިލްމުގެ ނަމަކީ "ކެތީ"އެވެ.
މި ފިލްމަކީ އާއިލާއެއްގެ ތެރޭގައި ކަފުންކުރެވިފައިވާ މާޒީގެ ހާދިސާތަކާ އެކު ރަށްފުށުގެ ބިރުވެރި ވާހަކަތަކެއް ބެލުންތެރިންނަށް ކިޔައިދޭނެ ފިލްމެކެވެ. މި ފިލްމުން ހިންދީ ސިނަމާގެ އެންމެ ކުޅަދާނަ ފިލްމީ ތަރިންގެތެރޭ ހިމެނޭ ތިން ތަރިން ފެންނާނެއިރު މިއީ ބެލުންތެރިން ހައިރާންކޮށްލާނެ ފަދަ ބިރުވެރި ހާދިސާތަކެއް ހިމެނޭ ފިލްމަކަށްވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ފިލްމު "ކެތީ"ގެ ފަސްޓްލުކް ޕޯސްޓަރާ އެކު ފިލްމު އިއުލާނުކުރި ނަމަވެސް މި ފިލްމާބެހޭ އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެއެވެ.

ޝަރަދު ކެލްކަރް އަދި ޖެކީ ޝްރޮފް--ފޮޓޯ/ޒޫމް
ހިންދީ ސިނަމާގެ އެންމެ ތަޖުރިބާކާރު އެކްޓަރުންގެތެރޭ ހިމެނޭ ޖެކީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، މިދިޔަ އަހަރު ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދިން ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ"އިންނެވެ. ޖެކީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ 26ގައި ރިލީޒްކުރާ ހެއްވާ މަޖާ ފިލްމު "ވެލް ކަމް ޓު ދަ ޖަންގަލް"އިންނެވެ.