ވަރަށް ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ބޮލީވުޑްގެ މަގުބޫލު ޑައިރެކްޓަ އިމްތިއާޒު އަލީ އާ ފިލްމު، "މޭ ވާޕަސް އާއޫގާ"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު އިމްތިއާޒް އަށާއި އެ ފިލްމުގެ ތަރިންނަށް ގިނަ ބަޔަކު ތައުރީފުކޮށް ވާހަކަ ދައްކައިފިއެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އިމްތިއާޒް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާ ބައިކޮށްލުމުގެ ދުވަސްވަރާއި އެ ދުވަސްވަރުގެ ހަނދާންތަކުގެ ތެރެއިން ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ބެލުންތެރިންނަށް ގެނެސްދޭނެ ފިލްމެކެވެ.
ފިލްމުގެ ޓްރެއިލާ ބަލާލުމަށްފަހު ގިނަ ބަޔަކު ބުނެފައި ވަނީ، އިމްތިއާޒް އަކީ ހަމައެކަނި ފިލްމު އުފައްދާ ފަރާތެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެއީ ޖަޒުބާތުން ފުރިގެންވާ މިއުޒިކާ އެކު ރީތި ވާހަކަތަކެއް ސްކްރީނަށް ހުށަހައިދޭ ކުޅަދާނަ ފަންނާނެއް ކަމަށެވެ.
ފިލްމުގެ ޓްރެއިލާގައި ދެއްކި މަންޒަރުތަކަށްވުރެ ބޮޑަށް އެ ފިލްމަށް ކުޅަދާނަ މިއުޒީޝަން އޭއާރް ރަހްމާން ތައްޔާރުކޮށްދީފައިވާ މިއުޒިކަށް މާ ބޮޑު ސަމާލުކަމެއް ދެވުނު ކަމަށާއި ފިލްމުގެ ލަވަތައް ރިލީޒްކުރާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

"މޭ ވާޕަސް އާއޫގާ"ގެ ޓްރެއިލާގެ ބައެއް މަންޒަރުތައް--ފޮޓޯ/އެންޑީޓީވީ
ފިލްމީ ތަރިން ކަމަށްވާ ޝަރުވަރީ ވާގް އާއި ވެދާންގް ރައިނާގެ އިތުރުން މި ފިލްމުގެ ކާސްޓުގައި އެކްޓަރު ދިލްޖީތު ދޮސާންޖް ވެސް މުހިއްމު ރޯލެއް ކުޅެއެވެ. އަދި މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ތަޖުރިބާކާރު އެކްޓަރު ނަސީރުއްދިން ޝާހް އާއި ފިލްމު "ދުރަންދަރު"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު އެކްޓަރު ދާނިޝް ޕަންދޯރު ވެސް ފެންނާނެ އެވެ.
ފިލްމު "މޭ ވާޕަސް އާއޫގާ"ގެ ސިނަމާތަކަށް ގެންނާނީ މި އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.