ގަވައިދާ ޚިލާފަށް އަވައްޓެރި ސްރީލަންކާގައި ޓީވީއާއި ރޭޑިއޯ ސްޓޭޝަން ހިންގަމުން ދިޔަ މައްސަލައެއްގެ ތުހުމަތަށް އެ ގައުމުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ބައެއް ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުން، މި މައްސަލައިގައި ދެ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ.
އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން، ދިވެއްސަކު ހިމެނޭހެން ދެ މީހަކު ހައްޔަރުކުރީ، ސްރީލަންކާގެ މުވާސަލާތީ އިދާރާތަކާ ގުޅިގެން، ސްރީލަންކާގެ މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އެކަމަކު އެ މީހުންގެ ވަނަވަރެއް އެ ނޫސްތަކުން ހާމަ ނުކުރެއެވެ.
ގަވައިދާ ޚިލާފަށް ހިންގަމުން ދިޔަ އެ ޓީވީއާއި ރޭޑިއޯ ސްޓޭޝަން ހިންގަމުން ދިޔައީ ސިއްރިއްޔާތުގައި، ސަލާމަތީގޮތުން ވަރުގަދަ ސަރަހައްދެއްގައި، ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓާ މާ ދުރުނޫން ހިސާބެއްގައެވެ.
ނޫސްތަކާ ހަވާލާދީ ސްރީލަންކާގެ ފުލުހުން ބުނެފައިވަނީ، އެ އެ ޓީވީއާއި ރޭޑިއޯ ސްޓޭޝަން ހިންގަމުން ދިޔައީ ޓްރެވަލް ކުންފުންޏެއްގެ ނަންމަތީގައެވެ.
ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސެޓެލައިޓް ރިސީވަރާއި ސެޓެލައިޓް ޑިޝްތަކާއި ކޮމްޕިއުޓަރުތަކާއި ސްޓާލިންކް ޔުނިޓު ހިމެނޭހެން، އެ ގައުމުގެ 50 މިލިއަން ރުޕީސްއަށް ވާ ވަރުގެ ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ، އެ ތަކެތީގެ އަގު 2.33 މިލިއަން ރުފިޔާއަށް އަރާނެއެވެ.
އެ ގައުމުގެ ފުލުހުން އިތުރަށް ބުނީ، އެ ޓީވީއާއި ރޭޑިއޯ ސްޓޭޝަން ހިންގުމަށްޓަކައި އަމިއްލަ ޓެލެކޮމްގެ ޚިދުމަތްދޭ ފަރާތެއްގެ ޑޭޓާ ބޭނުންކޮށް، ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑުކޮށް، ސްރީލަންކާއަށާއި އެ ގައުމުން ބޭރަށް ގަވައިދާ ޚިލާފަށް މި ޚިދުމަތް ފުޅާކޮށްފައިވާ ކަމަށް، މައްސަލައިގެ ފުރަތަމަ މަރުހަލާގެ ތަހުގީގުން ހާމަވާ ކަމަށެވެ.
ސްރީލަންކާގެ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.